ހަބަރު

ފުލުހުންގެ ސަފު ފަޅާލި ޕިކަޕުގެ ޑްރައިވަރު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

May 28, 2015

އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ފުލުހުންގެ ސަފު ފަޅާލި ޕިކަޕުގެ ޑްރައިވަރު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި އެވެ.

މިމަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި މަސް މާރުކޭޓް ސަރަހައްދުގައި އޮތް ފުލުހުންގެ ސަފު ޕިކަޕެއް ބޭނުންކޮށްގެން ފަޅާލައި، ޕިކަޕު ދުއްވާފައި ދިޔަ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ޕިކަޕު އޭރު ދުއްވަން ހުރި ސ. ހިތަދޫ އަލިމަސްގޭ ބާސިތު އިބްރާހިމެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން މިހާރު ކޯޓަށް ވަނީ ފޮނުވައިފަ އެވެ.

ފުލުހުން ބުނީ ބާސިތު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރެވޭނީ އެ މީހެއްގެ މައްޗަށް ދައުވާ އުފުލަން ނިންމުމުން ނުވަތަ ދައުވާ އުފުލާނެކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޔަގީންކޮށް ދިނުމުންނެވެ.

ބާސިތުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައ ބާއްވަން ތާވަލްކުރި ނަމަވެސް އެ އަޑުއެހުން ފަހުން ވަނީ ކެންސަލްކޮށްފަ އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަންގާރަ ދުވަހު ދަށު ކޯޓުން އެންގިއިރު އޭނާ ހަތް ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ކުރިން ނެރުނު އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފަ އެވެ.

ބާސިތުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށްލާން ނުވަތަ އަރުވާލަން ހުކުމްކުރާނެ އެވެ.