ނައިޖަރުގައި އޮތް މުހައްމަދު ބަޒޫމްގެ މަދަނީ ސަރުކާރު އަސްކަރީ ބަޣާވަތަކުން ވައްޓާލައި، ވެރިކަމަށް އަރާތިބި ޖެނެރަލުންނާ ހަނގުރާމަކުރަން ސިފައިން ފޮނުވަން ހުއްދައަށް އެދިވަޑައިގެން، ނައިޖީރިއާގެ ރައީސް ސެނެޓަށް ހުށަހެޅުއްވި ހުށަހެޅުއްވުން ބަލައިގަނެވެން ނެތް ކަމަށް ސެނެޓްގެ ރައީސް ގޯޑްސްވިލް އަކްބާޕިއޯ ވިދާާޅުވެއްޖެ އެވެ.
އަކްބާޕިއޯ ވިދާޅުވީ މިނިވަން ގައުމަކަށް އަސްކަރީ ބާރު ބޭނުންކޮށްގެން އަރައިގަތުން ސެނެޓްގެ ޗެމްބަރުން ބަލައިނުގަންނަ ކަމަށެވެ.
ނައިޖަރުގެ ރިޔާސީ ގާޑުންގެ ވެރިންނާއި އަސްކަރިއްޔާއާ ގުޅިގެން ބަޒޫމްގެ ސަރުކާރު ވައްޓާލުން އަވައްޓެރި ގައުމުތަކުންނާއި ޔޫރަޕާއި އެމެރިކާއިން ވެސް އޮތީ ކުށްވެރިކޮށްފަ އެވެ. ބަޒޫމްގެ ސަރުކާރު އިހު އޮތް ގޮތަށް ރުޖޫއަކުރުމަށް ބާޣީ ޖެނެރަލުންނަށް ހަފުތާއެއް ވެސް އޮތީ މި ގައުމުތަކުން ދީފަ އެވެ.
މި މުއްދަތުގެ ތެރޭގައި ބާޣީ ޖެނެރަލުން އަމާންދީ ހަތިޔާރު ނުބަހައްޓައިފިނަމަ ހުޅަނގު އެފްރިކާގެ ގައުމުތައް އެކުވެގެން އުފައްދާފައި އޮތް އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އީކޯވާސް) އަށް ނިސްބަތްވާ ގައުމުތަކުން ބާރުގެ ބޭނުންކޮށްގެން ނައިޖަރަށް އަރައިގަންނާނެ ކަމަށް އޮތީ ބާޣީންނަށް އަންގައި އިންޒާރު ދީފަ އެވެ. ނަމަވެސް މިއީ ބުނެލާހާ ފަސޭހައިން ވާން އޮތް ކަމެއް ނޫނެވެ.
އަސްކަރީ ބާރުގެ ބޭނުންކޮށްގެން މިނިވަން ގައުމަކަށް އަރައިގަންނައިރު އެކަން ކަމުނުގޮސް ތިބި އެހެން ބައިގަނޑެއްގެ ފަރާތުންވެސް ރައްދު ހަމަލާތަކެއް އަތުވެދާނެ އެވެ.
އަނެއްކޮޅުން ނައިޖަރު އޮންނަ ތަނުގެ ގޮތުން ވައިގެ ހަމަލާއެއް ދިނުމަކީ ވެސް -- އެހެން ގައުމަކަށް ގެއްލުން ނުވާ ގޮތަށް -- ކުރެވެން އޮތް ކަމެއް ނޫނެވެ.
މަސްރަހު މިހާރު އޮތް ގޮތުން ނައިޖަރަށް އަސްކަރީ ގޮތުން ބާރުގެ ބޭނުންކޮށްގެ އަރައިގަނެވެން އޮތީ ހަމައެކަނި ނައިޖީރިއާގެ ތެރެއިންނެވެ.
މިހެން ކަން އޮތް ނަމަވެސް ނައިޖީރިއާގެ ސެނެޓުން ހުއްދަ ނުދިނުމުން މި މަގުވެސް ބަންދުވީ އެވެ.
އީކޯވާސްގެ ގައުމުތަކަށް ނައިޖީރިއާގެ ސެނެޓުުން ގޮވާލަނީ މަޝްވަރާކޮށްގެން ގޮތެއް ހޯދުމަށެވެ. އަސްކަރީ ގޮތުން ކުރިމަތިލުމަކީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ އަދި އިއާދަކުރަން ދަތި ބަދަލުހިފުންތަކެއް އުފެދިދާނެ ކަމެއް ކަމަށްވެސް ސެނެޓްގެ ރައީސް ވިދާޅުވި އެވެ.
ނައިޖީރިއާގެ ސެނެޓުން އެ ގައުމުގެ ރައީސް ބޯލާ އަހްމަދު ޓިނުބޫއަށް ވެސް ލަފާދެއްވާފައި ވަނީ އީކޯވާސްގެ ވެރިންނާ މަޝްވަރާކުރައްވައިގެން ސުލްހަވެރި ހައްލެއް ހޯދުމަށެވެ.