ވާހަކަ

ބުނެދޭށޭރުހެމޭ

(3 ޖުލައި 2018 އާ ގުޅޭ)
"ހެލޯ!... އަރްސަލް!... އަރްސަލްތަ؟" ބިލާލުގެ އަޑު އަރްސަލްގެ ކަންފަތުގައި ޖެހުނެވެ.

"ހޫމް!" އަރްސަލް ލައްވާލީ ހަމައެކަނި ހޫންއެކެވެ.

"ކޯލު ނަގާނެކަމަކަށް ހިޔެއްނުކުރަން، އެކަމަކު ޖަވާބުދިނީމަ ވަރަށް އުފާވެއްޖެ... ވާހަކަ ގިނަކުރާކަށްނެތިން، އަރްސަލްއާ ބައްދަލުކޮށްލަން ބައްޕަ ބޭނުންވަނީ... ކުރިން އަރްސަލްއަށް އެނގުން މުހިންމުނޫންކަމުގައި ދުށް ވާހަކަތަކެއް އެކަމަކު މިހާރު އެނގޭ އަރްސަލްއަށް ހަޤީޤީގަތް އެނގެން ޖެހޭކަން... އެހެންވެ މި ގުޅީ... ކޮންއިރަކުން ވަގުތެއްވާނީ" ބިލާލު ދެއްކި ވާހަކަތައް އަރްސަލް އިނީ ކަނުލައިއަހާށެވެ. އެތައް އަހަރަކަށްފަހު ބިލާލުއާ ކުރިމަތިލާން އަރްސަލް ނިންމާފައިވަނިކޮށް ޚުދު ބިލާލު އިސްވެ ގުޅާފާނޭކަމަށް އަރްސަލްއަށް ހީކުރެވިފައެއްނެތެވެ. އެހެންވެ ބިލާލު ގުޅާފައި ބައްދަލުކޮށްލަން ބުނުމުން އެކަމަށް ބޭނުންވިޔަސް އަރްސަލް އިނީ ޖަވާބެއްދޭން ނޭނގިފައެވެ. އަރްސަލްއަށް އެނގެންޖެހޭ ވާހަކަތަކެއް ހުރިކަމުގައި ބިލާލު އިޝާރާތްކުރާއިރު އެ ވާހަކަތަކަކީ ކޮބައިކަން އަރްސަލް ދެނެގަންނަން އެނގުނެވެ. ނަމަވެސް ކުއްލިއަކަށް ހިތާއި ސިކުނޑީގައި ނޭނގޭ ބިރުވެރިކަމެއް ހިނގައިގަތީއެވެ.

"... އަރްސަލް!... ހަޤީޤަތް ވެދާނެ ހީނުކުރާވަރުގެ ކަމަކަށް ވެސް. ބައްޕަގެ ކުށެއްނެތްކަން އެނގިއްޖެނަމަ އެ ބައްޕައަށް މަޢާފުކުރާނަންތަ؟ ބައްޕައަށް ތި ދިރިއުޅުމުން ފުރުޞަތު ދޭނަންތަ؟..." އަރްސަލްގެ ހަނދާނަށް ވެރިވެގެން އައީ ނިމްރާގެ ވާހަކަތަކެވެ. ނިމްރާ ބުނިފަދައިން ކަންތައްވެއްޖެނަމަ ދެން ހަދާނޭ ގޮތެއް އަރްސަލްއަކަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. ބައްޕައާ ކުރިމަތިލައި ދެމެދުގައި އުފެދިފައި އޮތް ގުޖަޑުގަނޑު ޚަލާސްކުރާންވީ ވަގުތު ޖެހިއްޖެކަން އެނގޭއިރު އޭނާ އެ އިނީ ފިނިވެފައެވެ. ކުރިއަށް ފިޔަވަޅެއް އަޅަން ޖެހިލުންވެފައެވެ.

