ދުނިޔެ

އެފްރިކާއާ މެދު ޔޫރަޕްގެ ސިޔާސަތު ބަދަލުކުރަން ޖެހިދާނެ: ޖޯސެފް ބޮރެލް

އެފްރިކާ ބައްރުގެ ދެ ގައުމަކަށް ޖެހިޖެހިގެން ކަހަލަ ގޮތަކަށް ގެނައި އަސްކަރީ ބަޣާވާތަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)އަށް ފިލާވަޅެއް ކަމަށް -- ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ސަފީރު، ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ.

ޖޯސެފް ބޮރެލް ވިދާޅުވި ގޮތުގައި ނައިޖަރާއި ގެބޯންއަށް އަސްކަރިއްޔާއިން ބަޣާވާތެއް ގެނެސް ވެރިކަން ވައްޓާލި ނަމަވެސް -- މި ދެ ހާލަތާ މެދު ޔޫރަޕިއަން ޔޫނިއަނުން އެއް ސިޔާސަތެއް ގެންގުޅެގެން ކަމަކު ނުދާނެ އެވެ.

ސްޕޭންގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ބޮރެލް ވިދާޅުވީ -- އެފްރިކާގެ އެ ސަރައްދުގެ ގައުމުތަކަށް ބެލި ނަަމަވެސް -- ޑިމޮކްރެޓިކް ހަމަތަކުގެ މަތިން މަދަނީ ވެރިކަމެއް ގާއިމުކޮށްފައި އޮތް ހަމައެކަނި ގައުމަކީ ނައިޖަރު ކަމަށެވެ.

ނައިޖަރުގެ ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު ބަޒޫމް މަގާމުން ދުރުކޮށް، ޖުލައި 26 ގައި ގެނައި ބަޣާވާތް ޔޫރަޕިއަން ޔޫނިއަނުން ކުށްވެރިކުރާ ކަމަށް ބޮރެލް ވިދާޅުވި އެވެ.

ގެބޯންގައި ވެސް ވެރިކަން ވައްޓާލާފައި ވަނީ އަސްކަރީ ބަޣާވާތަކުން ނަމަވެސް، އެ ގައުމުގައި ވެރިން ހޮވާފައި ތިބީ ކޮޮން އުސޫލަކުންކަން ޔޫރަޕިއަން ޔޫނިއަނަށް ނޭނގޭ ކަމަށްވެސް ޖޯސެފް ބޮރެލް ވިދާޅުވި އެވެ. ނަމަވެސް، ގެބޯންގައި އޮތް ހާލަތާ މެދު މަޝްވަރާކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ޝައުގުވެރިވާ ކަމަށް ބޮރެލް ވިދާޅުވި އެވެ. އަދި ޑިމޮކްރެޓިކް ސަރުކާރެއް އެކުލަވާލަން ގެބޯންއިން އެދޭ ނަމަ އެކަމަށް އެހީތެރިވެދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނައިޖަރުގައި މިހާރު ވެރިކަން ކުރަނީ ރިޔާސީ ގާޑުންނާއި އަސްކަރިއްޔާ ގުޅިގެން އުފައްދާފައި އޮތް ޖަމާއަތަކުންނެވެ. ވެރިކަމުގައި ހުންނެވީ ޖެނެރަލް އަބްދުރަހްމާން ތަޝްޔާނީ އެވެ.

ނައިޖަރަށް ގެނައި އަސްކަރީ ބަޣާވާތާ މެދު ސަރަހައްދީ ގައުމުތަކުން އޮތީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި މުހައްމަދު ބަޒޫމްގެ ވެރިކަން އިއާދަނުކޮށްފިނަމަ ނައިޖަރާ މެދު އަސްކަރީ ފިޔަޅަވު އަޅަން ޖެހިދާނެކަން ވެސް އޮތީ އަންގާފަ އެވެ.

އަސްކަރިއްޔާގެ މި އަމަލުތައް ކުށްވެރިކޮށް ހުޅަނގު އެފްރިކާ ގައުމުތައް ހިމެނޭ ގޮތުން އުފައްދާފައި އޮތް -- އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އީކޮވާސް) އިން ނައިޖަރު އޮތީ ސަސްޕެންޑް ވެސް ކޮށްފަ އެވެ. ނަމަވެސް، ގެބޯންގައި ރައީސް އަލީ ބޮންގޯ އޮންޑިމްބާގެ ވެރިކަން ވައްޓާލުމުގައި، ދައްކާނެ ބަހަނާތައް އަސްކަރިއްޔާއަށް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ވޯޓު އޮޅުވާލުން ހިމެނެ އެވެ.

އަލީ ބޮންގޯގެ ސަރުކާރުން އިއުލާންކޮށްފައިވާ އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން އޭނާއަށް 64 ޕަސެންޓް އޮތީ ލިބިފަ އެވެ.

އިދިކޮޅުން ބުނާ ގޮތުން އޯގަސްޓް 26 ގައި ގެބޯންގައި އޮތް އިންތީހާބު ސައްހައެއް ނޫނެވެ. ރައީސް އަލީ ބޮންގޯއަށް ވަފާތެރި އޮފިސަރުން ނަތީޖާ އޮޅުވާލާފައި ވުމުގެ އިތުރުން، އިންތިހާބު ހިނގައި ދިޔަ ގޮތް ބަލައި ފާސްކުރުމަށް ބައިނަލްއަގްވާމީ ފަރާތަކަށް ދީފައި ނުވާ ކަމަށްވެސް އެ މީހުން ބުނެ އެވެ.