ހަބަރު

ވިލާ ކޮލެޖްގެ ސެޕްޓެމްބަރު މަހުގެ ކޯސްތަކަށް ހުޅުވާލައިފި

Jun 28, 2018

ވިލާ ކޮލެޖުން ސެޕްޓެމްބަރު އިންޓޭކްގައި ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސެޕްޓެމްބަރު މަހު އެ ކޮލެޖުން 95 ކޯހެއްގެ އިންޓޭކް އިއުލާން ކޮށްފައިވެ އެވެ. ކޯހަށް ހުޅުވާލި ދާއިރާތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ ކޮމްޕިއުޓާ ސައިންސާއި ބިޒްނަސް މެނޭޖްމަންޓް، ޓީޗިން އާއި އެޑިއުކޭޝަނާއި ޝަރީއާ އާއި ލޯ، ހިއުމަން ރިސޯސް އަދި ނާސިން ހިމެނެ އެވެ.

މި ކޯސްތަކުގެ ތެރޭގައި މާސްޓާސް ފެންވަރުގެ 13 ކޯހާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ސެޓްފިކެޓް ފެންވަރުގެ ހަތް ކޯހަކާއި ޑިގްރީ ފެންވަރުގެ 20 ކޯސް އަދި އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ ތިން ކޯސް ހިމެނެ އެވެ.

ވިލާ ކޮލެޖުން ބުނީ، އެ ކޮލެޖުން މިއަދު އިއުލާން ކޮށްފައިވާ ކޯސްތަކަކީ އެ ކޮލެޖްގެ އަމިއްލަ ކޯސްތަކަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓާސް އަދި ޑިގްރީ ކޯސްތަކެއް ކަމަށެވެ.

މި ކޯސްތައް މާލޭގައި ހުންނަ މައި ކެމްޕަހުގަ އާއި އަތޮޅުތަކުގައި ހުރި ވިލާ ކޮލެޖްގެ ކެމްޕަސްތަކުގައި ވެސް ކިޔަވައި ދޭނެ އެވެ. ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހެވެ. ކޯސްތަކުގެ ކިޔެވުން ފަށަނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގަ އެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ ގޮތުން ދަރިވަރުންނަށް މަހު އިންސްޓޯލްމަންޓް އަށް ފީ ދެއްކޭނެ އިންތިޒާމް ވެސް ސެޕްޓެމްބަރ 2017 އިން ފެށިގެން ވަނީ ހަމަޖައްސާފަ އެވެ.