ކުޅިވަރު

އައްޑޫ އާއި ފުވައްމުލަކަށް ބައިސްކަލް ސްޓަންޓް ހުނަރުވެރިޔާ ކުރި ޓުއާ ނިންމާލައިފި

ހުނަރު ދައްކާލުުމުގެ ކާމިޔާބު ހަތަރު ޝޯ ދިނުމަށް ފަހު، އައްޑޫ ސިޓީ އާއި ޏ.ފުވައްމަކަށް ޓްރައިލް ބައިކްގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައިވާ ރެޑްބުލްގެ އެތުލެޓީކް އޮސްޓްރިއާގެ ތޯމަސް އޮލާ ކުރި ޓުއާ މިއަދު ނިންމާލައިފި އެވެ.

ބައިސްކަލް ސްޓަންޓް ހެދުމުގެ ހުނަރުތައް ދައްކާލުމަށް އައްޑޫ ސިޓީ އާއި ޏ.ފުވައްމުލަކަށް ޓޮމް ކުރި ޓުއާ އަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ. ރެޑްބުލް އާއި ޔޫރޯ މާކެޓިން ގުޅިގެން އިންތިޒާމްކުރި ޓުއާގައި ޓޮމް ވަނީ އައްޑޫ ސިޓީގެ ފޭދޫ އާއި ހިތަދޫ އަދި ހުޅުމީދުގައި ހުނަރު ދައްކާލުމުގެ ތިން ޝޯ ބާއްވައިފަ އެވެ. ފުވައްމުލުގައި ޓޮމްގެ ޝޯ ބޭއްވީ އަންގާރަ ދުވަހު އެވެ.

"ވަރަށް ހިތްހަމަޖެހޭ އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ބޭއްވި ޝޯތަކާމެދު. ވަރަށް ތަފާތު ތަޖުރިބާއެއް މިއީ،" ޓޮމް ،31، ބުންޏެވެ.

ރާއްޖެ އަށް ޓޮމް ކުރާ ޓުއާގައި މާދަމާ ހަވީރު 1700ގައި ހުޅުމާލޭގައި ޝޯއެއް ދޭނެ އެވެ. މީގެ އިތުރުން ހުކުރު ދުވަހު ހެނދުނު ވިލިނގިލީގައި ޝޯއެއް ދިނުމަށް ފަހު، ރާއްޖެ އަށް ކުރާ ޓުއާ ޓޮމް ނިންމާލާނީ ހުކުރު ދުވަހުގެ ރޭ ރާޅުގަނޑު ސަރަހައްދުގައި ދޭ ޝޯ އިންނެވެ.

ޓޮމް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އޭނާ ހަދައިފައިވާ ދުނިޔޭގެ ރެކޯޑްތަކުންނެވެ. ބައިސްކަލެއްގައި ހައި ޖަމްޕް ހެދުމުގެ ދުނިޔޭގެ ރެކޯޑާއި 400 މީޓަރުގެ ހާޑަލްސްއެއް ބައިސްކަލެއްގައި ފުރިހަމަކޮށްގެން ޓޮމް ވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފަ އެވެ.

ޓްރައިލް ބައިކް ނުވަތަ ބައިސްކަލްގައި ސްޓަންޓް ހެދުމުގެ ހުނަރުތައް ޓޮމް ވަނީ ވަރަށް ހަގު އުމުރެއްގައި ދަސްކޮށްފަ އެވެ. ޕްރޮފެޝަން ޓްރައިލް ބައިކް އެތުލީޓެއްގެ ގޮތުގައި ޓޮމް ވާދަވެރި މުބާރާތްތަކުގައި ބައިވެރިވާން ފެށީ އުމުރުން 15 އަހަރުގަ އެވެ. އޮސްޓްރިއާ ޓްރައިލް ބައިކް ޗެމްޕިއަންކަން ޓޮމް އެންމެ ފުރަތަމަ ހޯދީ އުމުރުން 18 އަހަރުގަ އެވެ. އޮސްޓްރިއާގެ ޗެމްޕިއަންކަން އޭނާ ވަނީ ޖުމްލަ ހަ ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޓޮމް ވަނީ 2006 ވަނަ އަހަރު ޔޫރަޕިއަން އިންޑޯ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. ދުނިޔޭގެ ޗެމްޕިއަންކަން ޓޮމް ހޯދީ 2008 ވަނަ އަހަރެވެ. ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ޓޮމް ވަނީ ވާދަވެރި މުބާރާތްތަކުގައި ވާދަކުރުން ހުއްޓާލައިފަ އެވެ. އޭގެ ފަހުން އޭނާ ހަރަކާތްތެރިވަނީ ޑެމޯ ޝޯތައް ދިނުމުގަ އެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުނަރު ދައްކާލުމުގެ ޝޯތައް ދީފަ އެވެ.