ފްރާންސާއި އިޓަލީއާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން އެ ގޮތުގައި ދެމިއޮތުމަށް ދޫނުކޮށްލެވޭނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.
އެއް ޖަމާއަތަށް ނިސްބަތްވާ ދެ ގައުމު މަޝްވަރާއިން ހައްލުކުރެވެން އޮތް ކަމެއްގައި އަރާރުންވުމަކީ ހުތުރު އަމަލެއް ކަމަށްވެސް ބެލްޖިއަމް އިން ބުނެ އެވެ.
ޔޫރަޕުން ހިމާޔަތް ހޯދުމުގެ ނިޔަތުގައި ކަނޑުތަކަށް ނުކުންނަ މީހުން ސަލާމަތްކުރުމުގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައި އޮތް ހަމަނުޖެހުންތައް ހައްލުކުރެވޭނެ ގޮތެއް ހޯދުމަށް އީޔޫއިން މިހާރުން މިހާރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް މާގަރިޓީސް ޝިނާސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މައްސަލަ ހައްލުކުރަން ޔޫރަޕްގެ ވަޒީރުންގެ އިމަޖެންސީ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
ޝީނާސް ވިދާޅުވި ގޮތުގައި ދެ ގައުމު އެގޮތަށް ދޫކޮށްލައިފިނަމަ ޔޫރަޕްގެ ތެރޭގައި އަނެއްކާވެސް އުފެދެނީ ފިތުނަ އެވެ. އެއީ ތިންވަނަ ބަޔަކަށް ފައިދާ ނަގަން ރަނގަޅު ހާލަތަކަށް ވެދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޕެރިހާއި ރޯމާ ދެމެދު ނުތަނަވަސްކަން އުފެދިގެން އުޅެނީ ފަރަންސޭސި ވިލާތުގެ އެންޖީއޯއަކުން އޮޕަރޭޓްކުރާ އޯޝަން ވައިކިން ބޯޓު އިޓަލީގެ ބަނދަރުގައި ބަނަދަރުކުރަން އެ ގައުމުގެ ސަރުކާރުން ހުއްދަ ނުދިނުމުންނެވެ. މިއީ ހިމާޔަތް ބޭނުންވާ ރެފިއުޖީން ގޮވައިގެން ދަތުރުކުރާ އުޅަނދެކެވެ.
އިޓާލީގައި އާ ސަރުކާރެއް އެކުލަވާލުމާ ގުޅިގެން -- ޔޫރަޕް ކުރިން ހިންގަމުން ދިޔަ ބައެއް އާދަތަކަށް އިޓަލީ ވަނީ އަމަލުނުކުރާނެ ކަމަށް ބުނެފަ އެވެ.
އިޓަލީގެ މި އަމަލަކީ ޔޫރަޕްގެ މެމްބަރެއް ގޮތުގައި ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ފްރާންސުން ވަނީ ބުނެފަ އެވެ. އަދި އިޓަލިއާ އެކު ވެފައި ހުރި ބައެއް އެއްބަސްވުންތަކަށް އަމަލުކުރުން ފްރާންސުން ވަގުތީ ގޮތުން މަޑުޖައްސާލާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.