ކުޅިވަރު

މެކްސިކޯ ބަލިކޮށް ސްވިޑެން އެއް ވަނަ އަށް

މެކްސިކޯގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ސްވިޑެންއިން ގުރޫޕް އެފް ގެ އެއް ވަނައިގައި ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

މެޗަށް ނިކުތް އިރު ގުރޫޕްގެ އެއް ވަނައިގައި އޮތީ މެކްސިކޯ އެވެ. ނަމަވެސް ތިން ލަނޑުގެ ތަފާތުން ބަލިވުމުން، މެކްސިކޯ ވަނީ ގުރޫޕްގެ ދެ ވަނަ އަށް ވެއްޓިފަ އެވެ.

ދެ ވަނަ ބުރުގައި، ސްވިޑެން ވާދަ ކުރާނީ ގުރޫޕް "އީ" ގެ ދެ ވަނަ ޓީމާ ދެކޮޅަށެވެ. މެކްސިކޯ ވާދަ ކުރާނީ ގުރޫޕް "އީ" ގެ އެއް ވަނަ ޓީމާ ދެކޮޅަށެވެ. ގުރޫޕް އީ ގެ އެއް ވަނައިގައި މިވަގުތު އޮތީ ބްރެޒިލް އެވެ. ދެ ވަނައިގައި ސްވިޒަލޭންޑެވެ. މިރޭ ކުޅޭ އެ ގުރޫޕްގެ ފަހު މެޗުތަކުން ތާވަލަށް ބަދަލު އައުން ކައިރި އެވެ.

ސްވިޑެންގެ ފުރަތަމަ ލަނޑު ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓް ތެރޭގައި ކާމިޔާބު ކުރީ ލަޑްވިގް އަގްސްޓެންސަން އެވެ. އޭނާ ލަނޑު ޖެހީ ކްލޭސޮން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ދެ ވަނަ ލަނޑު، މެޗުގެ 62 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ އެންޑްރެސް ގްރާންކް ވިސްޓެވެ. ސްވިޑެންގެ ތިން ވަނަ ލަނޑަކީ އެ ޓީމުން އުފެއްދި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި މެކްސިކޯގެ އެޑިސަން އަލްވާރެޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.