ހަބަރު

ބިލެތްފަހީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައިފި

Jul 2, 2018
1

ށ. ބިލެތްފަހީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ރަސްމީކޮށް ނިންމާލައިފި އެވެ. އެ މަޝްރޫއުގެ ނިމުން އިފްތިތާހް ކޮށްދެއްވީ ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ކެޕިޓަލް އިންވެސްޓްމެންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށިއިރު، މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލާފައި ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ބިލެއްފަހި ގިރާ ސަރަހައްދަށް 25،738 ކޮޑިމީޓަރުގެ ވެލިއަޅައި 520 މީޓަރު ދިގު މިނުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖަހައި އެސަރަހައްދު ހިމާޔަތްކޮށްފައި ވެއެވެ.

ގޮނޑުދޮށް ހިމާޔަތްކޮށް ނިމުން އިފްތިތާހުކޮށް ދެއްވުމަށް ރައީސް އެ ރަށަށް ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ. އެމަނިކުފާނާއެކު ސަރުކާރުގެ މިނިސްޓަރުން އެރަށަށް ވަޑައިގެންފައި ވެއެވެ. އެރަށަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.