ހަބަރު

12 މެންބަރުންގެ ތެރެއިން ގޮނޑި ލިބުނީ ސައުދަށް އެކަނި

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ އަޑު ގަދަވި 12 މެންބަރުންނަށް އަންނަ މަޖިލީހުގެ އިންތިހާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. ގޮނޑި ދިފާއު ކުރެއްވީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އެކަންޏެވެ.

އެ 12 މެންބަރުންނަކީ އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއި ކުރެއްވި ޕީޕީއެމްއަށް ނިސްބަތްވި މެންބަރުންނެވެ. ގަރާރުގައިވާ ސޮއި ނުނެގުމުން އެ މެންބަރުންގެ ގޮނޑި ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ވަޑައިގެން ގެއްލުވާލި އެވެ.

އޭގެ ފަހުން ވެސް ސުޕްރީމް ކޯޓުން އެ 12 މެންބަރުންގެ ގޮނޑިއާމެދު ގިނަ ނިންމުންތަކެއް ނިންމި އެވެ. އެެންމެފަހުން 12 މެންބަރުންގެ މައްސަލާގައި ވަކިވަކިން ސުޕްރީމް ކޯޓުން ނިންމީ ގޮނޑި ނުގެއްލޭ ކަމަށެވެ. ޕީޕީއެމް ދޫކުރައްވައި އެ ހުރިހާ މެންބަރުން ވެސް ފަހުން މަސައްކަތް ކުރެއްވީ އިދިކޮޅު ކޯލިޝަނުގަ އެވެ.

އިދިކޮޅު ކޯލިޝަނަށް ވެރިކަން ލިބުމާއެކު އޭގެ ތެރެއިން ގިނަ މެންބަރުން ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވި އެވެ. ގިނަ މެންބަރުން ވާދަ ކުރެއްވީ ވެސް އެ ޕާޓީގެ ޓިކެޓްގަ އެވެ.

އެގޮތުން ތިނަދޫ ދެކުނު ދާއިރާއަށް އަބްދުﷲ އަހުމަދާއި މަޑުއްވަރީ ދާއިރާއަށް މުހައްމަދު އަމީތާއި އުނގޫފާރު ދާއިރާއަށް އިލްހާމް އަހްމަދާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ ވާދަ ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ. އެއިން އެއްވެސް ބޭފުޅަކަށް ކާމިޔާބެއް ނުލިބުނެވެ.

އެމްޑީޕީގެ ޓިކެޓްގައި ނުކުމެވަޑައިގެންނެވީ އޭގެ ތެރެއިން އެންމެ މެންބަރެކެވެ. އެއީ ތިމަރަފުށީ ދާއިިރާއަށް މިހާރުގެ ވެސް މެންބަރު މުހައްމަދު މުސްތަފާ އެވެ. ޖުމްހޫރީ ޕާޓީގެ އަބްދުﷲ ރިޔާޒާ ވާދަ ކުރައްވައި މުސްތަފާ ވެސް ވަނީ ބަލިވެފަ އެވެ.

ދެން ތިއްބެވި މެންބަރުން ވާދަ ކުރައްވާފައިވަނީ އަމިއްލަ ގޮތުންނެވެ. އެގޮތުން މައްޗަންގޮޅީ ދެކުނު ދާއިރާއަށް އަބްދުﷲ ސިނާނާއި އިހަވަންދޫ ދާއިރާއަށް މުހައްމަދު އަބްދުﷲ ފުވައްމުލަކު އުތުރު ދާއިރާއަށް އަލީ ޝާހު އަދި ދިއްދޫ ދާއިރާއަށް އަބްދުއްލަތީފް މުހައްމަދު އަމިއްލަ ގޮތުން ވާދަ ކުރެއްވި އެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވެސް ވާދަ ކުރެއްވީ އަމިއްލަ ގޮތުންނެވެ. ނަމަވެސް އެ ދެ މެންބަރުންނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއިދު ކުރެއްވި އެވެ. އެ ދެ ބޭފުޅުންނަށް ވެސް ކާމިޔާބެއް ނުލިބުނެވެ.

ވިލިނގިލި ދާއިރާގެ ގޮނޑި ސައުދު ހުސައިން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ހާރޫން ރަޝީދާ ވާދަކޮށެވެ.

ބާރަ މެންބަރުންގެ ދާއިރާތަކުން ކުރި ހޯދާފައިވާ ގިނަ ބޭފުޅުންނަކީ ސިޔާސީ ދާއިރާއަށް ވަރަށް އާ ބޭފުޅުންނެވެ. އެ ބޭފުޅުންގެ ތެރެއިން ގިނައީ އަލަށް މަޖިލީހަށް ވާދަ ކުރެއްވި ބޭފުޅުންނެވެ.