ކުޅިވަރު

އެއްބާރުލުން ދިންނަމަ ވެލެންސިއާ ސަލާމަތް ކުރެވުނީސް

ކުލަބު ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ވެއްޓުމަކީ، ފޫ ނުބެދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށާއި ޓްރާންސްފާ ޕީރިއަޑްގައި ޓީމަށް ބަދަލު ގެނައިނަމަ ރެލިގޭޓް ނުވެ ސަލާމަތް ކުރެވުނީސް ކަމަށް އެ ޓީމުގެ ކޯޗް ސޮބާހް މުހައްމަދު އިބްރާހިމް ބުނެފި އެވެ.

ޕްލޭއޮފް އިއްޔަ، ޔުނައިޓަޑް ވިކްޓަރީ އަތުން އެގްރިގޭޓް ނަތީޖާއަކުން ބަލިވެ ވެލެންސިއާ ވަނީ ދެ ވަނަ ޑިވިޝަނަށް ވެއްޓިފަ އެވެ. ފުރަތަމަ ޑިވިޝަންގެ ކޮލިފައިންއަށް ޔުނައިޓެޑް ވިކްޓަރީ ނިކުތީ ޚަރަދުކޮށް، ޓީމު ވަރުގަދަ ކޮށްގެންނެވެ. މި އަހަރު ސީޒަން ފެށިއިރު ޓީމަށް ގެނައި ބިދޭސީ ބައެއް ކުޅުންތެރިންގެ ފަރާތުން ބޭނުން ނުހިފުމުން އެ ކުޅުންތެރިން ފޮނުވާލި އެވެ. ބަދަލުގައި އެ ޓީމުން ގެނައީ، ކުރިން އެ ޓީމަށް ކުޅުނު ކޮރޭޝިއާގެ އަންޑްރޭ ކެރިޗް އާއި ބްރެޒިލްގެ ރަފޭލް ބެޓިއަމް މާޓް (ރަފީނިއާ) އެވެ.

ޓްރާންސްފާ ޕީރިއަޑްގައި، ވެލެންސިއާއިން އެއްވެސް ހަރަދެއް ނުކުރެ އެވެ.

"ޓްރާންސްފާގައި އާދޭސް ކޮށްފައި ބުނިން، ޓީމުގެ ފަހަތުގައި ވެސް މައްސަލަ އުޅޭތީ، ޓީމުގެ ޑިފެންސާއި މިޑްފީލްޑްގައި މައްސަލަ އުޅޭތީ، ކުޅުންތެރިން ހޯދާފައި އެދުނިން ގެނެސް ދޭށޭ،" ސޮބާ ބުންޏެވެ. "މިއަދު ވެސް މިތަނުގައި ކުޅުންތެރިން މިތިބީ މެނޭޖްމެންޓްގެ އެއްވެސް މީހަކު ނެތް،"

ސޮބާ ބުނީ، ލަންކާގައި ހުރި ބިދޭސީ ޑިފެންޑަރެއް 700 ޑޮލަރަށް އަންނަން ތައްޔާރަށް ހުރި ކަމަށާއި މެނޭޖްމެންޓާ ހަމަޔަށް އެ ވާހަކަ ގެންދިއުމުން އެއްބަރުލުން ނުލިބުނު ކަމަށެވެ.

"ޓީމު ޓީމަކަށް ވަނީ 12 ނުވަތަ 15 ކުޅުންތެރިންނާއި ކޯޗުންނާއި ގޯލްކީޕަރު ޓްރެއިނަރު އެތަނަށް އައިސް ކުރާ މަސައްކަތަކުން އެކަންޏެއް ނޫން،" ސޮބާ ބުންޏެވެ. "ކޮންމެހެން އަޅުގަނޑު ވަކި ބައެއްގެ ބޮލަށް ޖަހަނީކީ ނޫން، އެކަމަކު މީގައި ހުރިހާ ހިސާބެއްގައި ޒިނާމްވާން ޖެހޭ އިސް މިހުންތަކެއް އެބަތިބި، މީގެ ކުރިންވެސް ޒިންމާ ނަގަން ޖެހޭ މީހުންތަކެއް އެބަތިބި."

