ފިނިޕޭޖް

"ބާހުބަލީ" ގެ ޕްރީކުއެލްއެއް ސީރީޒެއް ނެޓްފްލިކްސްއަށް

އެސްއެސް ރާޖްމޯލީ ގެނެސްދިން ފެންޓަސީ ޑްރާމާ ފިލްމު "ބާހުބަލީ" އަކީ ދެކުނު އިންޑިއާގެ ފިލްމު އިންޓަސްޓްރީ ބޮޑު ހަރުފަތެއް ކުރިއަށް ޖައްސާލިި ފިލްމެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން ބޮޑު އާމްދަނީއެއްގެ އިތުރުން ގިނަ ބައެއް ލޯބި ލިބުނު ފިލްމެކެވެ.

ދެ ބަޔަކަށް ބަހާލައިގެން ގެނެސްދިން މި ފިލްމުގެ ދެ ވަނަ ފިލްމު "ބާހުބަލީ: ދަ ކޮންކުލޫޝަން" އަކީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާގެ ފިލްމުވެސްމެ އެވެ. މި ދެ ފިލްމާއެކު މި ފިލްމުގެ ވާހަކަ ނިމުނީކަމަށް ފޭނުން ހީކޮށްގެން ތިއްބާ ފިލްމުގެ އުފެއްދުންތެރިން މިހާރު މި ވަނީ މި ފިލްމުގެ ޕްރީކުއެލް ގެނެސްދޭނެކަން އިއުލާނުކޮށްފަ އެވެ.

މި ފިލްމުގެ ޕްރީކުއެލްއެއް ގެނެސްދެނީ ދުނިޔޭގެ އެންމެ މަޝްހޫރު އޮންލައިން ފިލްމު/ސީރީޒް ސްޓްރީމިން ސައިޓް ނެޓްފްލިކްސް އިންނެވެ. ނެޓްފްލިކްސްއިން މިހާރު ވަނީ މި ހަބަރު ކަށަވަރުވެސް ކޮށްދީފަ އެވެ. ޕްރީކުއެލް ގެނެސްދޭނީ ތިން ސީޒަނަކަށް ބަހާލައިގެން ސީރީޒެއްގެ ގޮތުގަ އެވެ. ރާޖްމޯލީ އާއި ދޭވާ ކަޓާ ޑައިރެކްޓުކުރާ މި ސީރީޒްގެ ނަމަކީ "ޝިވަގާމީ" އެވެ.

"ޝިވަގާމީ" އަކީ "ބަހުބާލީ" ގައި ބާހުބަލީގެ ބޮޑުދައިތަގެ ރޯލުން ފެނިގެންދިޔަ ކެރެކްޓާ އެވެ. ހިންދީ ފިލްމުގައި އޭނާ މަޝްހޫރުވީ ރާޖްމާތާގެ ނަމުންނެވެ. ބާހުބަލީގެ މަންމަ އޭނާ ވިހެއުމަށްފަހު މަރުވުމުން އޭނާ ބެލީ ޝިވަގާމީ އެވެ. އޭރު މަހިޝްމަތީގެ ރަނިކަމުގައި ހުރީ ޝިވަގާމީ އެވެ. އޭނާއަކީ ވަރަށް ކުޅަދާނާ ހަނގުރާމާވެރިއެއްވެސްމެ އެވެ. މި ސީރީޒްގައި ގެނެސްދޭނީ މަހިޝްމަތީގެ ރަނިކަމަށް އޭނާ އައި ގޮތެވެ.

"ބާހުބަލީ" ގެ ދެ ވަނަ ފިލްމު ގެނެސްދިން ދުވަސްކޮޅު އެ ފިލްމުގެ ޕްރޮމޯޝަނަށް ވަނީ "ދި ރައިޒް އޮފް ޝިވާގާމީ" ގެ ނަމުގައި ބާހުބަލީގެ ޕްރީކުއެލް ވާހަކަ ފޮތެއްވެސް ނެރެފަ އެވެ. މި ވާހަކަވެސް ލިޔުނީ "ބާހުބަލީ" ގެ ވާހަކަ ލިޔުނު އާނަންދު ނީލާކަތަން އެވެ. މި ވާހަކަ ފޮތް ވަނީ އިނގެރޭސި، ހިންދީ، ޓެލުގޫ އަދި ތަމަޅަ ބަހުން ނެރެފަ އެވެ.

"ބާހުބަލީ: ދަ ކޮންކުލޫޝަން" ގެ ޓްރެއިލާ.

މި ސީރީޒް ތައްޔާރުކުރުމަށް ނެޓްފްލިކްސްއިން ވަނީ ބޮޑު ބަޖެޓެއްވެސް ދީފަ އެވެ. ސީރީޒްއާއި ބެހޭގޮތުން ވާހަކަދައްކަމުން މި ސީރީޒްގެ ކޯ ޑައިރެކްޓަރު ދޭވާ ބުނީ "ބާހުބަލީ" އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ފިލްމެއް ކަމަށާއި ޕްރީކުއެލްއެއް ގެެނެސްދިނުމަކީ ފޭނުންނަށް ލިބޭނެ ވަރަށް އުފާވެރި ހަބަރެއް ކަމަށެވެ.

"އަހަރެން ވަރަށް އުފާވެ އަދި ފަހުރުވެރިވަން ރާޖްމޯލީއާއެކު އަނެއްކާވެސް މަސައްކަތްކުރަން ފުރުސަތު ލިބުމުން." ދޭވާ ބުންޏެވެ.

ރާޖްމޯލީ މިހާރު މަސައްކަތްކުރަމުން އަންނަނީ 2010 ވަނަ އަހަރު ނިކުތް އޭނާގެ ޓެލުގޫ ހިޓު ފިލްމު "ޕްރަސްތަނަމް" ގެ ހިންދީ ފިލްމެއް ތައްޔާރުކުރުމުގަ އެވެ. ޕޮލިޓިކަލް ތްރިލާ މި ފިލްމަކީ އޭނާ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. މި ފިލްމުގައި ލީޑުން ފެނިގެންދާނީ ސަންޖޭ ދަތާއި ޖެކީ ޝްރޮފް އަދި މަނީޝާ ކޮއިރަލާ އެވެ.