ނައިޖަރުގެ ވެރިރަށް ނިއާމޭގައި ހުންނަ ފަރަންސޭސިވިލާތުގެ އެމްބަސީން ކަރަންޓާއި ފެން ކަނޑާލައިފި އެވެ.
ނައިޖަރުގައި މިހާރު ވެރިކަންކުރާ އަސްކަރީ ސަރުކާރުން މިވަރުގެ ހަރުކަށި ފިޔަވަޅެއް އެޅީ ފަރަންސޭސިވިލާތުގެ ސަފީރު ސިލްވައިން އިޓޭ އެ ގައުމުން ފައިބާ ވަޑައިގަތުމަށް ދެއްވާފައި އޮތް 48 ގަޑިއިރުގެ މުހުލަތު ހަމަވިއިރުވެސް އެ ގައުމުން އޭނާ ފައިބައި ވަޑައިގެންފައި ނުވާތީ އެވެ.
ނައިޖަރުގެ އެހެން އަވަށްތަކުގައި ދިރިއުޅުއްވާ ފަރަންސޭސިވިލާތުގެ މުޝީރުންނާއި އޮފިސަރުންގެ ގެއިން ވެސް ކަރަންޓާއި ފެން ވަނީ ކަނޑާލާފަ އެވެ.
ހަބަރު އޭޖެންސީތަކުން އަދި ސޯޝަލް މީޑިއާގައި ފެތުރެމުންދާ ހަބަރުތައް ބުނާ ގޮތުން ފަރަންސޭސި އެމްބަސީއަށް ކާބޯތަކެތި ވެއްދުން ވެސް އަސްކަރީ ސަރުކާރުން އޮތީ މަނާކޮށްފަ އެވެ.
އަސްކަރީ ސަރުކާރުން ނެެރެފައި އޮތް ބަޔާނެއްގައި ބުނެފައިވާ ގޮތުން ނައިޖަރުގައި ތިބި ބައިނަލްއަގްވާމި އެއްވެސް އިދާރާއަކުން ފަރަންސޭސިވިލާތުގެ އެމްބަސީއަށް އެހީތެރިކަން ފޯރުކޮށްދީފިނަމަ، އެ ބަޔަކާ މެދު ހަރުކަށި ފިޔަވަޅު އެޅޭނެ އެވެ. އަދި އެއީ ނައިޖަރުގެ ދައުލަތާ ދެކޮޅު ބައެއް ކަމަށް ކަނޑައެޅޭނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ނައިޖަރުގައި އޮތް ރައީސް މުހައްމަދު ބަޒޫމްގެ މަދަނީ ސަރުކާރު އަސްކަރީ ބަޣާވާތަކުން ވައްޓާލީ ޖުލައި 26 ގައެވެ. އެއީ އަސްކަރީ ޖެނެރަލުން ބުނާ ގޮތުން ހުޅަނގާ ގުޅިގެން އަޑި ނޭނގޭ ޑީލްތަކެއް ބަޒޫމް ހައްދަވަމުން ގެންދަވާތީ އެވެ.
މުހައްމަދު ބަޒޫމް އަކީ އެމެރިކާ އާއި ހުޅަނގުން ވަރަށް ލޯބިވާ ލީޑަރެކެވެ.
ނައިޖަރުގެ އާންމުން ބުނާ ގޮތުން އެ ގައުމުގައި ހުރި ގުދުރަތީ މުއްސަނދި ކަމުން އެންމެ ބޮޑު ފައިދާއެއް ނަގަނީ ފަރަންސޭސިވިލާތުންނެވެ.
ނައިޖަރަކީ ނިއުކްލިއާ ޕަވާ އުފައްދަން ބޭނުންކުރާ ބާވަތެއް ކަމަށްވާ ޔުރޭނިއަމް ވަރަށް ގިނައިން ހުރި ގައުމެކެވެ. މި މާއްދާތަކުން އެންމެ ބޮޑު ފައިދާއެއް ހޯދާ ގައުމަކީ ފަރަންސޭސިވިލާތް ކަމަށް އާންމުން ބުނެ އެވެ.
ފަރަންސޭސިވިލާތަކީ ނިއުކްލިއާ ރިއެކްޓަރުތަކުން ކަރަންޓް އުފައްދާ ގައުމެކެވެ. ފަރަންސޭސިވިލާތަށް ބޭނުންވާ ހަކަތައިގެ ވަރަށް ބޮޑު ބައި ނިއުކްލިއާ ޕަވާ ޕްލާންޓްތަކުން ފުއްދަ އެވެ.
ނިއުކްލިއާ ޕަވާ ޕްލާންޓްތައް ހިންގަަނީ ނައިޖަރުން ގެންދާ ޔޫރޭނިއަމް ވެސް ބޭނުންކޮށްގެންނެވެ. ބަދަލުގައި ނައިޖަރަށް ވަރަށް މަދު ކަމެއް ނޫނީ ފަރަންސޭޭސިން ކޮށްދީފައެއް ނުވެ އެވެ.