އަލްޖިރިއާގައި ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބު މިހާރުގެ ރައީސް އަބްދުލްމަޖީދު ތަބޫން ވަރަށް ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައިފި އެވެ.
އިލެކްޝަން އޮތޯރިޓީން އާންމުކުރި ނަތީޖާ ދައްކާ ގޮތުން ތަބޫންއަށް 94 ޕަސެންޓް ވަނީ ލިބިވަޑައިގެންފަ އެވެ.
އިދިކޮޅު ލީޑަރުންގެ ގޮތުގައި ވާދަކުރެއްވި އަބްދުލްއާލީ ހަސާނީ ޝަރީފްއަށް ލިބިވަޑައިގަތީ ތިން ޕަސެންޓެވެ. އަދި ޔޫސުފް އައޫޝީޝީއަށް ލިބިވަޑައިގަތީ 2.1 ޕަސެންޓެވެ.
ތަބޫންއަށް ލިބިވަޑައިގަތް މި ބޮޑު ކާމިޔާބާ އެކު ކުރިއަށް އޮތް ފަސް އަހަރު ވެރިކަމުގައި ހުންނަވާނީ އޭނާ އެވެ.
އިލެކްޝަނުން ހާމަކުރި ނަތީޖާ ދައްކާ ގޮތުން، ވޯޓުލުމުގެ ހައްގު ލިބިފައިވާ 24 މިލިއަން މީހުންގެ ތެރެއިން ވޯޓުލާން ނުކުތީ 6 މިލިއަނެވެ. މިހާ މަދު ބަޔަކު ވޯޓުލާން ނުކުތުމާ ގުޅިގެން އިދިކޮޅުން ވަނީ ތަބޫންއަށް އޮތް ތާއީދާ މެދު ސުވާލު އުފައްދާފަ އެވެ.
އަލްޖީރިއާ އަކީ އެފްރިކާގައި ބިމުގެ ގޮތުން އެންމެ ބޮޑު ގައުމެވެ. އާބާދީ އަކީ 45 މިލިއަނެވެ. މިއީ ދެކުނު އެފްރިކާއަށްފަހު އާބާދީ އެންމެ ބޮޑު ގައުމެވެ.
ހޮނިހިރު ދުވަހުގެ މި ނަތީޖާއާ މެދު ބައިނަލްއަގްވާމީ އޮބްޒާވަރުންވެސް ތިބީ ހައިރާންވެފަ އެވެ. މިއީ ކުރިން ހީކުރި ގޮތާ ހިލާފަށް ތަބޫންއަށް ތާއީދު ބޮޑު އިންތިހާބަކަށް ވަނީ ވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ތަބޫންގެ މައިގަނޑު އަމާޒަކަށްވީ ޒުވާނުންނެވެ. ކެމްޕޭންގައިވެސް އެންމެ ގިނައިން ދެއްކެވީ ޒުވާނުން ގުޅުން ހުރި ވާހަކަތައް ކަމަށް ހަބަރުތައް ބުނެ އެވެ.
ތަބޫންއަށް އޮތް އަނެއް ފައިދާ އަކީ އަލްޖީރިއާގެ އަސްކަރިއްޔާ އޭނާއާ އެކު އޮތުމެވެ. ހަބަރުތައް ބުނާ ގޮތުން ތަބޫންގެ ވެރިކަން ދެމެހެއްޓުމަކީ އަސްކަރިއްޔާއަށް ވަރަށް ބޮޑު ޝަރަފެކެވެ.
ވެރިކަމުގެ ދެވަަނަ ދައުރުގައި އާންމު ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރައްވާނެ ކަމަށް ތަބޫން ވިދާޅުވި އެވެ. ވަޒީފާތައް އިތުރުކުރައްވައި އާންމުންނަށް އިތުރު އެހީ ފޯރުކޮށްދެވޭނެ ގޮތްތައް ހޯއްދަވާނެ ކަަމަށް ވެސް ވިދާޅުވި އެވެ.