ނައިޖަރުގެ ވައިގެ ސަރަހައްދުން އަދިވެސް އަސްކަރީ އަދި ވަކި ކަމަކަށް ހާއްސަ ފްލައިޓްތަކަށް ދަތުރެއް ނުކުރެވެ އެވެ.
ޖުލައި 26 ގައި ނައިޖަރަށް ގެނައި އަސްކަރީ ބަޣާވާތާ ގުޅިގެން ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތުމަށްފަހު -- ކޮމާޝަލް ފްލައިޓްތަކަށް ހާއްސަކޮށް އެ ގައުމުގެ ވައިގެ ސަރައްދު ހުޅުވުމަށް އަސްކަރީ ސަރުކާރުން ހޯމަ ދުވަހު ވަނީ ހުއްދަ ދީފަ އެވެ.
އަސްކަރީ ސަރުކާރުން ދިން މި ހުއްދައިގެ ދަށުން ކޮމާޝަލް އަދި ޑޮމެސްޓިކް ފްލައިޓްތަކަށް އޮޕަރޭޓްކުރެވެ އެވެ. އަދި މުދާ އުފުލުމާއި ފަސެންޖަރުން އުފުލުމާ ގުޅިފައި ހުރި ހުރިހާ ކަމަކަށް އޮތީ ހުއްދަ ދީފަ އެވެ.
ނައިޖަރުގެ ވައިގެ ސަރަހައްދުން އަސްކަރީ ޖެޓެއް ނުވަތަ ވީއައިޕީ ފްލައިޓެއް ދަތުރުކުރަން އެދޭނަމަ ވަގުތު އޮއްވައި އަސްކަރީ ސަރުކާރުން ހުއްދަ ހޯދަން ޖެހެ އެވެ.
ގައުމު ހިންގުމަށްޓަކައި އަސްކަރީ ސަރުކާރުން މިހާރު ވަނީ ވަގުތީ ޓްރާންސްޕޯޓް މިނިސްޓްރީއެއް އުފައްދައި ވެރިއަކު އައްޔަންކޮށްފަ އެވެ.
ނައިޖަރުގެ ވައިގެ ސަރަހައްދު ބަންދުކުރީ، އެ ގައުމުގައި އޮތް ރައީސް މުހައްމަދު ބަޒޫމްގެ ވެރިކަން ހަތިޔާރުން ބިރުދައްކައިގެން ވައްޓާލުމާ ގުޅިގެން -- އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އީކޮވާސް)ގެ މެމްބަރު ގައުމުތަކުން ނައިޖަރާ ދެކޮޅަށް ބާރުގެ ބޭނުންކުރާނެކަން އިއުލާންކުރުމާ ގުޅިގެން، އޯގަސްޓް 6 ގައެވެ.
ނައިޖަރުގެ ވެރިކަމުގައި މިހާރު ތިބި އަސްކަރީ ޖެނެރަލުންގެ ބޭނުމަކަށް ވެފައި އޮތީ އެ ގައުމުގެ ވައިގެ ސަރަހައްދުން އަސްކަރީ ޖެޓްތައް ދަތުރުކުރުން މަނާކުރުމެވެ. އަދި ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮއްވައި ބޯޓެއް ވަދެއްޖެނަމަ ހަމަލާދީ ވައްޓާލުމަށް ސަބަބެއް އުފެއްދުމެވެ.
ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން އެފްރިކާ ގައުމުތަކަށް ދަތުރުކުރާ ފްލައިޓްތަކަށް ވަރަށް ބޮޑު ތަކުލީފިކަށްވި އެވެ.
ބައެއް ގައުމުތަކުން ފްލައިޓްތައް ކެންސަލްކުރުމާ ދަތުރުކުރާ މަގު ބަދަލުކުރުން އަދި ތާވަލަށް ބަދަލު ގެނެސް، ފްލައިޓްތައް އޮންނަ ދުވަސްތައް މަދުކުރަންވެސް ވަނީ ޖެހިފަ އެވެ.
ނައިޖަރުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން އީކޮވާސް އިން މިހާރު އޮތީ ނައިޖަރަށް ދަތިކޮށްފަ އެވެ. އަދި މުހައްމަދު ބަޒޫމްގެ ވެރިކަން އިއާދަކުރުމަށް ދާންދެން ދަތިކުރުންތައް އެ ގޮތުގައި އޮންނާނެ ކަމަށް ވަނީ އަންގާފަ އެވެ.