ނޭމާ

ނޭމާގެ އަންހެނުންނާއި ދަރިފުޅު ވަގަށް ނަގަން އުޅެފި

ބްރެޒިލް މަޝްހޫރޫ ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާގެ އަންހެނުންނާއި ދަރިފުޅު ވަގަށް ނަގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ.

ބްރެޒިލްގެ ސައުޕޯލޯގައި ހުންނަ ކޮންޑެމީނިއަމްއެއްގެ އެ ޕާޓްމަންޓަކަށް ގުރޫޕަކުން ވަނީ އެތަނުގައި ނޭމާއާއި އަންހެނުން ދިރިއުޅޭނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް މި ގުރޫޕުން އެތަނަށް ވަންއިރު ނޭމާގެ އަންހެނުން ބްރޫނާ ބިއަންކާޑީވެސް އަދި ތުއްތު ދަރިފުޅުވެސް ނެތް ކަމަށްވެ އެވެ.

އެޕާޓްމަންޓްގައި އެވަގުތު ތިބީ ބްރޫނާގެ އާއިލާގެ ބައެކެވެ. އެޕާޓްމަންޓަށް ވަން މީހުން ވަނީ އެތަނުގައި ތިބި މީހުންނަށް ހަމަލާދިނުމަށްފަހު އެތަނުގައި ހުރި ރަނާއި ޖަވާހިރު ކަހަލަ އަގުބޮޑު ބައެއް ސާމާނުތައް ގެންގޮސްފަ އެވެ.

ބްރެޒިލްގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ބްރޫނާގެ އާއިލާގެ ބަޔަކާއި ގުރޫޕަކާ ގުޅިގެން ހިންގާފައިވާ އަމަލުތަކެކެވެ. ސަބަބެއް ކަމަށް ބުނަނީ މިވަރުގެ ކަމެއް ހިނގާދިޔައިރު އެޕާޓްމަންޓްގައި ތިބި މީހުންގެ ބަދަލުގައި މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ އިމާރާތުގައި އުޅޭ ބަޔަކު ކަމަށްވާތީ އެވެ.

ސައޫދީ އަރަބިއްޔާގެ އަލް ހިލާލްއަށް ކުޅެމުންދާ ނޭމާއަށް ދިމާވި އަނިޔާއަކާ ގުޅިގެން އޭނާގެ ފައިގެ އޮޕަރޭޝަނެއް ކޮށްފައިވާތީ އޭނާ މިވަގުތު ހުރީ ކުޅުމާ ދުރުގައެވެ. އެހެންކަމުން ނޭމާއާއި އަންހެނުން އަދި މިދެމަފިރިންނަށް މިދިޔަ މަހު ލިބުނު އަންހެން ދަރިފުޅު މިވަގުތު ހުރި ތަނެއް ނޭނގެ އެވެ.

ނޭމާގެ އަންހެނުންނާއި ދަރިފުޅު ވަގަށް ނަގަން ބަޔަކު މަސައްކަތް ކޮށްފައި މިވަނީ ލިވަޕޫލަށް ކުޅޭ ކޮލަމްބިއާގެ ފޯވާޑް -- ލުއިޒް ޑިއާޒްގެ ބައްޕަ ބަޔަކު ވަގަށް ނަގައި ރަހީނުކޮށްގެން އުޅޭ ވަގުތެއްގައެވެ.