ހަބަރު

ފާރިސް ފަރާތުން ހުލާސާ ބަޔާން އިއްވުން މިއަދު ހަވީރު

ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗައް ކުރާ ޝަހުސު އޮލުވާލުމުގެ ދައުވާގައި ފާރިސްގެ ފަރާތުން ހުލާސާ ބަޔާނަށް އިތުރަށް ތައްޔާރުވުމަށް ފުރުސަތުދީ މި މައްސަލައިގެ އެންމެ ފަހު ޝަރީއަތް މިއަދު ހަވީރަށް ތައާވަލްކޮށްފި އެވެ.

ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކުރި މައްސަލާގައި ފާރިސްގެ މައްޗައް ކުރާ ދައުވާގެ މިއަދުގެ ޝަރީއަތަކީ ދެ ފަރާތުން ހުލާސާ ބަޔާން އިއްވުމަށް ބޭއްވި ޝަރީއަތެކެވެ.

މިއަދުގެ ޝަރީއަތުގައި ފާރިސް ވިދާޅުވީ، މި މައްސަލައިގެ ޝަރީއަތް ދެ ދުވަސް ފަހުން ބޭއްވުމަށް ގާޒީ ނިންމެވި ކަމަށާއި ނަމަވެސް ދެ ދުވަސް ހަމަ ނުވަނީސް މައްސަލަ އަލުން ތައާވަލް ކޮށްފައިވާތީ ކަންބޮޑުވާ ކަމަށެވެ. އަދި ވިދާޅުވީ، މި މައްސަލައިގެ ކަންތައްތައް އޮޅޭ ގޮތަށް ކުރިއަށްދާ ކަމަށެވެ.

ފާރިސް ވިދާޅުވީ، ވަކީލުންނާއި މަޝްވަރާ ކުރުމަށް އިތުރު ފުރުސަތެއް ދެއްވުމަށާއި ހުލާސާ ބަޔާން އިއްވުމަށް އިތުރު ފުރުސަތެއްދީ، ޝަރީއަތް ފަސްކޮށް ދޭން އެދި ވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ގާޒީ ގާޒީ އަލީ އާދަމް ވަނީ އިތުރު ފުރުސަތެއް ނުދެއްވާ މިއަދުގެ ޝަރީއަތުގައި ހުލާސާ ބަޔާން އިއްވުން ކުރިއަށް ގެންގޮސްފަ އެވެ.

ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، މި މައްސަލައަކީ ޕީޕީއެމުން ފާރިސް ވަކިކޮށްފައިވަނިކޮށް އެހެން ސިޔާސީ ޕާޓީތަކުގެ އިސްފަރާތްތަކާއެކު މޫކައި ހޮޓެލްގައި ބޭއްވި ޕްރެސްގައި ޕީއެމްގެ ދިދައާ ލޯގޯ، ޕީޕީއެމްގެ މުސްތަޝާރު އަދި އެޕާޓީގެ ކައުންސިލަށް ނާންގައި ބޭނުން ކޮށްފައިވާތީ ކޮށްފައިވާ ދައުވާއެއް ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، އިލެކްޝަން ކޮމިޝަންގެ ސިޓީން، ފާރިސް ޕީޕީއެމުން ވަކިކޮށްފައިވާކަން ޕީޕީއެމްގެ ރައީސް އަށް އަންގާފައިވަނީ އެ ޕްރެސް ބޭއްވުމުގެ ކުރިންކަން ހާމަވާ ކަމަށެވެ.

ސިއްރު ހެކިވެރިންގެ ހެކިބަހުން ސީދާ ޕީޕީއެމް ތަމްސީލް ކުރިކަން އެބޭފުޅުންނަށް ނޭންގުނު ނަމަވެސް ދައުލަތުން ހުށަހެޅި އެ ޕްރެސްގެ ވޯޑިއޯގައި އެމްޑީޕީގެ ޕާލިއަމަންޓް ގްރޫޕްގެ ލީޑަރު އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ ފާރިސް އަކީ ޕީޕީއެމްގެ ފަރާތުން ތަމްސީލް ކުރައްވާ ފަރާތެއްކަން ޕްރެސް ފެށުމުގެ ތައާރަފްގައި ބުނެފައިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، ފާރިސްގެ ފަރާތުން ހުށަހެޅި ހެކީންގެ ފަރާތުން ދިފާއުން މައިގަނޑު ގޮތެއްގައި ސާބިތު ކުރަން މަސައްކަތް ކޮށްފައިވަނީ ދެ ކަމެއް ކަމަށާއި، އެއީ ފާރިސް ޕީޕީއެމުން ވަކިކޮށްފައިނުވާ ކަމަށާއި އެދުވަހުގެ ޕްރެސްގައި ފާރިސް ތަމްސީލް ކޮށްފައިވަނީ ޕީޕީއެމް ނޫން ކަމަށެވެ.

ޕާޓީން ވަކި ކުރިކަމަށްބުނެ ފާރިސް ހުށަހެޅި މައްސަލަ ފަހުން އަނބުރާ ގެންގޮސްފައިވާތީވެ ދޭހަވާ ކަމަކީ އޭނާ ޕާޓީން ވަކިކޮށްފައިވަނީ ރަނގަޅަށްކަން ގަބޫލުކުރާކަން ހާމަވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ދިފާއުން ހުށަހެޅި ހެކީންގެ ހެކިބަހުންވެސް ސުލޫކީ ކޮމިޓީން ފާރިސް ވަކި ކުރަން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއްކަން ހާމަވާ ކަމަށާއި އެއީ ސުލޫކީ ކޮމިޓީގެ ކޯރަމް ހަމަވެގެން ނިންމިކަން ހާމަވާތީ އެވެ.

