ބޮލީވުޑް

ކަރްތިކް އާއި ކްރިތީ، "ލުކާ ޗުޕީ"އަށް

މިދިޔަ ފެބްރުއަރީ މަހު ރިލީޒްކުރި ކަރްތިކް އާރްޔަންގެ ފިލްމު "ސޯނޫ ކޭ ޓިއްޓޫ ކީ ސްވިޓީ" ވެގެންދިޔައީ ބުލޮކްބާސްޓާ ފިލްމަކަށެވެ. އެ ފިލްމުގެ ކާމިޔާބީއަށްފަހު ފިލްމު އުފައްދާ ފަރާތްތަކުގެ ނަޒަރު އޭނާއަށް ހުއްޓިފައިވާއިރު މިހާރު ވަނީ އާ ފިލްމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިފަ އެވެ.

ކަރްތިކް ދެން ފެނިގެންދަނީ ދިނޭޝް ވިޖަންގެ ރޮމްކޮމް ފިލްމު "ލުކާ ޗުޕީ" އިންނެވެ. މި ފިލްމުގައި އޭނާއެކު ލީޑުން ފެނިގެންދާނީ ކްރިތީ ޝެނޮން އެވެ.

ދިނޭޝްއަކީ ރޮމްކޮމް ކާމިޔާބު ފިލްމުތަކެއް މީގެ ކުރިން ގެނެސްދީފައިވާ ޕްރޮޑިއުސަރެކެވެ. މި ފިލްމަކީވެސް އޭނާގެ ކުރީގެ ފިލްމުތަކާއި އެއްގޮތަށް މޮޅު ފިލްމަކަށްވާނެ ކަމަށް ވަނީ ބުނެފަ އެވެ.

މި ފިލްމުގައި ކަރްތިކް އާއި ކްރިތީ ކުޅޭނެ ރޯލާއި ބެހޭގޮތުން ވާހަކަދައްކަމުން ދިނޭޝް ބުނީ، "ކަރްތިކް ކުޅޭނީ މަތުރާގެ (އިންޑިއާގެ ސިޓީއެއް) ޓީވީ ޗެނަލެއްގެ ރިޕޯޓަރެއްގެ ރޯލު. މި ފިލްމަށް 'ލުކާ ޗުޕީ' ކިޔުމުގެ ކުރިން ކީ 'މަތުރާ ލައިވް'. ނަމަވެސް ފަހުން ބަދަލުކުރީ." ކަމަށެވެ.

"މި ދެމީހުންގެ ޖޯޑު މި ފިލްމަށް ވަރަށް ކަމުދާނެ. ފިލްމުގެ ޑައިލޮގުތައްވެސް ހުންނާނީ މަތުރާގެ ބަހުރުވައިން. މި ދެމީހުން އެކަމަށް ރެޑީކުރަމުން މި ދަނީ." ދިނޭޝް ބުންޏެވެ.

"ލުކާ ޗުޕީ" ޑައިރެކްޓުކުރާނީ ލަކުޝްމަން އުތޭކަރް އެވެ. އޭނާއަކީ މީގެ ކުރިން މަރާޓީ ފިލްމުތައް ޑައިރެކްޓުކުރި މީހެކެވެ. މި ފިލްމު ވެގެންދާނީ އޭނާގެ ފުރަތަމަ ބޮލީވުޑް ޑައިރެކްޝަނަށެވެ.