ބޮލީވުޑް

ސަލްމާނާއެކު ބަންސާލީ ގެނެސްދޭ ފިލްމް 2020 ގައި

މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ އާއި ސަލްމާން ޚާން އެކުގައި މަސައްކަތްކުރަން ނިންމާފައި މި ވަނީ 11 އަހަރު ފަހުންނެވެ. މި ފިލްމުގެ ވާހަކަ މިހާރު ވަރަށް ގަދަޔަށް ދެކެވެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. ފިލްމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މި ދެމީހުން ގިނަ މަޝްވަރާތަކެއް ވެސް ކުރަމުން އަންނަ ކަމަށްވެ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި މިހާރު މި ފިލްމަށް ދޭނެ ނަމެއްވެސް ވަނީ ކަނޑައަޅާފަ އެވެ. ކަށަވަރު ނުވި ނަމަވެސް ބަންސާލީގެ އަރިސް މީހަކާއި ހަވާލާދީ ހިންދުސްތާން ޓައިމްސްގައި ބުނެފައި ގޮތުން މި ފިލްމަށް ދޭނެ ނަމަވެސް ވަނީ ނިންމާފަ އެވެ.

"ބަންސާލީ މިހާރު ވަނީ އެ ނަން ރަޖިސްޓްރީވެސް ކޮށްފަ. މި ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ނިންމާލުމަށް ހައެއް ނޫނީ ނުވަ މަސް ހޭދަވާނެ ކަމަށް ބެލެވޭ. ސަލްމާންގެ ފިލްމު "ބާރަތު" ގެ މަސައްކަތް ނިމުމުން އަންނަ އަހަރު މި ފިލްމު ޝޫޓް ކުރަން ފަށާނެ ކަމަށް ބެލެވޭ. އަދި މި ފިލްމު ރިލީޒްކުރާނެހެން ހީވަނީ 2020 ގެ ކުޑަ އީދުގަ."

ބަންސާލީ އާއި ސަލްމާން ގުޅިގެން 2007 ވަނަ އަހަރު ފިލްމު "ސާވަރިޔާ" ގެނެސްދިނެވެ. މި ފިލްމު ވެގެންދާނީ އޭގެފަހުން މި ދެމީހުން އެކުގައި މަސައްކަތްކުރާނެ ފިލްމަށެވެ.