ދުނިޔެ

ޒަޔަނިސްޓުންށް އެހީތެރިވާން ޣައްޒާއަށް ދާ މީހުންނަށް ދައުވާކުރާނަން: ރާމަފޯސާ

ފަލަސްތީންގެ ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމާގައި ޒަޔަނިސްޓުންނަށް މަދަދުވެރިވާން ގޮސް ތިބި ދެކުނު އެފްރިކާގެ ކޮންމެ މީހަކީ ކުށްވެރިއެއް ކަމަށް އެ ގައުމުގެ ރައީސް ސިރީލް ރާމަފޯސާ ވިދާޅުވެއްޖެ އެވެ.

ރާމަފޯސާ ވިދާޅުވީ އެ މީހުން އެނބުރި ގައުމަށް އައި ދުވަހަކުން އެ މީހުންނަށް ދައުވާ ކުރެވޭނެ ކަމަށާއި ގާނޫނު ތަންދޭ އެންމެ ބޮޑު އަދަބުން އަދަބު ކަނޑައެޅޭނެ ކަމަށެވެ.

ރާމަފޯސާ ވިދާޅުވި ގޮތުގައި ޒަޔަނިސްޓް ޔަހޫދީން ޣައްޒާއަށް އަރައިގަނެ ހިންގަމުން ގެންދަނީ އިންސާނީ ޖަރީމާތަކެއް ކަމަށާއި އެއީ އެއްވެސް ބައެއްގެ ހައްގުގައި ކުރެވޭ ސައްހަ ހަނގުރާމައެއް ނޫން ކަމަށެވެ.

ފަލަސްތީންގެ ބިމުގައި ފަލަސްތީންގެ ރައްޔިތުންގެ ބޮލަށް ބޮންއަޅައި ބަޑިޖަހައި މެރުމަކީ ދެކުނު އެފްރިކާ ދުވަހަކު ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް ރާމަފޯސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޣައްޒާގައި ޔަހޫދީން މިހާރު ހިންގަމުން އެ ގެންދަނީ -- ޒަޔަނިސްޓު ސަރުކާރުގެ ވެރިންގެ މައްޗަށް، ބައިނަލްއަގްވާމީ މުޖުރިމުންގެ ކޯޓުގައި ދައުވާކުރެވޭ ވަރުގެ ބޮޑެތި ކުށްތަކެއް ކަމަށެވެ.

ޔަހޫދީންގެ ދިފާއީ ބާރުތަކާ ގުޅިގެން ފަލަސްތީންގެ އާންމު ރައްޔިތުންނަށް ހަމަލާދިނުމުގައި ދެކުނު އެފްރިކާ އެކަކުވެސް ހަރަކާތްތެރިވުމަކީ ވަރަށް ބޮޑު ހިތާމައެއް -- އަދި އެއީ ލޯހުޅުވާލަން ނުކެރޭ ވަރުގެ ބޮޑު ލަދެއް ކަމަށް، ދެކުނު އެފްރިކާގެ ހާރިޖީ ވުޒާރާއިން ވެސް ބުނެފައިވެ އެވެ.

ދެކުނު އެފްރިކާގެ އެއްވެސް ރައްޔިތަކު ޣައްޒާ ހަނގުރާމާގައި ބައިވެރިވުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ހާރިޖީ ވުޒާރާގެ ބަޔާނުގައިވެސް އޮތީ ބުނެފަ އެވެ. ހަނގުރާމާގައި ބައިވެރިވާ ކޮންމެ މީހަކާ މެދު ބައިނަލްއަގްވާމީ އިދާރާތަކުގައި ޝަރީއަތް ކުރެވުމަކީ ވަރަށް ގާތް ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ދުނިޔޭގައި ވަކިވަކި ގަބީލާތަކުގެ މެދުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ގުޅުމެއް ނެތް ބަޔަކަށް ހުއްދަވެގެންވާ ކަމެއް ނޫން ކަމަށެވެ. މިއީ އިންސާނީ ޖަރީމާއެއްގައި ބައިވެރިވުން ކަމަށް ދެކޭ ކަމަށްވެސް ބުންޏެވެ.

އަމިއްލަ ގައުމު ބައިވެރިވާ ހަނގުރާމައެއްގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް ވެސް އޮންނަ ގޮތަކީ ހާރިޖީ ވުޒާރާއިން ބުނި ގޮތުން، ސަރުކާރުގެ ރުހުން ހޯދުމެވެ.

ޣައްޒާގައި ޔަހޫދީން ހިންގަނީ ޣައިރު ގާނޫނީ ހަނގުރާމައަކަށް ވާތީ އެ ހަނގުރާމައަށް މަދަދުވެރިވުން ވާނީ ބައިނަލްއަގްވާމީ ގޮތުން ބޮޑު ކުށަކަށް ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ދެކުނު އެފްރިކާގެ ރައްޔިތުން ހޯދައިގެން ތިބި ބަޔަކު ޣައްޒާ ހަނގުރާމާގައި ބައިވެރިވެއްޖެނަމަ އެ މީހަކަށް ދެކުނު އެފްރިކާގެ ރައްޔިތުން ގެއްލޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.