ބޭރު ކުޅިވަރު

ފަސް ވަނަ ދައުރަށް ބްލެޓާ އިންތިހާބުވެވަޑައިގެންފި

މިހާރު ކުރިއަށްދާ ފީފާގެ އިންތިހާބުގައި ދެވަނަ ބުރަކަށް ނުގޮސް އާއި ޖޯޑަންގެ ޕްރިންސް އަލީ އިންތިހާބު ދޫކޮށްލެވުމާއެކު، ފަސް ވަނަ ދައުރަކަށް ޖޯސެޕް ބްލެޓާ ފީފާގެ ރައީސްގެ މަގާމަށް އިންތިހާބުވެޑައިގެންފި އެވެ.

ސްވިޓްޒަލޭންޑްގެ ޒިއުރިކްގައި ކުރިއަށްދިޔަ ފީފާގެ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެނިޑޭޓަކަށް ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބުކުރުމަށް ބޭނުންވާ އަދަދަކަށް ވޯޓެއް ނުލިބުނެވެ. ފީފާގެ އިންތިހާބުގައި ބްލެޓާ އަށް 133 ވޯޓު ލިބިވަޑައިގަތެވެ. ޕްރިންސް އަލީ އަށް ލިބިވަޑައިގަތީ 73 ވޯޓެވެ. ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބުކުރެވޭނީ ވޯޓުގެ ތިން ބައިކުޅަ ދެ ބައި ކާމިޔާބުކޮށްގެނެވެ. ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބުކުރައްވަން ބްލެޓާ އަށް މަދުވީ ހަތް ވޯޓެވެ.

ދެވަނަ ބުރުގައި މެޖޯރިޓީ ލިބޭ ކެނިޑޭޓަކަށް އިންތިހާބު ކާމިޔާބުކުރެވޭއިރު، ޕްރިންސް އަލީ ވަނީ ދެވަނަ ބުރަކަށް ނުގޮސް، އިންތިހާބު ދޫކޮށްލައިފަ އެވެ.

"އަހަންނަށް ވޯޓު ދޭން ކެރުނު ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. އެކަމަކު އަހަރެން މި ނިންމީ އިންތިހާބު ދޫކޮށްލަން،" ޕްރިންސް އަލީ ވިދާޅުވި އެވެ.

އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ބްލެޓާ ވަނީ ޕްރިންސް އަލީ އަށް ތައުރީފްކުރައްވައިފަ އެވެ.

"ފުރަތަމަ ވެސް އަހަރެން ޕްރިންސް އަލީ އަށް ތައުރީފްކުރަން. ޕްރިންސް އަލީ ހޯދީ ރަނގަޅު ނަތީޖާއެއް. ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ޕްރިންސް އަލީ އަށް އޮތް،" ބްލެޓާ ވިދާޅުވި އެވެ. "އިތުރު އަހަރު އަހަރަށް އަހަރެން އިންތިހާބު ކުރީތީ ޝުކުރު އަދާކުރަން."

ފަސް ވަނަ ދައުރަކަށް ބްލެޓާ އިންތިހާބުވެވަޑައިގަތީ ، އޭނާ އަށް ވަނީ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފަ އެވެ. ކޮރަޕްޝަންގެ ތުހުމުގައި މި ހަފުތާގައި ފީފާގެ އިސް އޮފިޝަލުންތަކެއް ހައްޔަރުކުރުމާޢެކު، ބްލެޓާ މަގާމުން އިސްތިއުފާ ދިނުމަށް ބައެއް ފަރާތްތަކުން ވަނީ ގޮވަލައިފަ އެވެ. ބްލެޓާއާ ދެކޮޅަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި މަސައްކަތްކުރަމުންދަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އިންގްލެންޑްގާއި އަޔަލޭންޑް އިން ވަނީ ބްލެޓާ އަށް ވޯޓު ނުދޭނެ ކަމަށް ފާޅުގައި ބުނެފަ އެވެ.