ހަބަރު

ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މިރޭ އިއްވައިފި އެވެ. އޭނާގެ މައްޗަށް މި ހުކުމް އިއްވީ ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވެގެންނެވެ.

އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް އުފުލި ދައުވާ ސާބިތުވާ ކަމަށް ހުކުމް އިއްވީ ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އެވެ.

ހުކުމް އިއްވުމަށް މިރޭ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ، ޕީޕީއެމްއިން ފާރިސް ވަކިކޮށްފައިވަނިކޮށް، ޕީޕީއެމްގެ މުސްތަޝާރު އަދި ޕީޕީއެމްގެ ކައުންސިލްގެ ހުއްދައާ ނުލައި، ސިޔާސީ ޕާޓީތަކަކުން މޫކައި ސުއިޓްސްގައި 22 މާރިޗް 2017 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ، ޕީޕީއެމްގެ ދިދައާ ލޯގޯ ބޭނުންކޮށްފައިވާތީ، އެކަމަކީ ޝަހްސް އޮޅުވާލުން ކަމަށެވެ. އެހެން ކަމުން ކުށް ސާބިތުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

މައްސަލަ ނިންމި ގޮތާއި ގުޅޭ ގޮތުން ގާޒީ ވަނީ ނުކުތާތަކެއް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ދައުލަތުގެ ފަރާތުން މި މައްސަލަ މައިގަނޑު ގޮތެއްގައި ބިނާ ކޮށްފައިވަނީ ތިން އަސާސަކަށް ކަމަށާއި އެ ތިން އަސާސްއަކީ 13 އޮކްޓޯބަރު 2016، ވަނަ ދުވަހު ޕީޕީއެމުން ފާރިސް ވަކިކޮށްފައިވާކަމާއި ސިޔާސީ ޕާޓީތަކަކުން ބޭއްވި ޕްރެސްގައި ޕީޕީއެމްގެ މުސްތަޝާރާއި ކައުންސިލްގެ ހުއްދައާ ނުލައި އެޕާޓީގެ ދިދައާ ލޯގޯ ބޭނުންކޮށްފައިވުމާއި އެ ޕްރެސްގައި ފާރިސްގެ ފުރަގަހުގައި ޕީޕީއެމްގެ ލޯގޯ ޖެހި ދިދައެއް ހުރިކަން ސާބިތު ކުރުމަށް ކަމަށެވެ.

ގާޒީ ވިދާޅުވީ، ދައުލަތުގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޕްރެސްގައި ފާރިސްް އިންނެވި ގޮނޑީގެ ފަހަތުގައި ޕީޕީއެމްގެ ލޯގޯ ޖެހި ދިދައެއް ހުރި ކަމަށާއި އެ ޕްރެސްގައި ތަމްސީލް ކުރަނީ ޕީޕީއެމް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ޕްރެސް ފައްޓަވަމުން އެމްޑީޕީގެ ޕާލިއަމަންޓް ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވަނީ ޕީޕީއެމްގެ ފަރާތުުން ވާހަކަ ދައްކަވާނީ ފާރިސް ކަމަށް ވިދާޅުވެފަ ކަމަށެވެ.

ދިފާއުން ހުށަހެޅި ހެކިވެރިއެއް ކަމަށްވާ ރާއްޖެޓީވީގައި އެދުވަސްވަރު މަސައްކަތްކުރި ނޫސްވެރިއެއް ކަމަށްވާ އަޒްމޫން އަހުމަދު ވަނީ ފާރިސް އިންނެވި ގޮނޑީގެ ފަހަތުގައި ޕީޕީއެމްގެ ދިދައެއް ހުންނެވި ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ކަމުން ފާރިސް ތަމްސީލް ކުރީ ޕީޕީއެމްކަން ސާބިތުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ، ޕީޕީއެމްގެ ދިދައާ ލޯގޯ ކޮންމެ މީހަކަށް ބޭނުން ކުރެވޭނެ ކަމަށާއި ޕީޕީއެމުން ފާރިސް ވަކިކޮށްފައިވަނިކޮށް އެޕާޓީގެ މުސްތަޝާރާ ހިންގުން ހަވާލުކޮށްފައިވަނިކޮށް، މުސްތަޝާރާ ކައުންސިލްގެ ހުއްދައާ ނުލައި ބޭނުންކޮށްފައިވާތީ އެކަމަކީ ޝަހުސް އޮޅުވާލުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ފާރިސް އަތުގައި ނެތް ނަމަވެސް، އޭނާ އިންނެވި ގޮނޑީގެ ފަހަތުގައި ޕީޕީއެމްގެ ލޯގޯ ޖަހާގައިވާ ދިދައެއް ހުރިކަން ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށާއި އެހެންކަމުން އެ ދުވަހުގެ ޕްރެސްގައި ފާރިސް ތަމްސީލްކޮށްފައިވަނީ ޕީޕީއެމް ކަމަށް ބެލެވޭނެ ޖާގަ އެބައޮތް ކަމަށެވެ.

