ނޭމާ

ވޯލްޑްކަޕް 2022، ނޭމާގެ ފަހު މުބާރާތް

މި އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަކީ ނޭމާގެ ކެރިއަރުގެ ފަހު މުބާރާތަށް ވެދާނެ ކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 29 އަހަރުގެ ނޭމާ، އޭނާގެ ރަން ޒަމާނުގައި ކުޅުނު ފެންވަރަށް މިހާރު ނުކުޅެވުނު ނަމަވެސް އޭނާ އަންނަނީ ބްރެޒިލް އަދި ޕީއެސްޖީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ނޭމާ ބުނީ ފުޓްބޯޅަ ހަޔާތް ނިންމާލަން ގަސްތު ކުރަނީ އޭނާގެ ނަފްސާނީ ހާލަތު އެކަމަށް ތަން ނުދޭތީ ކަމަށެވެ. "އަހަންނަށް ހީވަނީ ގަތަރުގައި 2022 ވަނަ އަހަރު ކުޅޭ ވޯލްޑް ކަޕަކީ އަހަރެން ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕް ހެން. އެއީ ނަފްސާނީ ގޮތުން ފުޓްބޯޅައާ ކުރިމަތިލާނެ ހިތްވަރު އަހަރެންގެ ގައިގައި މިހާރު ހުރިހެނެއް ހިއެއް ނުވޭ." ނޭމާ ބުންޏެވެ.

އެހެންކަމުން އެ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރު ވާނެ ކަމަށް ނޭމާ ބުންޏެވެ. އަދި ކުޑައިރުން ފެށިގެން ގައުމަށް ވޯލްޑް ކަޕް ހޯދައިދޭން ކުރަމުން އަންނަ ފޮނި ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރާނެކަން ނޭމާ ފާހަގަ ކުރި އެވެ.

އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ގުޅޭ ގޮތުން ނޭމާ ބުނީ "އެއީ އަހަރެންގެ ހަޔާތުގެ އެންމެ ދެރަ ހާދިސާ. އެ ހާދިސާގެ ސަބަބުން ވޯލްޑް ކަޕް، ސެމީ ފައިނަލް އަދި ފައިންލް ކުޅުމުގެ އުންމީދު ފުނޑުފުނޑު ވެގެން ދިޔަ. އަހަރެންގެ ފައެއް ނުހެލުވޭ، އިންތިހާއަށް ރޮވުނު" ކަމަށެވެ.

މީގެ އިތުރުން ހޮސްޕިޓަލުން ޓެސްޓުތައް ހެދުމަށް ފަހު ދިނީ އުފާވެރި ހަބަރަކާއި ހިތާމަވެރި ހަބަރެއް ކަން ފާހަގަ ކުރަމުން ނެމާ ބުނީ ހިތާމަވެރި ހަބަރަކީ އެ އަހަރުގެ ވޯލްޑް ކަޕުގައި އިތުރަށް ނުކުޅެވުން ކަމަށެވެ.