ދުނިޔެ

ދުވަސްވީ މީހުން ބަލާ ތަނަކަށް ނުދާންވެގެން ދަރިފުޅު މަރާލައިފި

Jul 5, 2018

އެރިޒޯނާ (ޖުލައި 4) - އުމުރުން ދުވަސްވީ މީހުން ބަލާ ތަނަކަށް ފޮނުވާލަން އުޅުމުން، 92 ގެ އަންހެނަކު އޭނާގެ ފިރިހެން ދަރިފުޅު މަރާލައިފި އެވެ.

އަނާ މޭ ބްލެސިންގް ދިރިއުޅުނީ އޭނާގެ 72 އަހަރުގެ ފިރިހެން ދަރިފުޅާއި ދަރިފުޅުގެ 57 އަހަރުގެ ލޯބިވެރިޔާ އާ އެކީ އެމެރިކާގެ އެރިޒޯނާ ސްޓޭޓުގައި ހުރި ގެއެއްގަ އެވެ.

ނަމަވެސް، މަންމަ އާއެކު އުޅެން އުނދަގޫވެފައިވާ ކަމަށް ބުނެ އަނާގެ ދަރިފުޅު ދިޔައީ ދުވަސްވީ މީހުން ބަލާ ތަނަކަށް މަންމަ ފޮނުވާލަން ވިސްނަމުންނެވެ.

އެތަކެއް ދުވަހެއް ވަންދެން ދަރިފުޅުގެ ނިންމުމާއި މެދު ވިސްނުމަށްފަހު، މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ ބަޑިޖަހާ ދަރިފުޅު މަރާލާފަ އެވެ.

"ކަލޭ އަހަރެން މަރާލީ. އެހެންވީމަ އަހަރެން ކަލޭ މަރާލީ،" ހައްޔަރުކޮށްގެން ގެންދިޔަ ވަގުތު ދަރިފުޅަށް ނިސްބަތްކޮށް އަނާ ބުނިކަމަށްވެ އެވެ.

ލައިގެން ހުރި ހެދުމުގެ ޖީބަށް ދެ ބަޑިލައިގެން، އަނާ އޭނާގެ ފިރިހެން ދަރިފުޅުގެ ކޮޓަރިއަށް ދިޔަ ކަމަށްވެ އެވެ. އަދި ދެ މީހުން ދެމެދު ހިނގި ޒުވާބަކަށްފަހު، އެތަނުން އެއް ބަޑި ނަގައި ދަރިފުޅު ގަޔަށްޖެހި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ދެން އަނާ ބަޑި އަމާޒުކުރީ ދަރިފުޅުގެ ލޯބިވެރިޔާ އަށެވެ. ނަމަވެސް، އޭނާ އަނާގެ އަތުގައި ހިފުމުން ބަޑި ވެއްޓުނެވެ. ޖީބުން ދެވަނަ ބަޑި ނެގުމުން، އަނެއްކާވެސް އަނާގެ އަތުން ބަޑި އަތުލުމަށްފަހު، އެ އަންހެން މިހާ ވަނީ ފުލުހުންނަށް ފޯނުކޮށްފަ އެވެ.

ފުލުހުންނަށް އާދެވުނު އިރު، އަނާ އިނީ ކޮޓަރީގައި އިން ގޮނޑިއެއްގައި އަރާމުކޮށް އިށީނދެލައިގެން ކަމަށްވެ އެވެ.