ހަބަރު

މި ޝަރީއަތުގައި އިންސާފެއް ނެތް: ފާރިސް

ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗައް ކުރާ ޝަހުސު އޮލުވާލުމުގެ ދައުވާގެ ޝަރީއަތް ކުރިއަށްދާ ގޮތުން ޝަރީއަތަށް ނުފޫޒު ފޯރާފައިވާ ކަން ވަރަށް ބޮޑަށް ހާމަވާ ކަމަށް މިއަދުގެ ޝަރީއަތުގައި ފާރިސް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކުރި މައްސަލާގައި ފާރިސްގެ މައްޗައް ކުރާ ދައުވާގެ މިއަދުގެ ޝަރީއަތަކީ ދެ ފަރާތުން ހުލާސާ ބަޔާން އިއްވުމަށް ބޭއްވި ޝަރީއަތެކެވެ.

މިއަދުގެ ޝަރީއަތުގައި ފާރިސް ވިދާޅުވީ، މި މައްސަލައިގެ ޝަރީއަތް ދެ ދުވަސް ފަހުން ބޭއްވުމަށް ގާޒީ ނިންމެވި ކަމަށާއި ނަމަވެސް ދެ ދުވަސް ހަމަ ނުވަނީސް މައްސަލަ އަލުން ތައާވަލް ކޮށްފައިވާތީ ކަންބޮޑުވާ ކަމަށެވެ. އަދި ވިދާޅުވީ، މި މައްސަލައިގެ ކަންތައްތައް އޮޅޭ ގޮތަށް ކުރިއަށްދާ ކަމަށެވެ.

ފާރިސް ވިދާޅުވީ، ވަކީލުންނާއި މަޝްވަރާ ކުރުމަށް އިތުރު ފުރުސަތެއް ދެއްވުމަށާއި ހުލާސާ ބަޔާން އިއްވުމަށް އިތުރު ފުރުސަތެއްދީ، ޝަރީއަތް ފަސްކޮށް ދޭން އެދި ވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ގާޒީ ގާޒީ އަލީ އާދަމް ވަނީ އިތުރު ފުރުސަތެއް ނުދެއްވާ މިއަދުގެ ޝަރީއަތުގައި ހުލާސާ ބަޔާން އިއްވުން ކުރިއަށް ގެންގޮސްފަ އެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުން ވަނ ީ ހުލާސާ ބަޔާން އިއްވާފަ އެވެ. ދައުލަތުން ހުލާސާ ބަޔާން އިއްވަމުން ދިޔަ ވަގުތުވެސް ފާރިސް ފުރުސަތަށް އެދި ވަޑައިގަތެވެ. ނަމަވެސް ގާޒީ ނިންމެވީ ދައުލަތުން ހުލާސާ ބަޔާން އިއްވާ ނިމުމުން ފުރުސަތު ދޭށެވެ.

ހުލާސާ ބަޔާނަށްފަހު ފާރިސް އަށް ފުރުސަތު ދިނުމުން އޭނާ ވަނީ ޝަރީއަތް ބާއްވަން އެންގި ދުވަހަށްވުރެ ކުރިން ބާއްވާފައިވާކަން ފާހަ ކުރައްވާ މައްސަލަ ކުރިއަށްދާ ގޮތުން ފަނޑިޔާރު ގެއަށް ނުފޫޒު ވަދެފައިވާކަން ގަބޫލު ކުރެއްވޭ ކަމަށް ވިދާޅުވެފަ އެވެ.

ފާރިސް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އެކެއް ފެބްރުއަރީގެ އަމުރަށްފަހު މި މައްސަލައިގެ ޝަރީއަތަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށާއި މައްސަލަ ކުރިއަށްދާ ގޮތުން އެކަން ހާމަވާ ކަމަށެވެ. އަދި އަމުރަށްފަހު ޕީޖީއަށާއި ފުލުހަށްވެސް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށެވެ.

އޭނާގެ ހައްގުތައް ވަރަށް ބޮޑަށް ގެއްލޭ ގޮތަށް ޝަރީއަތް ކުރިއަށްދާ ކަމަށާއި ދައުލަތަށް ފުރުސަތު ދެއްވި ގޮތަށް ހަމަހަމަ ކަމާއެކު ފުރުސަތު ދެއްވައި އެހެން ދުވަހަކަށް ޝަރީއަތް ފަސްކޮށް ދިނުމަށް ވަށް އެދި ވަޑައިގެންނެވި އެވެ.

ގާޒީ ވަނީ ފަސް ކުރެވެން ނެތް ކަމަށް ވިދާޅުވެ މިއަދުގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.

އޭގެ ފަހުން ފާރިސް ވިދާޅުވީ، މި މައްސަލައިގެ ޝަރީއަތް ކުރިއަށްދާ ގޮތުން ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އަވަސް އަރުވާލައިގެން ކުރިއަށް ގެންދަނީ މައްސަލަ ނިންމަން ޖެހޭ ޑެޑްލައިނެއް އޮތުމުންތޯ ވެސް ގާޒީއާ ސުވާލު ކުރެއްވި އެވެ. އަދި އޭނާއަށް އެއް ދުވަސް ނުދެވެންވީ ސަބަބެއް ނުވިސްނޭ ކަމަށް ވެސް ވިދާޅުވި އެވެ.

ފާރިސް ވަނީ މި މައްސަލައަށް ނުފޫޒު ފޯރާ ކަމަށް ވިދާޅުވެ ޝަރީއަތުގައި ލޮލަށް ނުފެންނަ އަތެއް އުޅޭތޯ ވެސް ގާޒީއާ ސުވާލު ކުރެއްވި އެވެ.

"އިންސާފު އެބަ އޮތްތޯ މިތަނުގަ؟" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ، މައްސަލައިގެ ކަންކަން ކުރިއަށް ގެންދިއުމުގެ ބާރާއި މައްސަލަ ނިންމުމުގެ ހުރިހާ ބާރެއް ލިބިގެންވަނީ ގާޒީ އަށް ކަމަށާއި އެހެން ބަޔަކު މި މައްސަލައިގެ ޝަރީއަތަށް ނުފޫޒު ފޯރުވާނަމަ އެކަން އޭނާއަށް ވެސް އެނގެން ޖެހޭ ކަމަށެވެ.

ގާޒީ ވަނީ މި މައްސަލައިގެ އިތުރު އަޑުއެހުމެއް މިއަދު 5:00 އަށް ތައާވަލްކޮށް ޝަރީއަތް ނިންމާލައްވާފަ އެވެ.