ކުޅިވަރު

ސްވިސް ބަލިކޮށް، 24 އަހަރަށްފަހު ސްވިޑެން ކުއާޓާއަށް

ސްވިޒަލޭންޑްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، 24 އަހަރު ފަހުން، ވޯލްޑްކަޕުގެ ކުއާޓާ ފައިނަލަށް ސްވިޑެން ދަތުރު ކޮށްފި އެވެ.

ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅެފައިވާ ސްވިޑެން، އެންމެ ފަހުން ކްއާޓާ ފައިނަލަށް ދަތުރު ކުރީ، އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގަ އެވެ. އެ ފަހަރު ސެމީ ފައިނަލަށް ދަތުރުކޮށް، މުބާރާތުގެ ތިން ވަނަ ހޯދި އެވެ. ވޯލްޑްކަޕުގެ ފައިނަލަށް ސްވިޑެން ދަތުރު ކުރީ އަމިއްލަ ގައުމުގައި 1954 ވަނަ އަހަރު ބޭއްވި މުބާރާތުގަ އެވެ. ފައިނަލުގައި އެ ޓީމު ބަލިވީ ބްރެޒިލް އަތުންނެވެ. އެމެރިކާގައި ބޭއްވި މުބާރާތުގެ ސެމީ ފައިނަލުގައި ވެސް އެ ޓީމަށް ހުރަސް އެޅީ ބްރެޒިލުންނެވެ. ބްރެޒިލްގެ މަޝްހޫރު ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑުން ސްވިޑެން އަށް ފައިނަލުގެ ފުރުސަތު ގެއްލުނީ އެވެ.

ފުރަތަމަ ހާފުގައި ނަތީޖާ ބަދަލު ކޮށްލެވޭ ވަރުގެ ހާލަތެއް ދެ ޓީމަށެވެސް ހޯދިފަ އެއް ނުވެ އެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ޓީމުންވެސް ކުޅެމުން ދިޔައީ އެއްވަރެއްގަ އެވެ. ގޯލް ކުރިމަތީގައި ސްވިޑެންއަށް ވުރެ ބޮޑަށް ނުރައްކާ ކުރީ ސްވިސް އެވެ.

ސްވިޑެންގެ ލަނޑު މެޗުގެ 64 ވަނަ މިނެޓްގައި، ކާމިޔާބު ކުރީ އެމިލީ ފޯސްބާގް އެވެ. ޓޮއިވޮނެން ދިން ބޯޅަ އޭރިއާ ބޭރުގައި ހުރެފައި ފޯސްބާގް ފޮނުވާލި ބޯޅަ ގޯލަށް ވަނީ، ސްވިޒަލޭންޑްގެ ޑިފެންޑަރު އަކަންޖީގެ ފައިގައި ޖެހިފައި މިސްރާބު ބަދަލު ވެގެންނެވެ. އަކަންޖީގެ ފައިގައި ޖެހިފައި މިސްރާބު ބަދަލު ވުމުން ސްވިސްގެ ކީޕަރު ޔޭން ސޮމާވެސް ހަރަކާތް ކުރީ ނުބައި ފަޅި އަށެވެ.

ބައިކޮޅަށް ލަނޑު ވަން ނަމަވެސް ސްވިޒަލޭންޑްގެ ކުޅުންތެރިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. އެޓީމުން ކޯނަރަކުން ނެގި ބޯޅައެއް ގްރެނިޓް ޒަކާ ބޮލުން ފޮނުވާލުމުން، އެ ބޯޅަ ސްވިޑެންގެ ޑިފެންޑަރު ގްރޭންކް ވިސްޓް ދިފާއު ކުރީ ގޯލްލައިނާ ފޫޓެއްހައި ދެމެދުންނެވެ.

މެޗުގެ އެންމެ ފަހު މިނެޓްގައި ކައުންޓަ އެޓޭކް ފުރުސަތެއްގައި، ސްވިޑެންގެ މާޓިން އޮލްސެން ބޯޅަ ހިފައިގެން ހުސްކޮށް އަރައި ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެވަދެ އޮއްވައި، ސްވިޒަލޭންޑްގެ މައިކަލް ލޭންގް ވަނީ އޭނާގެ ބުރަކަށީގައި އަތުން ޖަހައި ޕެނަލްޓީ އޭރިއާތެރެއަށް ވައްޓާލާފަ އެވެ. އެ ފައުލާ ގުޅިގެން މެޗުގެ ރެފްރީ ސޮލޮވޭނިއާގެ ޑަމީރު ސޮކޮމިނާ ވަނީ، ލޭންގްއަށް ރަތް ކާޑު ދެއްކުމަށް ފަހު ޕެނަލްޓީއެއް ކަމަށް ދައްކާފަ އެވެ.

ނަމަވެސް ވީއޭއާރް ބެލުމަށް ފަހު، ރެފްރީ ނިންމީ، އޭރިއާގެ ރޮނގުމަތިން ހިލޭ ޖެހުމެއް ކަމަށެވެ. އެއީ ޕެނަލްޓީ އޭރިއާ ތެރެއަށް އޮލްސެން ވެއްޓުނު ނަމަވެސް، ފައުލް ކޮށްފައި ވަނީ އޭރިއާ ބޭރުން ކަމަށް ވާތީ އެވެ.

ޓޮއިވޮނެން ފޮނުވާލި ހިލޭޖެހުން ހިތްގައިމުކޮށް ދިޔަ ނަމަވެސް، ސްވިޒަލޭންޑްގެ ކީޕަރު ސޮމާ ވަނީ އެ ބޯޅަ ދިފާއު ކޮށްފަ އެވެ. ކްއާޓާ ފައިނަލުގައި ސްވިޑެން ބައްދަލު ކުރާނީ، މިރޭ ކޮލަމްބިއާ އާއި އިންގްލެންޑް ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.