އަހުމަދު މަހްލޫފު

ނިހާންގެ ދައުވަތު މަހްލޫފް ގަބޫލެއް ނުކުރި

އެސްއޯއެފްއިން ފައިސާ ލިބުނު މައްސަލައިގައި ގެއަށް ފޮނުވާލާފައިވާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އިިދިކޮޅު ޕީޕީއެމްގެ ކޯލިޝަންއާ ގުޅުމަށް އިދިކޮޅު ޕީޖީ ލީޑަރު އަހުމަދު ނިހާން ދެއްވި ދައުވަތު އޭނާ ގަބޫލު ނުކުރައްވާކަން މިއަދު ހާމަކުރައްވައިފި އެވެ.

ނިހާންގެ ދައުވަތު ގާބޫލުނުކުރައްވާ އަވަސްގެ ހަބަރެއް ރީޓުވީޓު ކުރައްވާ މަހްލޫމް ވިދާޅުވީ އޭނާ މިހާރު ހުންނެވި އެމްޑިޕީއަކީ ރައްޔިތުންގެ ފަޅި ކަމަށެވެ. ނިހާން މަހްލޫފް އަށް ފޮނުވި ދައުވަތު ގައި ވިދާޅުވެފަ ވަނީ އެމްޑިޕީ އަކީ ދޮގާއި މަކަރުވެރި ޕާޓީ އެއް ކަމަށެވެ. އަދި މަހްލޫފް އަކީ ޕީޕީއެމްއާއި ޑީއާރްޕީ އިން އުފެދުނު ސިޔާސީ ލީޑަރަކަށް ވުމުން ޕީޕީއެމް އާއި އަލުން ގުޅެން ދައުވަތު ދެއްވާ ކަމަށެވެ.

ނިހާން އަށް ރައްދު ދެއްވާ މަހްލޫފް އިތުރަށް ވިދާޅުވީ، އޭނާ ވަޒީރުކަމުން ވަކިކޮށް މަގުމަތިކޮށް ސަލާން ޖަހަން ޖެހުނަސް ހުންނާނީ އެމްޑިޕީގައި ކަމަށެވެ. މަހްލޫފް އާއި ނިހާން ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގަތީ އެކުއެކީގައި ދެ ރަހުމަތް ތެރެިންގެ ގޮތުގައި އޭރުގެ ރައީސް މައުމޫން އަބްދުއް ގައްޔޫމް ފަޅި ކަމަށްވާ ޑީއާރްޕީ އިންނެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ އެސްއޯއެފް އެކައުންޓުން 33،000 ޑޮލަރު ޖަމާކުރި ކަމަށް އޭސީސީގެ ރިޕޯޓުގައި އޮތުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރީ މިދިއަ މަހު އެވެ.

ފަހުން ޑިއާރްޕީ މައްސަލަ ޖެހުމުގެ ސަބަބުން މައުމޫން އާއި މިދިޔަ ދައުރުގައި ވެރިކަން ކުރި އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދި ސިޔާސީ ޕާޓީ ޕީޕީއެމް އަށް މަހްލޫފް އާއި ނިހާން ވަނީ ގުޅިވަޑައިގެނެފަ އެވެ. މަހްލޫފް ޕީޕީއެމް ވަކިވި އިރުވެސް ނީހާން ހުންނެވީ ޕީޕީއެމްގައި އޭރުގެ ރައީސް ޔާމީންގެ ފަހަތްފުޅުގަ އެވެ.

ޕީޕީއެމްއިން ވަކިވެ އިސްލާހީ މަސައްކަތުގައި އުޅެން ޖެހުނު ސަބަބު މަހްލޫފް ވަނީ އަވަސްގެ "އަވަސް ހުކުރު" ޕޮރޮގްރާމްގައި ކިޔައިދީފަ އެވެ. އޭނާ ޕީޕީއެމް އިން ވަކިވީ ޔާމީނަށް ތުހުމަތު ކުރާ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން އެކަމާ ދެކޮޅު ހެއްދެވުމަށްފަހު ކަމަށް މަހްލޫފް އަވަސް ހުކުރުގައި ވަނީ ވިދާޅުވެފަ އެވެ. އޭގެ ފަހުން ރައީސް ޔާމީން ވެރިކަމުގައި މަހްލޫފް ޖަލަށް ވެސް ލި އެވެ.

ގިނަ ދުވަހު އެއްވެސް ޕާޓިއަކާ ގުޅިވަޑައިނުގަނެ އިސްލާހީ މަސައްކަތުގައި އުޅުމަށްފަހު މަހްލޫފް ވަނީ މިހާރު ވެރިކަން ކުރަމުންދާ އެމްޑިޕީއާއި ގުޅިވަޑައިގެނެފަ އެވެ.