ނޭމާ

ނޭމާގެ ސަބަބުން ޕީއެސްޖީއަށް ބޮޑު ފައިދާއެއް

ސެންޓޯސާއިން ސަޕޯޓަރުންގެ ސަމާލުކަން ހޯދައި ބާސެލޯނާގައި ވިދާލި ނޭމާ، ޕީއެސްޖީއަށް ބަދަލުވީ ރެކޯޑު އަދަދަކަށެވެ. އޭރު ޕީއެސްޖީން ބުނަމުން ދިޔައީ ނޭމާއަށް ކުރި ހަރަދަށް ވުރެ އޭނާގެ ސަބަބުން ޓީމަށްވާ ފައިދާ މާބޮޑުވާނެ ކަމަށެވެ. މިއީ މިއަދު އެންމެންގެ ލޯމައްޗަށް ފެންނަން އޮތް ހަގީގަތެކެވެ.

ނޭމާ ޕީއެސްޖީގައި ކުޅުނު ފުރަތަމަ ސީޒަނުގައި ޕީއެސްޖީން ވަނީ ނޭމާއަށް 400 މިލިއަން ޔޫރޯ ދީފަ އެވެ. މިއީ ބޭކާރު ހަރަދެއް ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔުމުން ޕީއެސްޖީގެ ރައީސް ނާސިރް އަލް ހަލައިފީ ބުނީ ނޭމާއަށް ޓީމުން ކުރީ އިންވެސްޓެއް ކަމަށެވެ. އަދި ނޭމާއަށް ޓީމުން ކުރި ހަރަދަށް ވުރެ ބޮޑު ފައިދާއެއް އޭނާގެ ފަރާތުން ޓީމަށް ލިބޭ ކަމަށެވެ. އެއީ ތެދެކެވެ.

ޕީއެސްޖީއަށް ނޭމާ ބަދަލުވުމުން އޭނާގެ ޖާޒީތައް ވިއްކަން ފެށިތާ ދެ ގަޑިއިރުގެ ތެރޭގައި ޕީއެސްޖީގެ އޮފިޝަލް ސްޓޯރުން ވަނީ ނޭމާގެ ޖާޒީ ވިއްކައިގެން ބައި މިލިއަނަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފަ އެވެ.

ޕީއެސްޖީން ގަބޫލުކުރާ ގޮތުގައި އެޓީމަށް އިޓަލީގެ ބްރޭންޑް، ރިޕްލޭ އާއި ނައިކީ އާއެކު ރަނގަޅު ޑީލެއް ހެދުނީ ވެސް ނޭމާގެ ސަބަބުންނެވެ. އަދި ނޭމާ އެޓީމާއި ގުޅުމުން ޕީއެސްޖީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ފޮލޯ ކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ އެވެ.

ނޭމާ ޕީއެސްޖީއަށް ބަދަލުވުމާއި އެކު ޕީއެސްޖީގެ ޓީވީ އޯޑިއަންސް ވަނީ ފުރަތަމަ ސީޒަނުގައި 25 ޕަސެންޓު އިތުރުވެފަ އެވެ. އަދި ޑިސްނީ ޗެނަލް އިން ވެސް ވަނީ ބްރެޒިލްގައި ނޭމާގެ މެޗުތައް ދެއްކުމަށް ލީގު 1ގެ ބްރޯޑްކާސްޓިން ރައިޓްސް ގަނެފަ އެވެ. އެއާއި އެކު ލީގު 1ގެ މެޗުތައް ވަނީ އީއެސްޕީއެން އަދި ފޮކްސް ސްޕޯޓްސް ފަދަ މަޝްހޫރު ޗެނަލް ތަކުން ދައްކަން ފަށާފަ އެވެ.

ލީގު 1ގެ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓް ޑިރެކްޓަރު ޔޯން ގޯޑިން ބުނީ ނޭމާ ޕީއެސްޖީ އާއި ގުޅުމުން ފްރާންސް ލީގު ބަލާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެގެންދިޔަ ކަމަށެވެ. އަދި ނޭމާ ޕީއެސްޖީއަށް ކުޅުނު ފުރަތަމަ މެޗަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ބެލި އެއް މެޗު ކަމަށެވެ.

ޕީއެސްޖީން ގަބޫލުކުރާ ގޮތުގައި އާމްދަނީގެ ގޮތުގައި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ފައިދާއެއް ހޯދާ ކްލަބަކަށް އެޓީމަށް ވެވުނީ ވެސް ނޭމާގެ ސަބަބުންނެވެ. ޕީއެސްޖީ އަކީ ދުނިޔޭގެ އެންމެ ބާރުގަދަ ފަސް ކްލަބުގެ ތެރޭގައި މިހާރު ހިމެނޭ ޓީމެކެވެ.

މީގެ އިތުރުން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ގިނަ ފަހަރު ހޯދާފައިވާ ލައިނަލް މެސީ ޕީއެސްޖީ އާއި ގުޅުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ވެސް ނޭމާ އެޓީމުގައި ހުރުމެވެ. ކުރިން ބާސާގައި ކުޅުނު މި ދެ ކުޅުންތެރިންނަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އަދި ކުޅުމުގައި ވެސް ކޮމްބިނޭޝަން ވަރަށް ރަނގަޅު ދެ ފޯވާޑުންނެވެ.