"އަރްސަލް!... އެބަހުރިންތަ؟" އަރްސަލް ވާހަކަ ނުދައްކާ ގިނައިރުވާން ފެށުމުން ބިލާލު ގޮވާލިއެވެ. ޚިޔާލުތަކުގެ ތެރެއިން ބޭރުވި އަރްސަލް ހޫންލައްވާލިއެވެ.

"ފޯނުން ދައްކާވަރުގެ ވާހަކައެއްނޫން، އެހެންވެ ބައްދަލުކުރަން މި ބުނީ... އަރްސަލް ވަގުތަކާއި ތަނެއް ބުނަނިކޮށް ބައްޕަ ހިނގައިދާނަން ބައްދަލުކުރަން" ބިލާލު އަނެއްކާ ވެސް އޭނާގެ ބޭނުން ހާމަކުރިއެވެ.

"މިވަގުތު ބިޒީ... ފަހުން ޖަވާބެއްދޭނަން" އަރްސަލް ބުނެލިއެވެ.

"އެންމެ ރަނގަޅު، އަރްސަލްގެ ފަރާތުން ޖަވާބެއް ލިބޭންދެން ބައްޕަ އިންތިޒާރުކުރާނަން" ބިލާލު މިހެންބުނެ ފޯނުކޯލު ކުރުކޮށްލީއެވެ.

"ކީކޭ ބައްޕަ ބުނީ؟" އަރްސަލްގެ ފޯނުކޯލު ނިމެންދެން މަޑުކޮށްލައިގެން އިން ރާދިން އަވަހަށް އަހާލިއެވެ.

"ބައްދަލުކޮށްލަން އެދުނީ" އަތުގައި އޮތް ފޯނަށް ބަލަން އިނދެފައި އަރްސަލް ބުނެލިއެވެ.

"ކޮންކަމަކާކަން ބުނިތަ؟" ރާދިން އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.

"ވާހަކައެއްދައްކާލަންށޯ... އަހަންނަށް އެނގެންޖެހޭކަމެއް އޮތީމަ" އަރްސަލް އިސްއުފުލައި ރާދިންއަށް ބަލާލިއެވެ.

"އެހެންވީރު ބޮޑު ވާހަކައެއް ދައްކަން ބައްޕަ އެ އުޅެނީ... ބައްޕައާ ބައްދަލުނުކުރަންވެގެންތަ ބިޒީއޭ ބުނީ" ރާދިން އަހާލިއެވެ.

"އައި ވޮސްންޓް ރެޑީ... ކުއްލިއަކަށް ބައްޕަ ގުޅާފައި އެގޮތަށް ވާހަކަދެއްކީމަ ބުނަންވީ އެއްޗެއް ނޭނގުނީ" އަރްސަލް ހަޤީޤަތް ހާމަކުރިއެވެ. އަރްސަލްގެ ދުލުން ބައްޕާއޭ ބުނާއަޑު އިވޭ ކޮންމެފަހަރަކު ރާދިންގެ ތުންފަތަށް ލުއިހިނިތުންވުމެއް ވެރިވެގެންދެއެވެ.
"ބައްޕަ ދުރުގައި ހުއްޓަން އަހަރެމެން ހުރިހާ ކުދީންދެކެ ވަރަށް ލޯބިވޭ. ބައްޕަ އަމިއްލައަށް އެގޮތަށް އެދުނީމަ އަރްސަލްވާނެ ބައްޕައާ ބައްދަލުކުރަން... ޕްލީޒް!... ޢާއިލާއާއި މައިންބަފައިންނާ ދުރުގައި އުޅުމަކީ ހަޤީޤަތުގައި ވަރަށް އެކަނިވެރި ދިރިއުޅުމެއް، މައްސަލަތައް ޖެހޭނެ، އެހެނޭ ކިޔާފައި މުޅި އުމުރަށް ގުޅުންކަނޑާލާކަށްނުވާނެއެއްނު... ބައްޕަގެ ވާހަކަ އަޑުއަހަން އަރްސަލް މިފަހަރު ޖެހޭނެ، އަހަރެން ދުވަހަކުވެސް އަރްސަލްގެ ގާތުން ކަމަކަށް ނޭދެމެއްނު، އެހެންވީމަ އަހަންނަށް ދުވަހަކުވެސް ކަމެއްކޮށްދޭނަމަ މިފަހަރު ބައްޕައާ ބައްދަލުކޮށް ތި ދެމެދުގައި އޮތް ގުޅުން ރަނގަޅުވޭތޯ އަރްސަލް މަސައްކަތްކުރަންވީ، އަހަރެން އަބަދުވެސް ބުނަން ދޯ ބައްޕައަކީ ބައްޕަ ނޫންކަމަކަށް ނުވާނެއޭ... ކިތަންމެ ދުރުހެލިވިޔަސް ލޭގެ ގުޅުން ނުކެނޑޭނެ، އެ ބައްޕައާ އަރްސަލް އަބަދުވެސް ހުންނާނީ ގުޅިފައި" ރާދިން ބުނެލިއެވެ.

