ހޮލީވުޑް

މިހާރު އިންތިޒާރުކުރެވޭ ފިލްމުތައް

ފިލްމު ބެލުމަށް ޝައުގުހުރި ފަރާތްތަކަށް މި މަހަކީ އީދެކެވެ. ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބަލަމުން އަންނަ ހޮލީވުޑް އަދި ބޮލީވުޑަށް ބަލާނަމަ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ގިނަ ފިލްމުތަކެއް މި މަހު ރިލީޒް ކުރަން ތާވަލުކޮށްފައި ވެއެވެ.

ޖުލައި މަހަކީ ސަމާ ސީޒަންގައި ހޮލީވުޑް "ބްލޮކްބާސްޓާ" ފިލްމުތައް އާންމުކޮށް ނުކުންނަ ވެސް މަހެވެ. އެގޮތުން މި އަހަރު މި މަހުވެސް ގިނަ ފިލްމުތަކެއް ރިލީޒް ކުރާނެ އެވެ. އޭގެ ތެރޭގައި ބޮޑެތި ފިލްމުތަކާއި ފްރެންޗައިޒް ފިލްމުތައް ހިމެނެ އެވެ. ތާފަތު ޖޯންރާތަކުގެ މުޅިން އާ ފިލްމުތަކުގެ އިތުރުން ސްޕިން އޮފް ފިލްމުތައް ވެސް މި މަހު ނުކުންނާނެ އެވެ.

"ބޮލީވުޑް" އަށް ބަލާނަމަ ގިނަ ފިލްމުތަކެއް ރިލީޒްކުރަން ތާވަލުކޮށްފައި ހުރި ނަމަވެސް ބޮޑު ފިލްމަކަށް މި މަހު ނުކުންނާނީ ދެ ފިލްމެވެ. ސަބަބެއް ކަމަށް ބެލެވެނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ސަންޖޫ" އާއެކު މި ޖުލައި މަހުގެ ކުރީކޮޅު ހުރިހާ ސިނަމާތަކެއްގައި ވަކި ހިތްޕާލައިގެން އޮންނާނީ އެ ފިލްމުކަމަށް ވާތީ އެވެ. މި ފިލްމަށް އެންމެ ތިން ދުވަސް ތެރޭގައި މިހާރުވެސް ވަނީ ބޮކްސް އޮފީހުގައި 75 ކްރޯޑު ލިބިފަ އެވެ.

އޭންޓް-މޭން އެންޑް ދަ ވަސްޕް

މި ފިލްމަކީ ސުޕަހީރޯ ފިލްމުތައް ގެނެސްދޭ މާވެލް ސްޓޫޑިއޯ އިން މިއަހަރު ބަލުންތެރިންނާ ހަމައަށް ގެނެސްދޭނެ ހަތަރު ވަނަ ފިލްމެވެ. އަންނަ ހުކުރު ދުވަހު ރިލީޒްކުރާ މި ފިލްމުގައި ފެނިގެންދާނީ ފިލްމުގެ ކެރެކްޓާ، ހޯޕް ވެން ޑައިން (އެވާންޖެލިން ލިލީ) އަށް ސައިޒް ބަދަލު ކުރެވޭ ސޫޓެއް ލިބުމުން އޭނާއަށް ކުރެވޭ ކަންތައްތަކެވެ.

"އޭންޓް-މޭން އެންޑް ދަ ވަސްޕް" ގެ ޓްރެއިލާ.

އޭންޓް-މޭންގެ ރޯލުން ޕޯލް ރައިޑް ފެނިގެންދާ މި ފިލްމުގައި މުހިންމު ރޯލުތަކުން ދެން ފެނިގެންދާނީ މައިކަލް ޑަގްލަސް، މިޝޭލް ޕައިފާ އަދި ހެނާ ޖޯން އެވެ. މި ފިލްމު ޑައިރެކްޓުކުރަނީ ޕޭޓޮން ރީޑް އެވެ.

ހޮޓެލް ޓްރާންސިލްވޭނިއާ 3: ސަމާ ވެކޭޝަން

މިއީ މި މަހު ނިކުންނަ ފްރެންޗައިޒް ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ. އެނިމޭޓެޑް މި ފިލްމަކީ ސޮނީ ޕިކްޗާސް އެނިމޭޝަނުން ގެނެސްދޭ ފިލްމެކެވެ. މިއީ ފްރެންޗައިޒްގެ ތިން ވަނަ ފިލްމެވެ. އަދި "ހޮޓެލް ޓްރާންސިލްވޭނިއާ 2" ގެ ސީކުއެލް ފިލްމެވެ.