"މިއަދު އަޅުގަނޑު މިތާންގައި މިހުރީ، އަޅުގަނޑު މިއަދު ޒިންމާ ނަގަން، އެކަމަކު މީތި އައިސް އިންގޮތަށް ބަލާއިރުގައި މީގެ ޕިކްޗާ އިންގޮތް މިއޮތީ ވަރަށް ރަނގަޅަށް ފެންނަން."

ސޮބާ ބުނީ، މިއަދަކީ އޭނާގެ ކެރިއަރުގައި އެންމެ ދެރަވި ދުވަސް ކަމަށެވެ. ނަމަވެސް އޭނާ ފަހަތައް ނުޖެހޭނެ ކަމަށާއި މަސައްކަތް ކޮށްގެން ކާމިޔާބު ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.

"މި ލިބުނު ހިތިކަމުން ލިބުނު ފިލާވަޅު ޕޮޒެޓިވްކޮށް ނަގައިފިއްޔާ ކާމިޔާބު ކުރެވޭނެ."

ވެލެންސިއާއިން ފެނިދާނެތޯ ސުވާލު ކުރުމުން ސޮބާ ދިން ޖަވާބު މިއޮތީ އެވެ.

"ވެލެންސިއާއަދި އޮތްގޮތެއްވެސް އޮތް ހާލަތެއްވެސް ނޭންގެ، ކިހިނެއް ކަމެއްވެސް ވާނީކީވެސް ނޭންގެ، މިއަދުވެސް މިތާންގައި ނެތޭ މެނޭޖްމެންޓްގެ އެއްވެސް މީހެއް ބަހެއް ބުނެލާކަށް، އަޅުގަނޑުމެން މިކިޔަނީ ވަރަށް ބޮޑު ކުލަބެކޭ އެކަމަކު ހަގީގަތުގައި މިތާންގައި ނެތް އެއްވެސް މީހެއް، މިހިސާބުން އަޅުގަނޑު ބުނާނީ ވެލެންސިއާއިން އިތުރަކަށް ނުފެންނާނެޔޭ، ނަމަވެސް ކޯޗިން ކެރިއާގައި ފެންނާނެ."

ސޮބާގެ ކޮޗިން ކެރިއާގައި އޭނާ ފުރަތަމަ މަސައްކަތް ކުރީ ނިއު ރޭޑިއަންޓްގަ އެވެ. ނިއަށް 2015 ވަނަ އަހަރު ކޯޗު ކޮށްދީ، އެ ކުލަބު ޕްރެޒިޑެންޓް ކަޕުގެ ފައިނަލަށް ގެންގޮސް ދިނެވެ. އެ އަހަރު އެ ކުލަބުގެ ކޯޗުކަން އޭނާ ދޫކޮށްލިރު ކުލަބު އޮތީ ދިވެހި ޕްރިމިއާ ލީގް އެއް ވަނައިގަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު އޭނާ ފެށީ ދެ ވަނަ ޑިވިޝަނުންނެވެ. ދެ ވަނަ ޑިވިޝަންގައި ގްރީން ސްޓްރީޓަށް ކޯޗު ކޮށްދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެ ކުލަބު ދެ ވަނަ ޑިވިޝަނަށް ގެންގޮސް ދިނެވެ. މިދިޔަ އަހަރު އެ ކުލަބާއެކު ފުރަތަމަ ޑިވިޝަންގައި ވާދަ ކޮށް މާލޭ ލީގްގެ ދެ ވަނަ ހޯދި އެވެ. ޗެމްޕިއަންކަން ހޯދި މާޒިޔާއާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރި އެވެ.