"އަހަރެން ނުބުނަމެއްނު ބައްދަލުނުކުރާނަމޭ، އަހަންނަށް ވެސް އެނގޭ އަހަރެންގެ ސުވާލުތަކަށް ޖަވާބުލިބޭނީ ބައްޕައާ ބައްދަލުކޮށްގެންކަން... އިހަށް މި ހުރިހާކަމަކާމެދު ވިސްނާލަން ވަގުތުކޮޅެއް ބޭނުންވަނީ، އަހަރެން ހަމަޖެހިގެން ބައްޕައަށް ގުޅާނަން، ރާދު ނުބުންޏަސް އަހަރެން މިފަހަރު ހުރީ ބައްޕައާ ބައްދަލުކުރަން ވިސްނައިގެން... އައި ނޯ އަހަރުތަކެއްފަހުންކަން މިފަދަ ހިތްވަރެއް މި ލިބުނީ" އަރްސަލް މިހެން ބުނެލުމާއެކު ރާދިން ބޯޖަހާލިއެވެ.

"އަދި ލަހެއްނުވޭ" ރާދިން ބުންޏެވެ.

* * * * *

ޝިހާނާއާއެކު ނިމްރާ ބަޒާރުކުރުމުގައި އުޅެނިކޮށް އެ މީހުންނާ ހަލަފް ބައިވެރިވިއެވެ. މިހާތަނަށް ނިމްރާއަށް ވިޝާންގެ ފަރުމާތައް ކަމުގޮސްފައިވާތީ ޝިހާނާއާއި ހަލަފް ގަސްދުކުރީ އޭނާގެ ގާތަށް ދިއުމަށެވެ. އެކި މުނާސަބަތުތަކަށް ގުޅޭނޭ ފަރުމާތައް އޭނާގެ އަތުގައި ހުއްޓެވެ. ނިމްރާއަށް އޮފީސް ހެދުން ބޭނުންވާއިރު މަދުނުވާނޭވަރަށް ހެދުން ތައްޔާރުކުރުމަށް ވިޝާންއާ ހަވާލުކުރެވުނެވެ. އެހާ ބޮޑު ޚަރަދެއް ކުރަން ނިމްރާ ބޭނުންނުވި ނަމަވެސް އެކަކު ވެސް އޭނާގެ އަޑެއް ނޭހިއެވެ. ހަލަފްގެ ފަރާތުން ތިން ހެދުން ނިމްރާއަށް ހަދިޔާކުރިއެވެ. މޭކަޕްކުރާ ސާމާނު ގަނެދިނުމުގެ އިތުރުން ވިޝާންގެ އޮފީސް ވެއާ ކަލެކްޝަނުން ޝިހާނާ ބޭނުން އެތައް ހެދުމެއް ނިމްރާއަށް ނެގިއެވެ. އެކަމާ ނިމްރާ ދެކޮޅު ހެދުމުން ނެގި ހެދުންތަކުގެ ތެރެއިން ޝިހާނާ އެދުނީ އެންމެ މަދުވެގެން ފަސްހެދުން ޤަބޫލުކުރުމަށެވެ. އެ ހުރިހާ އެއްޗަކީ ނިމްރާއަށް ޓަކައި ހެޔޮ ހިތުން އޭނާ ދޭ ހަދިޔާކަމުގައި ބުންޏެވެ. އޭރު އަދި ނިމްރާ ބޭނުން އެއްޗެއް ހޯދުމަށް އަރްސަލްގެ ޑެބިޓް ކާޑު ޝިހާނާއަށް ދީފައި އޮތްކަމެއް ނިމްރާ ނުދެނަހުއްޓެވެ. ވިޝާންއާ ހަވާލުކުރެވުނު ފަރުމާތައް ނިންމާފައި ބިލު ތައްޔާރުކުރުމަށް ޝިހާނާ ބުނުމުން ނިމްރާ އަޅާނުލީ ހެދުންތައް ބަލާ އައިސް އަގު އަދާކުރާނީ ކަމުގައި ވިސްނާފައެވެ. އެހެންވިޔަސް އެ ބިލަށް ފައިސާ ދައްކަން ހަމަޖެހިފައި އޮތީ ނިމްރާގެ ފައިސާއަކުން ނޫނެވެ. އޭނާއަށް އެކަންކަން ޝިހާނާ ސިއްރުކުރީ އަރްސަލް އެކަން އެގޮތަށް ކުރުމަށް އެދިފައި އޮތުމުންނެވެ.

