ހަބަރު

ފާރިސްއަށް މިރޭ ހުކުމް އިއްވަނީ

ޝަހުސު އޮޅުވާލުމުގެ މައްސަލާގައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހުކުމް އިއްވުމަށް މިރޭއަށް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

މީގެކުރިން ވެސް ފާރިސްގެ މައްސަލާގެ ހުލާސާ ބަޔާން އިއްވުމަށް ދެ އަޑުއެހުމެއް ތާވަލުކޮށް އަޑުއެހުން ފަސްކޮށްފައިވެ އެވެ. މިއަދު ހެނދުނަށް ތާވަލުކުރި އަޑުއެހުމުގައި ދައުލަތުން ހުލާސާ ބަޔާން އިއްވި އެވެ. ނަމަވެސް ފާރިސްއަށް ތައްޔާރު ނުވެވޭތީ ހަވީރަށް އަޑުއެހުމެއް ތާވަލުކުރި އެވެ.

މިއަދު ހަވީރު އޮތް އަޑުއެހުމުގައި ފާރިސްގެ ފަރާތުން ވަނީ ހުލާސާ ބަޔާން އިއްވާފަ އެވެ. އެގޮތުން މިއަދުގެ ޝަރީއަތުގައި ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ފާރިސްއާ މަޝްވަރާކޮށް ހުލާސާ ބަޔާން ތައްޔާރު ކުރުމަށް ކޯޓުން ވަގުތު ދެއްވި ނަމަވެސް ކަރެކްޝަނުން ފާރިސްއާ ބައްދަލު ކުރުމަށް ފުރުސަތު ނުދެއްވާ ކަމަށެވެ. އަދި ފާރިސްއާ ބައްދަލު ކުރަން ފޯމް ފުރައިފައި ލުމުން ފޯމްވެސް ބަލައިގެންފައިނުވާ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ، ބައެއް މުއައްސަސާތަކުން އަމަލު ކުރަނީ ފާރިސްގެ ހައްގުތައް ގެއްލޭ ގޮތަށް ކަމަށާއި ނަމަވެސް އެކަމަށް އެއްވެސް ފަރާތަކުން ފިޔަވަޅު ނާޅާ ކަމަށެވެ. އަދި ދައުލަތުގެ ފަރާތުން ލިޔެ ކިޔުންތަކެއް ނުލިބޭ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ. މައުމޫން ހަމީދު ވަނީ އިތުރު ދުވަހަކަށް ހުލާސާ ބަޔާން އިއްވުން ފަސްކޮށްދިނުމަށް އެދިފަ އެވެ.

ގާޒީ ވިދާޅުވީ، ހަމަހަމަ ކަމާއެކު ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ފާރިސްއަށް ދިނުމަށް ކަރެކްޝަނަށް މީގެ ކުރިން އަންގާފައިވާނެ ކަމަށެވެ. ގާޒީ ވިދާޅުވީ މިއަދު ދެއްވިީ އެންމެ ފަހު ފުރުސަތު ކަމަށާއި އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށެވެ.

އެހެންކަމުން ދިފާއުން ވަނީ ޝަރީއަތުގައި ހުލާސާ ބަޔާން އިއްވާފަ އެވެ. ހުލާސާ ބަޔާން އިއްވަމުން މައުމޫން ހަމީދު ވިދާޅުވީ، މި މައްސަލަ ފާރިސްގެ މައްޗަށް ސާބިތު ކުރުމަށް ނުވަ ކަމެއް ޝަރީއަތުގައި ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ޕީޕީއެމުން ފާރިސް ވަކިކޮށްފައިވާ ކަމާއި، ޕީޕީއެމްގެ ލޯގޯ އަދި ދިދަ ފާރިސް ބޭނުން ކޮށްފައިވާ ކަމަށާއި ޕީޕީއެމްގެ ލޯގޯ އަދި ދިދަ ޕީޕީއެމްގެ މުސްތަޝާރާއި ކައުންސިލްގެ ހުއްދަ ހޯދަން ޖެހޭ ކަމާއި، ޕީޕީއެމްގެ ލޯގޯ އަދި ދިދަ ކޮންމެ މީހަކަށްވެސް ބޭނުން ކުރެވޭނެކަން ކަމަށެވެ.

