ނައިޖަރުގައި އޮތް މުހައްމަދު ބަޒޫމްގެ މަދަނީ ވެރިކަން، އަސްކަރީ ބަޣާވާތަކުން ވައްޓާލަން ޖެހުނު އެއް ސަބަބަކީ -- ބަޣާވާތްކޮށް ވެރިކަމުގައި ތިބި ޖެނެރަލުން ބުނާ ގޮތުން -- އަޑި ނޭނގޭ ގުޅުންތަކެއް ހުޅަނގުގެ ގައުމުތަކާ އެކު ރައީސް ބަޒޫމްގެ ސަރުކާރުން ބޭއްވުމެވެ.
ރިޔާސީ ގާޑުންނާއި އަސްކަރިއްޔާ އެކުލަވައި ޖުލައި 26 ކުރި ބާޣާވާތަށް ފަހު މިހާރު ވެރިކަންކުރަނީ އަސްކަރިއްޔާއިންނެވެ. ވަކި ބައިގަނޑެއް ހަދައިގެން ވެރިކަންކުރާ މި ގުރޫޕުން ބޭނުންވަނީ މުޅި ގައުމު ފޮޅައި ސާރުކުރާށެވެ.
މި ގޮތުން އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިކުރުވަނީ ނައިޖަރުގައި ތިބި ފަރަންސޭސި ފައުޖުތަކަށެވެ. ފަރަންސޭސިން އެ ގައުމުން ފޭބުމަށް ގޮވާލައި ވެރިރަށް ނިއާމޭގައި މުޒާހަރާކުރަމުން އަންނަތާ މަހެއްހާ ދުވަސް ވަނީ ވެފަ އެވެ.
އާންމުން މަގުތަކަށް ނުކުމެ ފަރަންސޭސި އިސްތިއުމާރީ ވެރިކަމާ ދެކޮޅަށް އަޑުގަދަކޮށް ސައިކަލު ބުރު ޖަހަމުން ދާއިރު، ފަރަންސޭސި އެމްބަސީ ދޮށުގައި ވެސް އާންމުންގެ ވަރަށް ގިނަ މީހުން ދަނީ ނުރުހުން ފާޅުކުރަމުންނެެވެ.
ރުޅީގަދަވެފައި ތިބި އާންމުން އަޑުގަދަކޮށް ގޮވަމުން ދަނީ އެ ގައުމުން ފަރަންސޭސި ސަފީރު ބޭރުކުރުމަށެވެ. އަދި ފަރަންސޭސި އަސްކަރިއްޔާއާ ގުޅުން ހުރި ހުރިހާ ތަނެއް ބަންދުކޮށް، ފަރަންސޭސި އެމްބަސީ ވެސް ބަންދުކުރުމަށެވެ.
ނައިޖަރުގައި މިހާރު ވެސް ފަރަންސޭސި ސިފައިންގެ 1،500 އޮފިސަރުން އެބަ ތިއްބެވެ. މި މީހުން ބޭލުމަށް ބާޣީ ޖެނެރަލުން ގޮވާލި ނަމަވެސް، ފަރަންސޭސިވިލާތުން މި ގޮތެއް ބޭނުމެއް ނުވެ އެވެ.
ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން ވިދާޅުވި ގޮތުގައި ނައިޖަރުގައި ތިބި ފަރަންސޭސި އޮފިޝަލަކަށް އަދި ފަރަންސޭސިންގެ ޝައުގުވެރި ކަމަކަށް ގެއްލުމެއް ދީފި ނަމަ އެ ބަޔަކާ ދެކޮޅަށް އޮންނާނީ އަސްކަރީ ފިޔަވަޅު އެޅުމެވެ.
ނައިޖަރުގައި މިހާރު ވެރިކަންކުރާ އަސްކަރީ ސަރުކާރަކީ ފަރަންސޭސިވިލާތުން ބަލައިގަންނަ ސަރުކާރެއް ނޫން ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ.
ފަރަންސޭސި ސަފީރު ނައިޖަރުން ފޭބުމަށް އަސްކަރިއްޔާއިން ދިން 48 ގަޑިއިރު ހަމަވި އިރުވެސް އޭނާ ހުންނެވީ އެ ގައުމުގަ އެވެ. މިކަމާ ދެކޮޅަށް އަސްކަރިއްޔާއިން އަދި އެއްވެސް ކަމެއް ނުކުރެ އެވެ. ކަމެއް ކުރަން ނުކެރިގެން އުޅެނީ ފަރަންސޭސިވިލާތުން ދީފާނެ ހަމަލާއަކަށް ބިރުންނެވެ.
ނައިޖަރުގެ ހާލަތު މިގޮތަށް އޮތުމާ އެކު ފަރަންސޭސިންނަށް ދެން އޮތް މަރުހަލާ އަކީ އާންމުގެ ރުޅިވެރިކަމާއި ޖެއްސުންކުރުމާ ކުރިމަތިލުމެވެ. ވިއެޓްނާމްގައި އެމެރިކާ ސިފައިންނަށް ޖެހުނު ފަދަ ހާލަތެއް ތަޖުރިބާކުރަން ޖެހެމާ މެދު ވެސް ފަރަންސޭސިން ވިސްނަން ޖެހެ އެވެ.