ކުޅިވަރު

ނޭމާގެ ހެޓްރިކުން ބްރެޒިލް އެއްވަނަ އަށް

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެކުނު އެމެރިކާ ޒޯންގައި ބްރެޒިލުން ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުގެ ނާމޭގެ ހެޓްރިކާއެކު 4-2 ން މޮޅުވެ ބްރެޒިލް ސަރަހައްދުގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ.

އާޖެންޓީނާ ވެސް ވަނީ ބޮލީވިއާ އާ ދެކޮޅަށް ކުޅުނު މެޗު 2-1 ން މޮޅުވެފަ އެވެ. ބޮލީވިއާއަކީ އުސް އަދި ފިނި ގަދަ ގައުމެކެވެ. އެ ގައުމުގައި ކުޅުމަކީ އަބަދުވެސް އުނދަގޫ ކަމެކެވެ. އާޖެންޓީނާ އަށްވެސް ކުރިމަތިވީ އުނދަގޫ މެޗެވެ. ޕެރޫ އާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ޕެރޫއިންނެވެ. އެ ޓީމުގެ ލަނޑު ހަވަނަ މިނެޓްގައި ކާމިޔާބު ކުރީ އެންޑްރޭ ކަރީޔޯ އެވެ. ބްރެޒިލްއިން ނަތީޖާ ހަމަ ކުރީ ލިބުނު ޕެނަލްޓީ އަކުން ނޭމާ އެވެ.

ދެ ވަނަ ހާފުގައި ޕެރޫގެ ޓަޕިއާ ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 64 ވަނަ މިނެޓްގައި ރިޗާލްސަން ވަނީ ބްރެޒިލްއަށް ނަތީޖާ ހަމަހަމަ ކޮށް ދީފަ އެވެ. ބްރެޒިލްއަށް އަނެއްކާ ވެސް ލިބުނު ޕެނަލްޓީ އަކުން ނޭމާ ލީޑް ނަގައިދިނީ 83 ވަނަ މިނެޓްގަ އެވެ. އޭނާ ހެޓްރިކް ހެދީ މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ހަތަރު ވަނަ މިނެޓްގަ އެވެ.

އެކްއެޑޯއާ ދެކޮޅަށް ކުޅުނު އުރުގުއޭ ވަނީ 4-2 ން ބަލިވެ ފަ އެވެ. ޗިލީ އާއި ކޮލަމްބިއާ ކުޅުނު މެޗު އެއްވަރުވީ 2-2 ންނެވެ.

ބޮލިވީ އާއި އާޖެންޓީނާ ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ބޮލީވިއާ އިންނެވެ. އެ ޓީމުގެ ލަނޑު 24 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މާސެލޯ މާޓިންސް އެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ލައުޓާރޯ މާޓިނޭޒް އާޖެންޓީނާގެ ލަނޑު ކާމިޔާބު ކުރި އެވެ. އާޖެންޓީނާ މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ ޔޯކިން ކޮރެއާ އެވެ.

ބްރެޒިލް އާއި އާޖެންޓީނާއަށް ވެސް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ބްރެޒިލްއަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުން ކުރި ލިބުމުންނެވެ.