ހަބަރު

ސުޕްރީމް ކޯޓަށް ހައިކޯޓުގެ އިސް ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު އައްޔަން ކުރަން ލަފާ ދީފި

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު އައްޔަން ކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން ރައީސް އަބްދުﷲ ޔާމީންނަށް ލަފާ ދެއްވުމަށް ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަން ސާބިތުވެގެން ކުރިމިނަލް ކޯޓުން ހުކުމްކޮށް ހައިކޯޓުން ތާއިދުކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ އެވެ.

އެންމެފަހުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ފަނޑިޔާރަކަށް ކޮށްފައިވާ ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން އެ ފަނޑިޔާރަކު ކުށްވެރިވާ ކަމަށް ކަނޑައަޅާ ހިސާބުން ފަނޑިޔާރުކަން އޮޓަމެޓިކުން ގެއްލޭނެ އެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުﷲ ދީދީ އާއި އަބްދުލް ޣަނީ އައްޔަންކުރުމަށް ރައީސް ޔާމީނަށް ލަފާ ދެއްވުމަށެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ އިޖުރާއަތްތައް ކަނޑައަޅާފައިވަނީ ގާނޫނު އަސާސީގެ 148 ވަނަ މާއްދާގަ އެވެ. އެ މާއްދާގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް މީހަކު އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ މީހަކު ކަނޑައަޅާނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މަޝްވަރާގެ މަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.

ދިރާސާކުރުމަށް ރައީސް މަޖިލީހަށް ފޮނުވާ ނަންތަކާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމުމުން ހަތް ދުވަހުގެ ތެރޭގައި ފަނޑިޔާރު ކަމުގެ މަގާމަށް އެ މީހަކު އައްޔަންކުރަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި ތިއްބަވަން ޖެހެނީ އުއްތަމަ ފަނޑިޔާރާއެކު ފަސް ފަނޑިޔާރުންނެވެ.