ދައުލަތުގެ ހުލާސާ ބަޔާން އިއްވާ ނިމުމުން ފާރިސް އަށް ފުރުސަތު ދިނުމުން އޭނާ ވަނީ ޝަރީއަތް ބާއްވަން އެންގި ދުވަހަށްވުރެ ކުރިން ބާއްވާފައިވާކަން ފާހަ ކުރައްވާ މައްސަލަ ކުރިއަށްދާ ގޮތުން ފަނޑިޔާރު ގެއަށް ނުފޫޒު ވަދެފައިވާކަން ގަބޫލު ކުރެއްވޭ ކަމަށް ވިދާޅުވެފަ އެވެ.

ފާރިސް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އެކެއް ފެބްރުއަރީގެ އަމުރަށްފަހު މި މައްސަލައިގެ ޝަރީއަތަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށާއި މައްސަލަ ކުރިއަށްދާ ގޮތުން އެކަން ހާމަވާ ކަމަށެވެ. އަދި އަމުރަށްފަހު ޕީޖީއަށާއި ފުލުހަށްވެސް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށެވެ.

އޭނާގެ ހައްގުތައް ވަރަށް ބޮޑަށް ގެއްލޭ ގޮތަށް ޝަރީއަތް ކުރިއަށްދާ ކަމަށާއި ދައުލަތަށް ފުރުސަތު ދެއްވި ގޮތަށް ހަމަހަމަ ކަމާއެކު ފުރުސަތު ދެއްވައި އެހެން ދުވަހަކަށް ޝަރީއަތް ފަސްކޮށް ދިނުމަށް ވަށް އެދި ވަޑައިގެންނެވި އެވެ.

ގާޒީ ވަނީ ދެދުވަސް ފަހުން ބޭއްވުމަށް ވިދާޅުވެވުނީތީ މާފަށް އެދިފަ އެވެ. ނަމަވެސް ޝަރިއަތް ފަސް ކުރެވެން ނެތް ކަމަށް ވިދާޅުވެ މިއަދުގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ގާޒީ ނިންމެވި އެވެ.

ގާޒީ އެގޮތަށް ނިންމެވުމުން ފާރިސްގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ، ދައުލަތުގެ ހުލާސާ ބަޔާނުގައި ކުރިން ހިމަނާފައިނުވާ ކަންކަން ހާމަކޮށްފައިވާ ކަމަށާއި އެއީ އިބޫގެ ވާހަކައާ ކޯޓުގެ ނިންމުމެއް ކަމަށެވެ. އެކަމުގެ ލިޔެކިޔުންތައް ލިބިފައިނުވާތީ އެ ލިޔުންތައް މުރާޖާ ކުރުމަށް އިތުރު ފުރުސަތެއްދީ ޝަރީއަތް ފަސް ކުރުމަށް ޝަމީލް އެދުނެވެ.

ގާޒީ ވިދާޅުވީ، އިތުރު ފުރުސަތެއް ދެވެން ނެތް ކަމަށާއި މިއަދު ހުލާސާ ބަޔާން އިއްވަން ޖެހޭނެ ކަމަށެވެ. އެކަމާ ގުޅިގެން ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ދައުލަތަށް ފުރުސަތު ދެއްވި ގޮތަށް ހަމަހަމަ ކަމާއެކު ފުރުސަތުދީ ދެ ދުވަހުގެ މުއްދަތެއް ދައުލަތަށް ދިން ގޮތަށް ދިނުމަށެވެ.

ގާޒީ ވިދާޅުވީ، މިއަދުގެ ހަވީރު 5:00 އަށް ފުރުސަތު ދެވިދާނެ ކަމަށާއި އޭގެ އިތުރަށް ފުރުސަތު ނުދެވޭނެ ކަމަށެވެ.

އޭގެ ފަހުން ފާރިސް ވިދާޅުވީ، މި މައްސަލައިގެ ޝަރީއަތް ކުރިއަށްދާ ގޮތުން ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އަވަސް އަރުވާލައިގެން ކުރިއަށް ގެންދަނީ މައްސަލަ ނިންމަން ޖެހޭ ޑެޑްލައިނެއް އޮތުމުންތޯ ވެސް ގާޒީއާ ސުވާލު ކުރެއްވި އެވެ. އަދި އޭނާއަށް އެއް ދުވަސް ނުދެވެންވީ ސަބަބެއް ނުވިސްނޭ ކަމަށް ވެސް ވިދާޅުވި އެވެ.

ފާރިސް ވަނީ މި މައްސަލައަށް ނުފޫޒު ފޯރާ ކަމަށް ވިދާޅުވެ ޝަރީއަތުގައި ލޮލަށް ނުފެންނަ އަތެއް އުޅޭތޯ ވެސް ގާޒީއާ ސުވާލު ކުރެއްވި އެވެ.

"އިންސާފު އެބަ އޮތްތޯ މިތަނުގަ؟" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ، މައްސަލައިގެ ކަންކަން ކުރިއަށް ގެންދިއުމުގެ ބާރާއި މައްސަލަ ނިންމުމުގެ ހުރިހާ ބާރެއް ލިބިގެންވަނީ ގާޒީ އަށް ކަމަށާއި އެހެން ބަޔަކު މި މައްސަލައިގެ ޝަރީއަތަށް ނުފޫޒު ފޯރުވާނަމަ އެކަން އޭނާއަށް ވެސް އެނގެން ޖެހޭ ކަމަށެވެ.

ގާޒީ ވަނީ މި މައްސަލައިގެ އިތުރު އަޑުއެހުމެއް މިއަދު 5:00 އަށް ތައާވަލްކޮށް ޝަރީއަތް ނިންމާލައްވާފަ އެވެ.