ގާޒީ ވަނީ ދިފާއުން ހުށަހަޅާފައިވާ ޝަފަވީ 47 ހެއްކާއި ކިތާބީ 27 ހެކީގެ ތެރެއިން ޝަފަވީ ހަ ހެކިވެރިއެއްގެ ހެކިބަސް ނެގިފައިވާ ކަމަށާއި ކިތާބީ 27 ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތުދެވިފައިވާކަން ފާހަގަ ކުރައްވާފަ އެވެ. އަދި ދިފާއުން ހުށަހެޅި ހެކިތަކަކީ މި މައްސަލައިގެ ހާދިސާއާ ނުގުޅޭ ހެކި ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ، ޕީޕީއެމުން ފާރިސް ވަކި ކުރުމުން އެކަން އިސްތިނާފު ކޮށްފައިނުވާ ކަމަށެވެ. އަދި ޕާޓީން އެގޮތަށް ވަކި ނުކުރެވޭނެ ކަމަށްބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ފަހުން ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށްބުނެ އެމައްސަލަ ބާތިލް ކުރުމަށް އެދިފައިވުމުން ޕާޓީން ވަކި ކުރީ ރަނގަޅަށް ކަން އޭނާ ގަބޫލް ކުރީކަން ދޭހަވާ ކަމަށެވެ.

މި މައްސަލައިގައި ހުށަހެޅުނު ހެއްކާއި ގަރީނާތަކަށް ބަލައި، މައްސަލަ ސާބިތުވާ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާތީ މި މައްސަލައިގެ ކުށް ސާބިތުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. ގާޒީ ވަނީ ދެފަރާތުންވެސް އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާފަ އެވެ.

އެގޮތުން ދައުލަތުގެ ފަރާތުން ޕީޖީގެ ސީނިއާ ޕްރޮސެކިއުޓާ އައިޝަތު ރީޝާ ވިދާޅުވީ، މި މައްސަލައަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ އަމަލެއް ކަމަށާއި އެހެން ކަމުން އެކަމަށް ކަނޑައެޅިފައިވާ އަދަބަކީ ހަތަރު މަހާއި 24 ދުވަސް ކަމަށެވެ. އަދި ދަރަޖަ މަތިކޮށް ނުވަތަ ދަށް ކުރަން ޖެހޭ ސަބަބެއްނެތް ކަމަށް ރީޝާ ވިދާޅުވި އެވެ.

ދިފާއުގެ ފަރާތުން އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކެވީ، އިބްރާހިމް ޝަމީލެވެ. ޝަމީލް ހުށަހެޅީ މައްސަލަ ނިންމި ގޮތް ދިރާސާ ކުރުމަށްފަހު އަދަބާ ގުޅޭގޮތުން ވަކިން މަޖިލީހެއް ބޭއްވުމަށެވެ. ނަމަވެސް ގާޒީ ނިންމެވީ އިތުރު މަޖިލީހެއް ނުބާއްވައި މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

އެގޮތުން ޝަމީލް ވިދާޅުވީ، ފާރިސްއަކީ ކުށުގެ ރެކޯޑެއް އޮތް ފަރާތެއް ނޫން ކަމަށާއި ކުށެއް ސާބިތުވެފައިވާ ފަރާތެއްވެސް ނޫން ކަމަށެވެ. އެެހެން ކަމުން އަަދަބު ދަށްކުރުމަށެވެ. ފާރިސް އަކީ މުޖުތަމައުއަށް ނުރައްކާތެރޮ ފަރާތެއް ނޫން ކަމަށާއި ކުށުގެ ރެކޯޑެއް އޮތް ފަރާތެއް ނޫން ކަމަށާއި ކުށެއް ސާބިތުވެފައިވާ ފަރާތެއްވެސް ނޫން ކަމުން ގާނޫނުލް އުގޫބާތުގެ ދަށުން ގޭ ބަންދަށް ނުވަތަ ޖޫރިމަނާގެ އަދަދު ދެއްކުމަށް ކަނޑައަޅައި ދިނުމަށެވެ.

ނަމަވެސް ގާޒީ ނިންމެވީ ދިފާއުން ހުށަހެޅި އެއްވެސް ކަމެއް ބަލައިނުގަތުމަށެވެ. އަދި ކުށުގެ އަދަބު މަތިކުރަން ޖެހޭ އަަދި ދަށްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ގާޒީ އިއްވަވައި މަޖިލިސް ނިންމާލެއްވި އެވެ.