ރާއްޖެ ކުޅިވަރު

ފައިނަލްގައި ތުރުކުމެނިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

ވާދަވެރި ފައިނަލްގައި ދިވެހިރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުން އަތުން ފަހަތުން އަރައި 3-2 ސެޓުން މޮޅުވެ، އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ތުރުކުމެނިސްތާން މިއަދު ހޯދައިފި އެވެ.

ބަންގްލަދޭޝްގައި ކުރިއަށް ދިޔަ މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ތުރުކުމެނިސްތާން ލީޑު ނެގި ނަމަވެސް، ރާއްޖޭން ވަނީ ކުޅުން ރަނގަޅުކޮށް 27-25 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.

ރާޢްޖޭން ވަނީ ދެވަނަ ސެޓު 25-22 އިން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދުމުގެ އުންމީދު އާކޮށްފަ އެވެ.

އެކަމަކު ތުރުކުމެނިސްތާން އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު 21-25 އަދި 23-25 އިން ކާމިޔާބުކޮށްގެނެވެ.

މެޗުގެ ފަސް ވަނަ ސެޓުގައި ތުރުކުމެނިސްޓާން އިން ފެށުން ރަނގަޅުކުރި އެވެ. ރާއްޖޭގެ ޓީމުން ކުޅުން ރަނގަޅުކޮށް، ރަނގަޅު ވާދައެއްކުރި ނަމަވެސް ތުރުކުމެނިސްތާން އިން ވަނީ ފަސް ވަނަ ސެޓު 13-15 އިން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.

މި މުބާރާތުގެ ފައިނަލްގައި ވާދަކުރުމަކީ ރާއްޖޭގެ ވޮލީބޯޅަ ޓީމުން ހޯދި ބޮޑު ކާމިޔާބެކެވެ. މިއީ ރާއްޖޭގެ ވޮލީ ޓީމު ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލްގައި ވާދަކުރި ދެވަނަ ފަހަރެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާާއްޓޭ) އެވެ.

ގައުމީ ޓީމުގެ އަގު ވަޒަންކުރުމުގެ ގޮތުން، ރައީސް އަބްދުﷲ ޔާމީން ވަނީ މުޅި ޓީމަށް 250،000ގެ ފައިސާގެ އިނާމެއް ދެއްވުމަށް ނިންމަވައިފަ އެވެ.