ދެ ވަނަ ބުރުގައި މެކްސިކޯގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ވޯލްޑްކަޕުގެ ކްއާޓާ ފައިނަލަށް ބްރެޒިލް ދަތުރު ކޮށްފި އެވެ.
މެޗުގެ ފުރަތަމަ ހާފު ފަށައިގެން ރަނގަޅަށް ކުޅުނީ، މެކްސިކޯއިންނެވެ. މެޗު ފެށިގެން ވަކި ހިސާބަކުން، ބްރެޒިލް ގޭމް ތެރެއަށް ވަދެ މެކްސިކޯގެ ފަހަތަށް ނުރައްކާކޮށް މެޗު ޑޮމިނޭޓް ކުރި އެވެ. ފުރަތަމަ ހާފުގައި ނޭމާގެ ވިދުން ފެނުނީ ފަނޑުކޮށެވެ.
ދެ ވަނަ ހާފުގައި، އޭނާގެ ދައުރު މެޗުގައި ބޮޑުވެގެން ދިޔަ އެވެ. މެޗުގެ މޮލު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ. ބްރެޒިލްގެ ލަނޑު ނޭމާ ކާމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓްގަ އެވެ. އެ ލަނޑު އޭނާ ޖެހީ މެކްސިކޯގެ އޭރިއާ ތެރެއަށް ވަދެ ގޯލް ކުރިމައްޗަށް ވިލިއަން ނަގައިދިން ބޯޅަ ވެއްޓިގެންފައި ގޯލް ތެރެއަށް ފޮނުވާލައިގެނެވެ.
މުޅި މެޗުގައިވެސް ވިލިއަން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ލަނޑަށް ފަހުވެސް އޭނާ ވަނީ ނޭމާ އާއި ގްބްރިއަލް ޖެސޫސްއަށް ރަނގަޅު ބޯޅަތަކެއް ފޯރުކޮށްދީފަ އެވެ. ލަނޑުޖަހާނެ ރަނަގަޅު ބޯޅައެއް އޭނާ ވަނީ ނޭމާއަށް ތަނަވަސް ކޮށްދީފަ އެވެ. ނޭމާ ފޮނުވާލި ބޯޅަ މެކްސިކޯގެ ކީޕަރު އޮޗޯއާ ވަނީ ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.
މެކްސިކޯގެ ހަމަލާތަކުގެ ހުރަހަކަށްވީ ބްރެޒިލްގެ ޑިފެންޑަރުންނާއި ކީޕަރު އެލިސަން އެވެ. މެކްސިކޮއިން ބްރެޒިލްގެ އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ ކެޕްޓަން ތިއާގޯ ސިލްވާ ދިފާއު ކުރީ އެވެ.
ބްރެޒިލްގެ ދެ ވަނަ ލަނޑު، މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރޮބާޓޯ ފިރުމީނޯ އެވެ. އެ ލަނޑު ޖެހުމުގައި، ނޭމާ މުހިން ދައުރެއް އަދާ ކުރި އެވެ. ބްރެޒިލްގެ ހާފުގެ ތެރެއިން ދިން ބޯޅަ ނޭމާ ބާރު ސްޕީޑް ބޭނުން ކޮށްގެން ހޯދައި، ބޯޅަ ހިފައިގެން ދުވެފައި އައިސް އޭނާ ނަގައިދިނީ އޭރިއާ ތެރެއަށެވެ.
ނަމަވެސް އެބޯޅަ ދިޔައީ މެކްސިކޯގެ ޑިފެންޑަރެއްގެ ފައިގައި ޖެހިލާފަ އެވެ. ގޯލް ކުރިމައްޗަށް ހުރަސް ވުމުން ފިރުމިނޯ ވަނީ ފަސޭހަ ކަމާއެކު ގޯލް ތެރެއަށް ބޯޅަ ކޮށްޕާލާފަ އެވެ.
ފޮޓޯ: ގެޓީ އިމޭޖަސް