މޮންސްޓާތަކެއްގެ ވާހަކަ ގެނެސްދޭ މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނަނީ ޑްރެކިއުލާ މީހަކަށް (ޑްރެކް) އިންސާނަކު ދެކެ (އެރިކާ) ލޯބިވެވުމުން ހިނގާ ކަންތައްތަކެއް މައްޗަށެވެ. އެރިކާ ދިމާވާނީ ޑްރެކްގެ އާއިލާގެ މީހުން ސަމާ ވެކޭޝަނަށް ކްރޫސް ދަތުރެއްގައި ގޮސް އުޅެނިކޮށެވެ. އެރިކާއަކީ އެ ކްރޫސްގެ ކެޕްޓަނެވެ. އޭނާގެ މަގުސަދަކަށްވާނީ ހުރިހާ މޮންސްޓާތަކެއް މަރާލުމެވެ.

"ހޮޓެލް ޓްރާންސިލްވޭނިއާ 3: ސަމާ ވެކޭޝަން" ގެ ޓްރެއިލާ.

މި ފިލްމަށް އަޑު އަޅާފައިވާ ތަރިންގެ ތެރޭގައި ސެލީނާ ގޯމޭޒް، އެޑަމް ސެންޑްލާ، އޭންޑީ ސޭމްބާގް، ކެވިން ޖޭމްސް، ޑޭވިޑް ސްޕޭޑް، ކީގަން މައިކަލް ކީ، މޮލީ ޝެނޮން އަދި މެލް ބްރޫކްސްފަދަ ތަރިން ހިމެނެ އެވެ. ރާއްޖޭގައި މި ފިލްމު ޕްރިމިއާކުރާނީ ޖުލައި 13 ގަ އެވެ.

ސްކައިކްރެޕާ

ޑްވޭން ޖޯންސަން ނުވަތަ ދަ ރޮކް ލީޑުން ފެނިގެންދާ މި ފިލްމަކީ މި މަހު ރިލީޒްކުރާ އެންމެ ބޮޑު ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ. ރޯސަން މާޝަލް ތާބާ ޑައިރެކްޓުކުރާ މި ފިލްމަކީ ލެޖެންޑަރީ އެންޓަޓެއިންމަންޓާއި ޕާކެޓް ވޯލްޑް ޕިކްޗާސް، ޔުނިވާސަލް ޕިކްޗާސް އަދި ފްލިން ޕިކްޗާ ކޮމްޕެނީ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

"ސްކައިކްރެޕާ" ގެ ޓްރެއިލާ.

މި ފިލްމުގައި ގެނެސްދޭނީ ކުރިން އެފްބީއަައި އެޖެންޓެންގެ ގޮތުގައި މަސައްކަތްކުރި ވިލް ސޯޔާ (ޑުވޭން)، ޓެރަރިސްޓް ހަމަލާތަކެއް ދިންކަމުގެ ދޮގު ތުހުމަތުތަކެއް ކުރުމުން ހިންގާ ކަންތައްތަކެއް މައްޗަށެވެ. އޭނާގެ ނަން އޮންނާނީ ވޯންޓެޑް ލިސްޓުގައި ހިމަނާފަ އެވެ. އެ ތުހުމަތުތަކުން ސަލާމަތްވުމަށާއި އޭނާގެ އާއިލާގެ މީހުން ސަލާމަތް ކުރުމަށް ކުރާ ކަންތައްތައް ވެސް ފެނިގެންދާނެ އެވެ.

މިޝަން އިމްޕޮސިބްލް: ފޯލްއައުޓް

މިއީ މި ފިލްމު ސީރީޒްގެ ހަ ވަނަ ފިލްމެވެ. އެކްޝަން ސްޕައި މި ފިލްމު ސީރީޒްއަކީ މަޝްހޫރު އެކްޓަރު ޓޮމް ކްރޫސް ސިއްރު އޭޖެންޓެއްގެ ރޯލު ކުޅެމުން އަންނަ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓުކުރަނީ މީގެ ކުރިން ހަމަ މި ފިލްމު ސީރީޒްގެ ފިލްމެއް ޑައިރެކްޓުކޮށްފައިވާ ކްރިސްޓޮފާ މެކްކުއޭރީ އެވެ. އޭނާ މި ފިލްމު ކޯ-ޕްރޮޑިއުސްވެ ކުރާނެ އެވެ.

