ދުނިޔެ

ޕޮލޭންޑް-ބެލަރޫސް ބޯޑަރުގައި ބޮޑުފާރު ރާނަނީ

ޕޮލޭންޑްއާ ބެލަރޫސް ގުޅިފައި އޮތް ސަރަހައްދީ ބޯޑަރަށް ހިޖުރަވެރިން ޖަމާވުމުގެ ސަބަބުން ހިނގަމުންދާ ހަމަނުޖެހުންތަކުގައި، ޕޮލޭންޑާ ބެލަރޫސް ވަކި ކުރުމުގެ ގޮތުން ބޮޑުފާރެއް ރާނާނެ ކަމަށް ޕޮލޭންޑުން ބުނެފި އެވެ.

ޕޮލޭންޑް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސެނެޓަރު ކްރީޒްޓޯފް ވިދާޅުވި ގޮތުގައި އެންމެ ލަސްވެގެން ވެސް ޑިސެމްބަރު 15 ގައި ފާރު ރާނަން ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ކުރެވެނީ ފާރު ރާނައި ދޭނެ ބަޔަކު ކަނޑައެޅުމުގެ މަސައްކަތްތަކެވެ. އިންޓީރިއާ މިނިސްޓަރު ވިދާޅުވި ގޮތުގައި މަސައްކަތްތައް ތިން ޝިފްޓަށް ބަހާލައިގެން ހުއްޓުމެއް ނެތި 24 ގަޑިއިރު ކުރިއަށް ގެންދާނެ އެވެ.

އިންޓިރީއާ މިނިސްޓަރު ވިދާޅުވި ގޮތުގައި އެއްކޮޅުން އަނެއްކޮޅަށް ރާނާ ފާރުގެ ދިގު މިނުގައި 180 ކިލޯމީޓަރު ހުންނާނެ އެވެ. ބޮޑު ފާރުގެ އުސްމިން ފަސް މީޓަރަށް ވުރެ އެންމެ ތަންކޮޅެއް ވެސް ތިރި ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ފާރުގައި ޒަމާނީ އިލެކްޓްރޯނިކްސް ހަރުކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ހައިރިޒޮލޫޝަން ކެމެރާ އާއި މޯޝަން ސެންސަރު އަދި އެލާމް ސިސްޓަމް ހިމެނެ އެވެ.

ޕޮލޭންޑްއާ ބެލަރޫސްގެ އިން ވަކިކުރާ ސަރަހައްދުގައި ފާރެއް ރޭނުމަށް ގާނޫނީ ގޮތުން ހޯދަން ޖެހޭ ހުރިހާ ހުއްދައެއް ހޯދާފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ. އެ ސަރަހައްދު ވަކިކުރަން ކަށިނަރު ދެމުމުގެ އިތުރު ކަމެއް މިވަގުތު ކޮށްފައެއް ނެތެވެ.