ހަބަރު

ޖަލްސާއަށް ދާނީ 12 މެންބަރުންނަށް ވަދެވޭ ގޮތް ހެދުމުން: ރޮޒައިނާ

ރައްޔިތުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންނަށް މަޖިލީހަށް ވަދެވޭ ގޮތް ހެދުމުން ކަމަށް ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުތަކާ ގުޅުން ހުރި މުހިންމު ބިލުތަކެއް މާދަމާގެ ޖަލްސާގައި އެޖެންޑާކޮށްފައިވާ ކަމަށާއި އެހެންކަމުން މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް އިލްތިމާސް ކުރައްވާ ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން އޭނާގެ ފޯނަށް މެސެޖު ފޮނުވުމާ ގުޅިގެނެވެ. އެ މެސެޖުގެ ފޮޓޯއެއް ޓްވީޓް ކުރެއްވުމަށް ފަހު ރޮޒެއިނާ ވިދާޅުވީ އެ ޖަލްސާގައި ބައިވެރިވާން ކިތަންމެހާ ވެސް ބޭނުންވާ ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ ގަވަައިދާ އެއްގޮތަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ރިޔާސަތުން ފޭބުމަށް ފަހު މަޖިލީހަށް ވަނަނުދީ ހިފަހައްޓާފައިވާ 12 މެންބަރުން މަޖިލީހަށް ވަދެވޭ ގޮތް ހައްދަވާ ދެއްވަން އެދޭ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ކުރެއްވި ޓްވީޓު

ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެންބަރުން މަޖިލީހުގައި ބައިވެރި ކުރުމަށް ރޮޒެއިނާ ގޮވާލާފައިވާ އިރު އެ މެންބަރުންގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން 1 ފެބްރުއަރީ ވަނަ ދުވަހު ނެރުނު އަމުރާ ބެހޭ އަޑު އެހުމެއް ސުޕްރީމް ކޯޓުގައި އަންނަ ބުރާސްފަތި ދުވަހު ވަނީ ތާވަލުކޮށްފަ އެވެ.

މަސީހުގެ އިތުބާރު ނެތް މައްސަލަ ފެއިލްވެ، 12 މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެލި ހިސާބުން ފެށިގެން އިދިކޮޅު އެއްވެސް މެންބަރަކު މަަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިއެއް ނުވެ އެވެ. ނަމަވެސް އެ މެންބަރުން ކޮމިޓީތަކުގައި ބައިވެރިވެ އެވެ.