ހަބަރު

ހަތަރު އަހަރުތެރޭ އިދިކޮޅު މެންބަރުން ގެނައި ބިލެއް، ކުރި މަސައްކަތެއްނެތް: ނިހާން

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އިދިކޮޅު ޕާޓީތަކުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވައިގެން ރައްޔިތުންގެ ހައްގުގައި ގެންނެވި ބިލެއް އަދި އެބޭފުޅުން ކުރެއްވި މަސައްކަތެއް ނެތް ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ، މެއި 28، 2014 އިން ފެށިގެން 28 އޭޕްރީލް 2018 އަށް، ވޭތުވެދިޔަ ހަތަރު އަހަރު މަޖލީހަށް 149 ބިލެއް ހުށަހެޅިފައިވާ ކަމަށާއި އޭގެ ތެރެއިން 138 ބިލަކީ ސަރުކާރުން ހުށަހެޅި ބިލްތައް ކަމަށެވެ. އަނެއް 11 ބިލެއް ހުށަހަޅާފައިވަނީ އަމިއްލަ މެންބަރުން ކަމަށާއި އޭގެ ތެރެއިންވެސް އަށް ބިލަކީ ޕީޕީއެމްގެ މެންބަރުން ހުށަހަޅާފައިވާ ބިލްތައް ކަމަށެވެ.

ނިހާން ވިދާޅުވީ، އިދިކޮޅު މެންބަރުން ވޭތުވެދިޔަ ހަތަރު އަހަރު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވައިގެން ރައްޔިތުންގެ ހައްގުގައި ގެންނެވި ބިލެއް އަދި އެބޭފުޅުން ކުރެއްވި މަސައްކަތެއްނެތް ކަމަށެވެ، މި ބިލްތަކުގެ 98 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށާއި މިހާ ހިސާބަށް އައީ ޕީޕީއެމްގެ މެންބަރުންގެ އެކަނި މަސައްކަތުން ކަމަށެވެ. އެކަމުގައި އިދިކޮޅު މެންބަރުންގެ އެއްވެސް އެހީތެރިކަމެއް ލިބިފައިނުވާ ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ވޭތުވެދިޔަ އަހަރުން ފެށިގެން އިދިިކޮޅު ފަރާތްތަކުން މަޖިލީހުގެ އެއްވެސް ޖަލްސާއެއްގައި ބައިވެރިވެފައިނުވާ ކަމަށާއި ހުއްޖަތެއްގެ ގޮތުގައި ވިދާޅުވަމުންދަނީ ރައްޔިތުން މަޖިލީހުގެ ރައީސް ބަލައި ނުގަންނާތީ ކަމަށެވެ. ނަމަވެސް އިދިކޮޅު މެންބަރުން މަޖިލީހުގެ ކޮމިޓީތަކުގައި ބައިވެރިވާ ކަމަށާއި އެ ކޮމިޓީއިން ލިބޭ އެލަވަންސްތައް އެބޭފުޅުންނަށް ގޯސް ނުވާ ކަމަށެވެ.

"2018 ވަނަ އަހަރުގެ ފުރަތަމަ ދައުރަށް އެކަނިވެސް ކުރީ ތައުރުން ލިބިފައިވާ ހަ ބިލެއް އެބަވޭ، ހުށަހެޅިފަ ދޭއް އެބަވޭ، ޖުމްލަ އަށެއް އަދި ނިމުނު ދޭއް ނުނިމި ހަބިލެއްވޭ، މިއީ ރައްޔިތުންނަށް ސީދާ ގޮތެއްގައި ވަރަށް ބޮޑަށް ގުޅިފަވާ ކަންތައްތައް، އެންމެ ފަހުން މި ނިންމެވި ނިންމެނުން، އެއީ އެންމެ މަތީ ކޯޓަށް ދެ ފަނޑީޔާރުންނާއި އުއްތަމަ ފަނޑިޔާރު އައްޔަނު ކުރުމުގެ މަސައްކަތް، މި ކޮމިޓީގައި އިދިކޮޅު ބައިވެރިވެ ވަޑައިގެންނެވި، އޭގައި ބައެއް މެންބަރުން ވޯޓްދެއްވި މަންޒަރުވެސް ފެންނާނެ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ކޮންމެ ކޮމިޓީއަކަށް ބަރާބަރަށް ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް މަޖިލީހަށްވަދެ ރައްޔިތެއްގެ ހައްގުގަ ބަހެއް ބުނެލައި ވަޑައިގަންނަވަނީ ކަމަށެވެ. އަދި ވިދާޅުވީ، އެއީ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށާއި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަންކެރޭ ބައެއް ކަމުގައިވާނަމަ އެތަޅުމަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވީ، އިދިކޮޅު މެންބަރުން މަޖިލީހަށް ވަޑައިނުގަންނަނީ މަޖިލީހުގެ ރައީސް ބަލައިނުގަންނާތީ ކަމަށާއި ނަމަވެސް މަޖިލީހުގެ ކޮމިޓީތަށް ހުންނަނީ މަޖިލީހުގެ ރައީސްގެ ބެލުމުގެ ދަށުން ކަމަށެވެ. އެ ކޮމިޓީތަކުގައި ބައިވެރިވެ، އެކޮމިޓީގެ ކަންކަމުގައި ވޯޓްދެއްވާ ކަމަށާއި އޭގެ ބޭނުމަކީ އެލަވަންސް ނެގުން ކަމަށެވެ، ރައްޔިތުންނަށް ކަންކަން އޮޅޭ ގޮތަށް އިދިކޮޅުން އަމަލު ކުރަމުންދާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޖިލީހުގެ މެންބަރުންނަކީ ގައުމާއި ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި މަސައްކަތް ކުރަންޖެހޭ ބައެއް، އަޅުގަނޑުމެންގެ ގާނޫނީ ވާޖިބެއް އެކަން ކުރުމަކީ، ވަކި ދާއިރާއަކަށް މަންފ ލިބޭ ގޮތަކަށް ނޫން، މުޅި ގައުމު ޝާމިލް ކުރަން ޖެހޭނީ، އެހެންވީމަ މަޖިލީހުގެ ތަޅުމަށް އަންނަ ކަންކަމުގައި ބައިވެރިނުވާ ރައްޔިތުންގެ މަންދޫބުންނާއި ދޭތެރޭގައި ރައްޔިތުން އެބަޖެހޭ ސުވާލު އުފައްދަން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ ރައްޔިިތުން ތަމްސީލް ކުރާ މަގާމްތަކަށް ބޭފުޅުން އައްޔަން ކުރައްވާއިރު ޒިންމާދާރުކަން ކުޑަ ބޭފުޅުން އައްޔަން ނުކުރެއްވުމަށާއި މިއީ ރައްޔިތުން މިކަމާދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭ ވަގުތެއް ކަމަށެވެ. ފެނިގެން މިދަނީ އެއްވެސް މަގުބޫލް ސަބަބެއްނެތި އިދިކޮޅު މެންބަރުންގެ އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ރައްޔިތުންގެ ބޭނުންތަކާއި އިދިކޮޅަށް މަސައްކަތް ކުރާ މެންބަރުން ތަކެއްގެ ގޮތުގައި ކަމަށް އަދުރޭ ވިދާޅުވި އެވެ.