ހަބަރު

52 ޕަސެންޓް ޔަގީންނަމަ އަވަހަށް އިންތިހާބު ބާއްވާ: މަހްލޫފް

Jul 1, 2018
2

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބުދުﷲ ޔާމީިން އަބުދުލްގައްޔޫމް 52 ޕަސަންޓުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވުމުން، އެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ސުވާލު ތަކަކާއެކު ރައްދު ދެއްވައިފި އެވެ.

އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް ޔާމީން އިންތިހާބު 52 ޕަސެންޓުން ކާމިޔާބު ކުރައްވާނެކަން ޔަގީންވާނަމަ އަވަހަށް އިންތިހާބު ބާއްވަން ގޮވާލާ ކަމަށެވެ.

ޓްވީޓްގައި މަހުލޫފް ވަނީ ނިހާނާ ތިން ސުވާލެއް ކުރައްވާފަ އެވެ. އެއީ 23 ސެޕްޓެމްބަރުގައި އިންތިހާބު އޮންނާނެތޯ އާއި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި އެޕާޓީގެ ޕާލިއަމަންޓް ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ނަން ވޯޓް ކަރުދާހުގައި އޮންނާނެތޯ އާއި ގާނޫން އަސާސީގައިވާ ގޮތަށް ވޯޓްލާ މަރުކަޒުގައި ވޯޓް ގުނައި ނަތީޒާ އިއުލާން ކުރާނަންތޯ އެވެ.

އަންނަ ރިޔާސީ އިންތިހާބު 52 ޕަސެންޓުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް ނިހާން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ދޫކޮށްލެވިކަން ކުރީގެ ރައީސް ނަޝީދު އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ. އެއާއެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ނެރުމަށް ކޮންގްރެސްއިން ރޭ ވަނީ ފާސްކޮށްފަ އެވެ.

ކޮންގްރެސްގައި އިބޫއަށް އެމްޑީޕީގެ ޓިކެޓްދީފައިވާއިރު ރަނިންމޭޓެއް ނެރުމަށް ޖުމްހޫރީ ޕާޓީއަށްވަނީ ބާރު ދީފަ އެވެ. އެގޮތުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ (އައިޝާ) ގެ ނަން ވަނީ އެންމެ ބޮޑަށް ބަހުސް ކުރެވޭ ތިން ނަމެވެ. ނަމަވެސް ޖޭޕީން ރަނިންމޭޓަކު ކަނޑައަޅާނީ ކޮންއިރަކު ކަމެއް ހާމައެއް ނުކުރެ އެވެ.