ހުލާސާ ބަޔާން އިތުރަށް އިއްވީ، ފާރިސްގެ ޓީމްގައި ހިމެނޭ ވަކީލް އިބްރާހިމް ޝަމީލް އެވެ. އޭނާ ވިދާޅުވީ، ދައުލަތުގެ ފަރާތުން ހުށަހެޅި ދެ ހެވިވެރީންނަށް ޕްރެސް ހިނގާދިޔަގޮތް ނޭންގޭ ކަމަށެވެ. އަދި ވިދާޅުވީ، ޕީޕީއެމް ތަމްސީލް ކޮށްފައިވާކަމަށް ފާރިސް ވިދާޅުވި ކަމަށް ދައުލަތުން އެއްވެސް ވަރަކަށް ސާބިތުކޮށްދެވިފައިނުވާ ކަަމަށެވެ.

ޝަމީލް ވިދާޅުވީ، ދިފާއުން ހުށަހެޅި ފަސް ހެކީންގެ ހެކިބަހުންވެސް ފާރިސް ޕީޕީއެމް ތަމްސީލް ކޮށްފައިނުވާކަން ސާބިތުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ދައުލަތުން ހުށަހެޅި ދެ ހެކިވެރިން ދީފައިވަނީ ދޮގު ހެކިބަސް ކަމަށާއި އެކަން ދައުލަތުން ހުށަހެޅި ވީޑިއޯ އިންވެސް ސާބިތުވާ ކަމަށެވެ.

ޝަމީލް ވިދާޅުވީ، ދިފާއުން ހުށަހެޅި ހެކީންގެ ތެރެއިން އަބުދުﷲ ހަލީމްގެ ހެކިބަހުން ސައްހަ ގޮތުގައި ސުލޫކީ ކޮމިޓީއެއް ފާރިސްގެ މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށާއި ފާރިސް ޕާޓީން ވަކި ކޮށްފައިނުވާ ކަން ސާބިތުވާ ކަމަށެވެ.

ހުލާސާ ބަޔާން އިތުރަށް އިއްވަމުން މައުމޫން ހަމީދު ވިދާޅުވީ، މި މައްސަލައަކީ ޖިނާއި ކުށަކަށްވާ މައްސަލައެއް ނޫންކަން ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުންވެސް ސާބިތުވާ ކަމަށެވެ. އެގޮތުން އިލެކްޝަން ކޮމިޝަނުން ފާރިސް ވަކި ކުރުމަށްފަހު ރައީސް މައުމޫނަށް ފޮނުވި ސިޓީގައި ވަނީ އެކަން ތަންފީޒުކޮށްދިނުމަށެވެ. އެކަމުންވެސް އިނގޭ ކަމަކީ ޕާޓީން ވަކި ކުރުމުގެ ބާރު އީސީއަށް ނުލިބޭކަން އެބޭފުޅުންވެސް ގަބޫލު ކުރައްވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ، ޝަހްސު އޮޅުވާލުމަކީ ދައުލަތުގެ އިދާރާއެއްގައި ރަސްމީ ހައިސިއްޔަތަކުން މަސައްކަތް ކުރާ ފަރާތަކުން އެހެން މީހަކަށްވެގެން ހުރެ އަމަލެއް ހިންގުމެވެ. ނަމަވެސް މި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާގައި ޕީޕީއެމް ތަމްސީލް ކުރުމަކީ ރަސްމީ ހައިސިއްޔަތަކުން ކުރި ކަމަކަށް ނުވާނެ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.

ހުލާސާ ބަޔާން އިއްވާ ނިމުމުން މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށް ކަނޑައަޅައި ހުކުމް އިއްވުމުގެ މަޖިލިސް މިރެއަށް ގާޒީ ތާވަލުކުރެއްވީ އެވެ.

އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކުރި މައްސަލާގައި ފާރިސްގެ މައްޗައް ކުރާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމާ ގުޅިގެން މަޖިލީހުގެ ގޮނޑި ނުގެއްލުނު ނަމަވެސް މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.

އޭނާގެ މިހާރު ވެސް ޓެރަރިޒަމްގެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު ސަހުޝު އޮޅުވާލުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާގެ އިތުރުން ރިޝްވަތުގެ ދައުވާ ވެސް ފާރިސްގެ މައްޗަށް ކުރެ އެވެ.

ފާރިސްގެ މައްޗަށް މިރޭ ހުކުމް ކުރާއިރު ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ރޯދަ މަހުގެ ތެރޭގައި ވަނީ ޖަލު ހުކުމެއް އިއްވާފަ އެވެ.