ކުޅިވަރު

ބްރެޒިލަކީ ދުނިޔޭގެ އެއްވަނަ، މެކްސިކޯ ޖެހިލުމެއް ނުވޭ

ބްރެޒިލަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެއް ވަނަ ގައުމު ކަމަށާއި ނަމަވެސް ބްރެޒިލްއާ ދެކޮޅަށް ކުޅެން މެކްސިކޯއިން، ޖެހިލުން ނުވާ ކަމަށް އެ ޓީމުގެ ކޯޗް ހުއާން ކާލޯސް އޮސޯރިއޯ ބުނެފި އެވެ.

ރާއްޖޭ ގަޑިން މިއަދު އިރުއްސި 7:00 ގައި ކުޅޭ މެޗުގެ ކުރިން، އޮސޯރިއޯ ބުނީ، ބްރެޒިލްއާ ދެކޮޅަށް އޭނާގެ ޓީމުން ކުޅޭނީ، ބޯޅަ ހިފަހައްޓައިގެން ކުޅޭ ގޭމެއް ކަަމަށެވެ.

ކޮލަމްބިއާ އަށް ނިސްބަތްވާ އޮސޯރިއޯއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބްރެޒިލްގެގެ ފުޓްބޯޅަ އޭނާއަށް ވަރަށް ރަނގަޅަށް އެނގުމެވެ. އޭނާ ވަނީ ބްރެޒިލްގެ ފުޓްބޯޅައިގެ ގަދަ ބާރު ސައުޕޯލާއަށް ކޯޗް ކޮށްދީފަ އެވެ. ބްރެޒިލްގެ ކޯޗް ޓިޓޭ އަކީ ބްރެޒިލް ލީގުގައި އޯސޯރިއޯ އާ ދެކޮޅަށް ނިކުތް ކޯޗެކެވެ. ޓިޓޭ ކޯޗް ކޮށްދިނީ ކޮރިއަންތިއަންސް އަށެވެ.

"އެ ޓީމުގެ ކޯޗް ޓިޓޭ އަކީ މަތީފަންތީގެ މޮޅު ކޯޗެއް، އޭނާއަށް އެނގޭނެ ތަފާތު ސްޓައިލްގެ އެކި ކުޅުންތެރިން މިކްސް ކޮށްލައިގެން ވެސް ވަރަށް ރަނގަޅަށް ކުޅުވަން. އެއީ މޮޅު ކޯޗެއް،" އޯސޯރިއޯ ބުންޏެވެ.

"ބްރެޒިލްގެ ހަމަލާތައް ވަރުގަދަ ވިޔަސް އަހަރެމެން ޑިފެންސިވް ގޭމެއް ނުކުޅޭނަން، އަހަރެމެން މަސައްކަތް ކުރާނީ ޕޮސެޝަން ހިފަހައްޓައިގެން ކުޅެން، އަހަރެމެންގެ މިޑްފީލްޑަރުންގެ ކިބައިގައި ވަރަށް ކޮލިޓީ އެބަހުރި، އަހަންނަށް ހީވަނީ ވިންގުން އަހަރެމެންނަށް މަސައްކަތް ކުރެވޭނެ ހެން."