ހަބަރު

ފުލުހުން ނިކުމެ 12 މެންބަރުން މަޖިލީހަށް ނުވެއްދި

Aug 1, 2018
5

ގޮނޑިގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުން ރައްޔިތުންގެ މަޖިލީހަށް ވަނުމަށް ފުލުހުން މިއަދު ވެސް ހުރަސް އަޅައިފި އެވެ.

ސުޕްރީމް ކޯޓުން އެންމެފަހުން އިއްވެވި ހުކުމުން 12 މެންބަރުންގެ ގޮނޑި އަދި ގެއްލިފައި ނުވާކަން ކަށަވަރުވެފައިވާތީ އެ މެންބަރުން މަޖިލީހަށް ދާނެ ކަމަށް އިއްޔެ ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން މިއަދު ހެނދުނު 8:30 ހާއިރު ފެށިގެން މަޖިލިސް ހިމެނޭ ސަރަހައްދު ބަންދުކޮށް، ސެކިއުރިޓީ ވަރުގަދަކޮށް ފުލުހުން އެ ސަރަަހައްދުގައި އަންނަނީ ފޯރަމުންނެވެ.

އެގޮތުން މިއަދު 1:00 ގައި ފެށި ޖަލްސާގައި ބައިވެރިވުމަށް 12 މެންބަރުންގެ ތެރެއިން ހިމެނޭ ބައެއް މެންބަރުން މަޖިލީސް ސަރަހައްދަށް ދިޔުމުން ފުލުހުން ވަނީ އެ މެންބަރުން ވަނަ ނުދީ ހިފަހައްޓާފަ އެވެ. އެ މެންބަރުން އަންނަނީ އެ ސަރަހައްދުގައި މަަޑުކޮށްގެން ތިބެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މީގެ ކުރިން ވެސް 12 މެންބަރުން މަޖިލީހަށް ވަނުމަށް މަސައްކަތް ކުރި ނަމަވެސް އެ ފުރުސަތު ފުލުހުންނާއި ސިފައިންނެއް ނުދެ އެވެ.

މިހާތަނަށް އެ 12 މެންބަރުންގެ މައްސަލާގައި ވެސް ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ނުއިއްވަ އެވެ. ހުކުމުގައި ވެސް އެކަން ފާހަގަކޮށްފައިވާއިރު އަށް މެންބަރެއްގެ މައްސަލަ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އަނެއް ހަތަރު މެންބަރުންގެ މައްސަލާގައި އަޑުއެހުންތަކެއް ބާއްވައި އެ މައްސަލާގައި ހުކުމެއް ނުއިއްވާ މައްސަލަ ބޭރުކޮށްލާފައިވަނީ އެފަދަ މައްސަލަތަކުގައި ސުޕްރީމް ކޯޓުން އަމަލުކުރަންޖެހޭ ގޮތާ ހިލާފަށް ކަމަށް ވެސް ހުކުމުގައިވެ އެވެ.