ނައިޖަރުން ފައިބާ ވަޑައިގަތުމަށް ފަރަންސޭސި ސަފީރަށް 48 ގަޑިއިރުގެ މުހުލަތެއް -- އެ ގައުމުގައި ބަޣާވާތްކޮށް ވެރިކަމަށް އަރާތިބި އަސްކަރީ ޖެނެރަލުން ދީފި އެވެ.
ފަރަންސޭސި ސަފީރު، ސިލްވައިން އިޓޭއަށް މި ހާލަތު ޖެހިވަޑައިގަތީ، ނައިޖަރުގައި މިހާރު އޮތް އަސްކަރީ ސަރުކާރުގެ ވެރިންނާ މަޝްވަރާ ކުރެއްވުމަށް ދެއްވި ފުރުސަތު ގަބޫލުނުކުރެއްވުމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސިލްވައިން އިޓޭ ވަނީ އަސްކަރީ ވެރިންގެ ހާރިޖީ ވަޒީރު ގަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވާފަ އެވެ.
ނައިޖަރުގައި ކުރިން އޮތް މުހައްމަދު ބަޒޫމްގެ ވެރިކަން ފާއިތުވި ޖުލައި 26 ގައި ވަނީ އަސްކަރީ ބަޣާވާތަކުން -- ރިޔާސީ ގާޑުންނާއި އަސްކަރިއްޔާ ގުޅިގެން ވައްޓާލާފަ އެވެ. އެ ގައުމުގައި މިހާރު ވެރިކަން ކުރަނީ އަސްކަރީ ޖެނެރަލުންގެ މެދުގައި އުފައްދާފައި އޮތް ވަގުތީ ކޮމެޓީއަކުންނެވެ.
ފަރަންސޭސިވިލާތުން ނައިޖަރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެ ގައުމުން ބޭރުކުރުމަށް ޖެނެރަލުން އެންގި އެންގުމަށް ފަރަންސޭސި ސަރުކާރުން ވަނީ ރައްދު ދީފަ އެވެ.
ފަރަންސޭސިވިލާތުގެ ހާރިޖީ ވުޒާރާއިން ނެރުނު ބާޔާނެއްގައި ބުނެފައިވާ ގޮތުން، ސަފީރު ބޭރުކުރުމުގެ އެއްވެސް ހައްގެއް ބާޣީ ސަރުކާރަށް ލިބިގެނެއް ނުވެ އެވެ. އަދި އެއީ ފަރަންސޭސިވިލާތުން ގަބޫލުކުރާ އަމުރެއް ނޫން ކަމަށްވެސް ވަނީ ބުނެފަ އެވެ.
ފަރަންސޭސިވިލާތުން ނައިޖަރަށް ސަފީރެއް ކަނޑައެޅީ ގާނޫނީ ހަމަތަކުން އުފެދިފައިވާ ސަރުކާރަކާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ފަރަންސޭސި ހާރިޖީ ވުޒާރާގެ ބަޔާނުގައިވެ އެވެ.
ނައިޖަރުގައި ފަރަންސޭސިވިލާތުގެ 1،500 ސިފައިން މިހާރުވެސް އެބަ ތިބި ކަމަށް ހަބަރުތައް ބުނެ އެވެ.
ނައިޖަރަކީ ފަރަންސޭސި އިސްތިއުމާރީ ވެރިކަމުން މިނިވަންވެފައި އޮތް ގައުމެކެވެ. މިހެން ކަން އޮތުމުން އެ ގައުމުގައި ފަރަންސޭސި ސިފައިން ތިބުމަކީ ނައިޖަރުގެ އާންމުންގެ ގިނަ ބަޔަކު އެދޭ ކަމެއް ވެސް ނޫނެވެ.
ނައިޖަރުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ބަޒޫމް އަކީ އެމެރިކާ އަދި ހުޅަނގުގެ ހުރިހާ ގައުމަކާ ވަރަށް ގުޅުން ރަނގަޅު ލީޑަރެކެވެ. ނަމަވެސް އޭނާގެ މި އަމަލުތަކަކީ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ހަބަރުތައް ބުނެ އެވެ.