"މިޝަން އިމްޕޮސިބްލް: ފޯލްއައުޓް" ޓްރެއިލާ.

މި މަހު 27 ގައި މި ފިލްމު ރާއްޖޭގައި ވެސް ޕްރިމިއާ ކުރާއިރު، މުހިންމު ރޯލުތަކުން ހެންރީ ކެވިލް، އެންޖެލާ ބެސެޓް، ވިންގް ރޭމްސް، ސައިމަން ޕެގް، ރެކެބޭކާ ފާގްސަން އަދި ސޯން ހެރިސް ފަދަ ތަރިން ފެނިގެންދާނެ އެވެ. މިއީ ހެންރީ އާއި އެންޖެލާ މި ފްރެންޗައިޒްގެ ފިލްމަކުން ފެންނަ ފުރަތަމަ ފަހަރެވެ.

ދަޅަކް

މިހާރު އެންމެ އިންތިޒާކުރާ ބޮލީވުޑްގެ ފިލްމަކަށް ވާނީ މި ފިލްމެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. މި ފިލްމަކީ ދާދި ފަހުން މަރުވި ބޮލީވުޑްގެ ސުޕަސްޓާ ބަތަލާ ސްރީދޭވީ ކަޕޫރްގެ ދަރިފުޅު، ޖާންވީ ކަޕޫރް ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. ޖާންވީއާއެކު މި ފިލްމުގައި ލީޑުން ފެނިގެންދާނީ ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ކައްޓަރު އެވެ. މި ފިލްމަކީ އޭނާއަށް ވެސް ހާއްސަ ފިލްމަކަށް ވާނެ އެވެ. ބޮލީވުޑްގެ ފިލްމެއްގައި އޭނާ ލީޑު ރޯލު ކުޅުނު މިއީ ފުރަތަމަ ފަހަރެވެ.

"ދަޅަކް" ޓްރެއިލާ.

މި މަހު 20 ގައި ރިލީޒް ކުރަން ނިންމާފައިވާ މި ފިލްމަކީ މަރާތީ ސުޕަހިޓް ފިލްމެއް ކަމަށްވާ "ސައިރަތް" ގެ އެޑަޕްޓޭޝަނެކެވެ. ނަމަވެސް އެ ފިލްމާއި އަޅާ ބަލާއިރު، މި ފިލްމުގައި ބޮޑު ތަފާތެއް ފެނިގެންދާނެ ކަމަށް ޑައިރެކްޓަރު ޝަޝަންކު ކައިތަން ވަނީ ބުނެފަ އެވެ. ދަރްމާ ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުން ގެނެސްދޭ މި ފިލްމުގެ ސްކްރީޕްލޭ ވެސް ތައްޔާރުކުރީ ޝަޝަންކު އެވެ.

ސާހެބް، ބީވީ އޯރް ގޭންގްސްޓާރް 3

ގިނަ ދުވަސްތަކަކަށްފަހު ސަންޖޭ ދަތްގެ ފެނިގެންދާ މި ފިލްމު ރިލީޒް ކުރާނީ މި މަހު 27 ގަ އެވެ. މި ފިލްމުގެ ޓްރެއިލާ ދޫކޮށްލީ ދާދި ފަހުންނެވެ. ޑްރާމާ، ރޮމޭންސް އަދި ގޭންގްސްޓާސްގެ ރަހަތައް އެކުލެވޭ މި ފިލްމަކީ ވެސް ފްރެންޗައިޒް ފިލްމު ސީރީޒް "ގޭންގްސްޓާރް" ގެ ތިން ވަނަ ފިލްމެވެ.

މި ފިލްމު ސީީރީޒްއިން ސަންޖޭ ދަތް ފެނިގެންދާ މިއީ ފުރަތަމަ ފަހަރެވެ. އަދި ޗިތްރަންގަޑީ ސިންހު ވެސް މި ފިލްމުން ފެނިގެންދާނީ އަލަށެވެ. ދެން ލީޑުން ފެނިގެންދާ ތަރިން ކަމަށްވާ ޖިމީ ޝެރިގިލް އާއި މާހީ ގިލްއަކީ މީގެ ކުރިން ވެސް މި ފިލްމު ސީރީޒްގެ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ދެ ތަރިންނެވެ.