"ޕްރިންސް... ތި ހުރިހާ ހެދުމެއް ވަރަށް އަވަހަށް ބޭނުންވާނެ އިނގޭ" ޝިހާނާ ބުނެލިއެވެ.

"ޑޯންޓް ވޮރީ... ރެޑްއަކީ މިހާރު އަހަރެންގެ ނަންބަރވަން ކަސްޓަމާރ، ތިން ދުވަސް ގެނޭ އަހަންނަށް، އެހާތަނަށް ހުރިހާ ހެދުމެއް ނިންމާނަން" ވިޝާން ބުނެލިއެވެ.

"އެހެންވީރު އަހަރެމެން މިދަނީ، އަދި ޝޮޕިންގް ނުނިމޭ، ދެން އޮތީ އެންމެ މުހިންމު އެއްޗެހި، ހަލަފް! ވީ ވޯންޓް ބީ ނީޑިން ޔޫ، އަންހެން ކުދީންގެ ޑިޕާޓެމެންޓެއް އެއީ" ވިޝާންމެން ގޭގެ ސޯފާއިން ތެދުވެ ކޮނޑުގައި އަތްދަބަސް އަޅުވާލަމުން ޝިހާނާ ބުނެލިއެވެ.

"އައި ޑޯންޓް މައިންޑް" ހީނލާފައި ހަލަފް ބުނެލިއެވެ. އަދި ލާނެތް ގޮތަކަށް ވިޝާންއަށް ބަލާލަމުން އެއްލޯ މަރާލިއެވެ. އެތަން ފެނި ހަލަފްގެ ކޮނޑުގައި ނިމްރާ ޖެހިއެވެ.

"ޢާއިލީ ވާރުތަކުރުމެއްތަ ތީ... އަބަދުވެސް ކޮންމެވެސް ނުލަފާ ޚިޔާލެއްކުރާނީ" ނިމްރާ ބުނެލިއެވެ.

"ކުޑަކުޑަ މީހެކޭ މިއުޅެނީ މާ ބޮޑުވެގެން" ހަލަފްއާ ދިމާކޮށްލުމުގެ ގޮތުން ޝިހާނާ ބުންޏެވެ. ހަލަފް ތުންކޮޅު ހަދާލުމާއެކު ކުދިކިޔާލިއެވެ. އުމުރުން ހަގު ވާހަކަދެއްކުމަކީ ހަލަފް އެހާ ގަޔާވާ މައުޟޫޢުއެއްނޫނެވެ. އޭނާއަށް ބަލާލާފައި އުމުރުން އަދިވާނީ އެންމެ އެކާވީސް އަހަރުކަމެއް ބުނާކަށް މީހަކަށް ނޭނގޭނެއެވެ. ބައެއްމީހުން ގާތު އެކިފަހަރު އެކި އުމުރު ހަލަފް ބުނަނީ އެހެންވެއެވެ. ލޮލަށް އޮޅުވާލަން ފަސޭހަވީމައެވެ.

