ކުޅިވަރު

ބްރެޒިލަށް ދިމާވިގޮތުން ފުޓްބޯޅަ ބަލަން އުނދަގޫވި

ވޯލްޑްކަޕުގެ ކްއާޓާ ފައިނަލުން ބްރެޒިލް ކަޓައިގެން ދިއުމުން، ފުޓްބޯޅަ ބަލަން އުނދަގޫވި ކަމަށް އެ ޓީމުގެ ފޯވަޑް ނޭމާ ޖޫނިއާ ބުނެފި އެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލް، ކްއާޓާ ފައިނަލުގައި ބަލިވީ ބެލްޖިއަމް އަތުންނެވެ. ނޭމާ ބުނީ، ބްރެޒިލް މުބާރާތުން ކެޓުމުން ވޯލްޑްކަޕުގެ ބާކީ ހުރި މެޗުތައް ބަލަން އުނދަގޫވި ކަމަށެވެ.

"އަހަރެން ހުރީ ވަރަށް ބޮޑު ހިތްދަތި ކަމެއްގެ ތެރޭގައި، ވޯލްޑްކަޕުގައި އަހަރެމެންނަށް ދިމާވި ގޮތުން ވަރަށް ބޮޑަށް ދެރަވި." ބްރެޒިލްގެ މީޑިއާތަކާ ވާހަކަ ދައްކަމުން ނޭމާ ބުންޏެވެ.

ރެއާލް މެޑްރިޑަށް ނޭމާ ދާން އުޅޭ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ނޭމާ ބުނީ، އޭނާ ހުރީ މި އަހަރުގެ ކުލަބު ޕީއެސްޖީއަށް 100 ޕަސަންޓް ދީގެން ކަމަށާއި އެ ކުލަބު ދޫކޮށް ނުދާނެ ކަމަށެވެ.