ހަބަރު

އިދިކޮޅު މެންބަރުން މަސީހަށް: 12 މެންބަރުންނަށް ފުރުސަތު ދީ!

ރިޔާސީ އިންތިހާބާ ބެހޭ ގާނޫނުތައް ފާސް ކުރުމަށް އިދިކޮޅު މެންބަރުން ޖަލްސާގައި ބައިވެރިވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މިދިޔަ ތިން ދުވަހު ބޭއްވި ޖަލްސާތަކުގައި ގޮވާލާ ގޮވާލެއްވުމަށް އެ މެންބަރުން ރައްދުދެއްވައިފި އެވެ. އިދިކޮޅު މެންބަރުން ވިދާޅުވަނީ އެ މެންބަރުން ޖަލްސާތަކުގައި ބައިވެރިވާނީ ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެންބަރުން ވެސް ޖަލްސާތަކުގައި ބައިވެރި ކުރަން ފުރުސަތު ދިނުމުން ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް މަޖިލީހުގައި ވަނީ ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ ދެ އިސްލާހަކާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހެއް ތާވަލުކޮށްފަ އެވެ. އެއީ ބޭރުގެ އެކި ގައުމުތަކުގެ ސިޔާސީ ހިމާޔަތް ހޯދާފައިވާ މީހުންނަށް ރިޔާސީ އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތަށް ހަދާ އިސްލާހާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ހުށަހެޅުއްވި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަން ޖެހޭ އިދާރީ ފީ 100،000 ރުފިޔާއަށް ބޮޑު ކުރާ އިސްލާހު އަދި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހެވެ. އެ އިސްލާހުތަކަކީ ރައްޔިތުން ސީދާ އަމަލު ކުރަން ޖެހޭ ގާނޫނަކަށް ވާތީ އެ އިސްލާހުތައް ފާސް ކުރުމަށް 43 މެންބަރުން ވޯޓަށް އަހާއިރު ތަޅުމުގައި ހާޒިރުވެ ތިބެން ޖެހެ އެވެ.

އެހެންކަމުން މަސީހު އެދިވަޑައިގަންނަވަނީ އެ އިސްލާހުތައް ފާސް ކުރެއްވުމަށް އިދިކޮޅު މެންބަރުން ވެސް ޖަލްސާއަށް ވަޑައިގެން ވޯޓުގައި ބައިވެރިވުމަށެވެ. އެކަމަށް ރައްދު ދެއްވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު މެންބަރުން މަޖިލީހުގެ ވޯޓުގައި ބައިވެރިވުމަކީ ރައްޔިތުން މަޖިލީހުގެ 12 މެންބަރުން މަޖިލީހަށް ނުވައްދާ މުޅި ދައުލަތުން ހިންގާ ޖަރީމާގައި ބައިވެރިވުން ފަދަ ކަމެއް ކަމަށެވެ.

އިދިކޮޅު ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ، ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވިދާޅުވީ ގާނޫން އަސާސީއާ ކަނޑައެޅިގެން ހިލާފަށް މަޖިލީހުގެ 12 މެންބަރުން މައްސޫލިއްޔަތު ހުއްޓުވާފައި އޮތް އޮތުން ނިމުމަކަށް ނުގެންނަނީސް މަޖިލީހުގެ ޖަލްސާތައް ސައްހަ ކަމެއްގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ޣައިރު ގާނޫނީ އެއްވެސް ކަމެއްގައި ބައިވެރި ނުވެވޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ޖަލްސާގައި ބައިވެރިވުމަށް އެދި މަޖިލީހުން ފޮނުވި މެސެޖުގެ ފޮޓޯއެއް ޓްވީޓު ކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ 12 މެންބަރުން މަޖިލީހަށް ވައްދަން އިލްތިމާސް ކުރާ ކަމަށެވެ. އަދި މަސީހު މަޖިލީހުގެ ރައީސް ކަމުން ބާލަން އިލްތިމާސް ކުރާ ކަމަށެވެ.

އިންތިހާބުތަކާ ބެހޭ ގާނޫންތަކަށް ގެންނަ އިސްލާހަށް ވޯޓަށް އެހުން މިއަދު 1:30 ގައި އޮންނާނެ އެވެ. އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އިދިކޮޅު މެންބަރުން ޖަލްސާގައި ބައިވެރިވާން އެކަށީގެންވާ ވަރަށް ފުރުސަތު ދެވިއްޖެ ކަމަށާއި 43 މެންބަރުން ހަމަ ނުވިޔަސް މިހާރު ވޯޓު ސައްހަ ވާނެ ކަމަށެވެ.