އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް މައްސަލަ މިއަދު ނުބެލުނު ނަމަވެސް، އެ މައްސަލަ ބެލޭނެ ދުވަހެއް އަދި އަންނާނެކަމަށް 18ވަނަ މަޖިލީހުގައި ގޮނޑި ގެއްލުނުކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި 12 މެންބަރުން ވިދާޅުވެއްޖެ އެވެ.
- މި ސަރުކާރު ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ އެ ބާރަ މެންބަރުންނަކީ ކުރިން އޭރުގެ ސަރުކާރަށް ނިސްބަތްވި މެންބަރުންނެވެ. ނަމަވެސް އޭރުގެ ސަރުކާރުގައި ހިނގަމުންދިޔަ ކަންކަމާ ފާޅުގައި ދެކޮޅު ހަދާ ނިކުތުމުން، އެ މެންބަރުންގެ ގޮނޑި ގެއްލުނުކަމަށް ނިންމާ މަޖިލީހަށް ވަނުމުގެ ފުުރުސަތަށް ހުރަސްއެޅިއެވެ. ފަހުން ސުޕްރީމް ކޯޓުން ވަނީ އެ މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ނިންމާފައެވެ. -
އެމްޑީއެންގެ ރިޕޯޓްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އެކަން އެ މެންބަރުން ވަނީ ކުށްވެރިކޮށްފައެވެ. އެއާއެކު އެމްޑީއެންގެ ފައުންޑަރު ޝަހިންދާ އިސްމާއީލް ވަނީ އެ މެންބަރުންނަށް ރައްދު ދެއްވާފައެވެ.
އެ މެންބަރުން ވަނީ މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކޮށް، މިރިޕޯޓް އެ ޖަމާއަތުގެ ފަރާތުން އެކުލަވާލި މީހުން ހޯދާ، ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ފުލުހުންގެ މުވައްސަސާއަށާއި ރައްޔިތުންގެ މަޖިލީހުން ގޮވާލާފައެވެ.
"ގާނޫނުގެ ދިގުއަތް މިއަދު ނުފޯރިނަމަ، މާދަމާ އަދި އަންނަން އޮތްކަން ގަބޫލުކުރައްވާ."
އެ މެންބަރުން ވަނީ އެމްޑީއެން ނަމަކަށް ކިޔާ ޖަމާއަތުން ގަބޫލުކުރާގޮތުގަ ކީރިތި މާތް ނަބިއްޔާ އަށް ފުރައްސާރަކުރި މީހުންގެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލުމަކީ ކުށެއް ނުވަތަ ފިތުނަ އުފެއްދުންތޯ ޝަހިންދާއާ ސުވާލުކުރައްވާފައެވެ.
"މި ޖަމާއަތުގެ ފަރާތުން މިބޭފުޅާ މާފަށް އެދުނު ކަމުގައި ވިޔަސް ކޮބައިތޯ އިޚްލާސްތެރިކަން؟." ޝަހިންދާގެ ވާހަކަތަކަށް ރައްދު ދެއްވަމުން 12 މެންބަރުން ވިދާޅުވިއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައި ވެއެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.
އެގޮތުން "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން އިސްރާޢާ މިއުރާޒުގެ މާތް ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.