ލިޔުނީ: އަބްދުﷲ ޝަހީމް
މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ބްރެޒިލްގެ ނޭމާ ކާމިޔާބުކޮށްދިން ހަމައެކަނި ގޯލާ އެކު ޕީއެސްޖީ އިން ރޭ އަމިއްލަ ދަނޑުގައި 0-1 އިން ބްރެސްޓް ބަލިކޮށްފި އެވެ.
މެޗުގެ ހަމައެކަނި ގޯލު ލިއޮނަލް މެސީގެ އެހީތެރިކަމާ އެކު ނޭމާ ޖެހީ 30 ވަނަ މިނެޓުގަ އެވެ. ހާފު މެދުން މެސީ ދިން ޕާސް ހޯދުމަށް ފަހު ނޭމާ ވަނީ ހަމަޖެހިލާފައި ގޯލަށް ވައްދާލާފަ އެވެ. މިއީ ލީގުގެ ހަތް މެޗުގައި ނޭމާ ކާމިޔާބުކުރި އަށް ވަނަ ގޯލެވެ.
އާ ސީޒަން ފަށައިގެން ޕީއެސްޖީ އިން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު ނޭމާ އަކީ މިވަގުތު އެޓީމުގައި އެންމެ މޮޅު ކުޅުމެއް ދައްކާ އެއް ކުޅުންތެރިޔާ އެވެ.
މެޗު ފަށައިގެން ފުރަތަމަ 20 މިނެޓު ޕީއެސްޖީ އިން ވަނީ ބްރެސްޓުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެހެންނަމަވެސް މެސީ އާއި ނޭމާ އަދި ކިލިއަން އެމްބާޕޭ އުފެއްދި ހަމަލާތައް ގޯލަށް ބަދަލުކޮށްލެވޭ ގޮތެއް ނުވި އެވެ.
މި ހާފުގައި ނޭމާ އަށް ކުރި ފައުލަކަށް ބްރެސްޓްގެ ކްރިސްޓޯފް ހެރެލާ އަށް ރެފްރީ ރަތް ކާޑު ދެއްކުމަށް ފަހު ވީއޭއާރުގެ އެހީގައި ވަނީ ނިންމުން ބަދަލުކޮށްފަ އެވެ. ރެފްރީގެ ނިންމުން ބަދަލުކުރީ ފައުލް ކުރިއިރު ނޭމާ އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.
ދެވަނަ ހާފުގައި ބްރެސްޓުން ކުޅުން ރަނގަޅުކޮށް ގޯލު ޖަހަން އެޓީމަށް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު މެޗުގެ 70 ވަނަ މިނެޓުގައި ބްރެސްޓްގެ އިސްލާމް ސިލިމާނީ ފޮނުވާލި ޕެނަލްޓީ ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ވަނީ މަތަކޮށްފަ އެވެ.
މިއީ ޗެމްޕިއަން ޕީއެސްޖީ އިން ލީގުގައި އަމިއްލަ ދަނޑުގައި ބަލިނުވެ ކުޅުނު 25 ވަނަ މެޗެވެ. ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގައި ބްރެސްޓް އަތުން ޕީއެސްޖީ ވަނީ މޮޅުވެފަ އެވެ.
ރޭގެ މޮޅާ އެކު ޕީއެސްޖީ އެއްވަނައިގައި އޮތީ ހަތް މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތީ މާސޭ އެވެ. އެޓީމު ރޭ ވަނީ އަމިއްލަ ދަނޑުގައި 1-2 އިން ލިލް ބަލިކޮށްފަ އެވެ. ތިން ވަނައިގައި އޮތީ 17 ޕޮއިންޓް ހޯދާފައިވާ ލެންސް އެވެ. ރޭ އަމިއްލަ ދަނޑުގައި ޓްރޮޔެސްއާ ދެކޮޅަށް ކުޅުނު މެޗުން ލެންސް މޮޅުވީ 0-1 އިންނެވެ.