އަހުމަދު ނިހާން ހުސައިން މަނިކު

ނިހާންގެ ދައުވަތު: މަހުލޫފު އަލުން ޕީޕީއެމާ ގުޅެން އާދޭ!

އެމްޑީޕީ ދޫކޮށްލައި ރައްޔިތުންގެ ފަޅިއަށް އެރުމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ގޮވާލައްވައިފި އެވެ. -- ހިޔާނާތުގެ ތުހުމަތުތަކަކާ ގުޅިގެން މަސްއޫލިއްޔަތުތަކުން ދުރުކޮށް ގޭގައި ބަހައްޓާފައިވާ މިނިސްޓަރު މަހުލޫފާއި މެންބަރު ނިހާނަކީ އެކުގައި ސިޔާސީ ދާއިރާއަށް ނުކުންނެވި ދެ ރަހުމަތްތެރީންނެވެ.

މަހުލޫފާ ގުޅުވައި މިފަދަ މޭރުމަކުން ނިހާން ވާހަކަފުޅު ދެއްކެވީ ޓުވިޓާ މެދުވެރިކޮށެވެ. އޭނާ ވިދާޅުވީ ރާއްޖެ ދުށް ހިތްވަރުގަދަ ކެރޭ ސިޔާސީ ބަތަލުން އައީ ޕީޕީއެމާއި ޑީއާރްޕީން ކަމަށާއި މަހުލޫފަކީ އޭގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި އެމްޑީޕީއަށް ފާޑު ވިދާޅުވުމަށްފަހު އަލުން ޕީޕީއެމް އިހްތިޔާރު ކުރެއްވުމަށް ވެސް ނިހާން އެދި ވަޑައިގެންފައި ވެ އެވެ.

މަހްލޫފް ފުރަތަމަ ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގަނެފައިވަނީ ޑީއާރްޕީއިންނެވެ. ފަހުން ރައީސް މައުމޫން އަބްދުއް ގައްޔޫމާއި ރައީސް ޔާމީން އުފެއްދެވި ޕީޕީއެމްއާ ގުޅިވަޑައިތެވެ. ޕީޕީއެމްގެ ލޯގޯ ޑިޒައިން ކުރެއްވީ ވެސް މަހުލޫފެވެ. އޭނާ ޕީޕީއެމް ދޫކުރައްވާ ވަޑައިގެންނެވި ގޮތުގެ ތަފުސީލް މަހުލޫފު ވަނީ "އަވަސް ހުކުރު" ގައި ތަފުސީލް ކޮށްދެއްވާފަ އެވެ.

މަހްލޫފް ޕީޕީއެމް ދޫކުރައްވާ ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތު ކުރާ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން އެކަމާ ދެކޮޅު ހެއްދެވުމަށްފަހު އެވެ. އޭގެ ފަހުން ރައީސް ޔާމީން ވެރިކަމުގައި މަހްލޫފް ޖަލަށް ވެސް ލި އެވެ.

ޕީޕީއެމްއިން ވަކިވުމަށްފަހު އޭރުގެ އިދިކޮޅު ޕާޓީތަކާއެކު އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިނުގަނެ ހުންނަވައި އިސްލާހީ މަސައްކަތުގައި އުޅުއްވުމަށްފަހު އޭނާ މިހާރު ހުންނެވީ ވެރިކަން ކުރާ އެމްޑިޕީގަ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމުގެ ކޮއްކޯފުޅާ ކައިވެނި ބައްލަވައިގެން އުޅުއްވާ މަހްލޫފްގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ އެސްއޯއެފް އެކައުންޓުން 33،000 ޑޮލަރު ޖަމާކުރި ކަމަށް އޭސީސީގެ ރިޕޯޓުގައި އޮތުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރީ މިދިއަ މަހު އެވެ.

އޭސީސީގެ ރިޕޯޓް އާއްމު ކުރުމުން މަހްލޫފް ވަނީ އެފައިސާއަކީ ހިޔާނާތުގެ ފައިސާ ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ އޭނާގެ އާއިލާ ބަޔަކު ހިންގާ ފިހާރައަކުން ޑޮލަރު ގަންނަން ވެގެން އެސްއޯއެފް އާއެކު ހިންގި މުއާމަލާތެއް ކަމަށް ވެސް ވިދާޅުވި އެވެ.