ބޮލީވުޑް

ހަފުތާ ބަންދު "ސަންޖޫ" ނިންމާލީ ތާރީހީ ރެކޯޑަކާއެކު

Jul 3, 2018

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތައް ތައްޔާރުކޮށް ގެނެސްދިން ފިލްމު "ސަންޖޫ" މިދިޔަ ހަފުތާ ބަންދު ނިންމާލީ ބޮކްސް އޮފީހުގައި 120 ކްރޯޑުގެ އާމްދަނީއެއް ހޯދާއި ތާރީހީ ރެކޯޑެއް ގާއިމް ކުރުމަށް ފަހު އެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމަކީ ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ހިންދީ ފިލްމެވެ. "ސަންޖޫ" ގެ ކުރިން ފިލްމު ރިލީޒްކުރި ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދައިގެން އެ ރެކޯޑު ގާއިމްކޮށްފައި އޮތީ ސައުތު އިންޑިއާގެ ފިލްމު "ބާހުބަލީ 2" ގެ ހިންދީ ފިލްމެވެ.

"ސަންޖޫ" ގެ ލަވަ "މޭ ބަޑިޔާ".

ހުކުރު ދުވަހު އެކަނިވެސް 40 ކްރޯޑު ހޯދާއި "ސަންޖޫ" ވަނީ މި އަހަރު ރިލީޒްކުރި ބޮލީވުޑް ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑު ގާއިމްކޮށްފަ އެވެ. މީގެ ކުރިން މި މަގާމުގައި އޮތީ މިދިޔަ ކުޑަ އީދުގައި ރިލީޒްކުރި ސަލްމާން ޚާންގެ ފިލްމު "ރޭސް 3" އެވެ.

"ސަންޖޫ" ޑައިރެކްޓުކުރީ ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރް ހިރާނީ އެވެ. މި ފިލްމުގައި ސަންޖޭގެ ރޯލުން ފެނިގެންދަނީ ރަންބީރް ކަޕޫރް އެވެ. ފުރަތަމަ ދުވަހުގެ ފިލްމު ރިވިއުތަކަށް ބަލާއިރު ރަންބީރްއަށް ގިނަ ބައެއް ތައުރީފު ވަނީ އޮހިފަ އެވެ. މި ފިލްމަށް ފިލްމުފެއާއިން ވަނީ ފަހަކުން ހަތަރު ތަރީގެ ރޭޓިންއެއްވެސް ދީފަ އެވެ.