ވިޝާންމެންގެއިން ނުކުމެ ޝިހާނާއާއި ނިމްރާއާއެކު ހަލަފް ވެސް އައެވެ. އޭނާ އެ މީހުންނާ ވަކިވާކަށް ގަސްދެއްނުކުރިއެވެ. ބާޒާރުކޮށް ނިންމާފައި އެނބުރި ހޮޓެލްއަށް އާދެވުނު އިރު މެންދުރު ފަސްވެއްޖެއެވެ. ޕެންޓްހައުސްއަށް ވަދެވުނު ގޮތަށް ނިމްރާ އެންމެ ފުރަތަމަ ވެސް މެސެޖުކުރީ އަރްސަލްއަށެވެ.

* * * * *

އިރުއޮއްސުނު ފަހުން ބިލާލަށް އަރްސަލް މެސެޖުކުރިއެވެ. ބައްދަލުކުރަން ބިލާލު ބޭނުންވަނީ ކޮންތާކުތޯ އަރްސަލް އަހާފައެވެ. ބިލާލު ޚިޔާލުފާޅުކުރީ އަރްސަލް ރުހޭކަމަށްވާނަމަ ބިލާލުގެ ގޭގައި ބައްދަލުކުރުމަށެވެ. ޖެހިގެން އޮތް ދުވަހަކީ ނިމްރާއަށް މުހިންމު ދުވަހެއްވީމާ އޭގެ އަނެއް ދުވަހު ބިލާލާ ބައްދަލުކުރަން އަރްސަލް އެއްބަސްވިއެވެ. އިރުއޮއްސޭ ވަގުތު ބައްދަލުކުރަން ގަޑި ކިއުމުން ބިލާލު އެދުނީ އިޝާ ނަމާދުގެ ފަހުން ބައްދަލުކުރުމަށެވެ. އެކަމާ ވެސް އަރްސަލް އެއްބަސްވިއެވެ.

* * * * *

"އަހަންނަށް އަދިވެސް ޤަބޫލެއްނުކުރެވޭ" މިސްކިތުން ފައިބައިގެން އައި މުއްޠަލިބު އެކުވެރިޔާއަށް ބުންޏެވެ.

"އަހަރެން ވެސް ހިޔެއްނުކުރަން ވާހަކަދައްކާނޭ، މީގެ ކުރީން ޒުވާބަކަށް ނުވާނޭ ކަމަށް އެއްވެސް ވާހަކައެއް ދެއްކިފައެއްނެތް، އެކަމަކު މިފަހަރު އެ އަޑުގައި ހުރީ މަޑުމައިތިރިކަން... އަހަރެން ދައްކާ ވާހަކަ އަޑުއަހަންކަން އެނގޭ ހުރީ" ބިލާލު ބުންޏެވެ.

"އެ ތަކެތި އަރްސަލްއަށް ދައްކަންތަ ތި ގަސްދުކުރަނީ" ބިލާލުގެ ހަޔާތާއި ބެހޭ އެންމެ ބޮޑު ސިއްރު އެނގިހުރެ މުއްޠަލިބު އަހާލިއެވެ.

"މުއްޠަލިބު ވެސް ބުނަމުންނު އައީ އަރްސަލްއަށް ހަޤީޤަތް ކިޔައިދޭން... އަހަރެން ވާހަކަތަކެއް ކިޔައިދީގެން އަރްސަލް ޤަބޫލެއްނުކުރާނެ، އެ ހަޤީޤަތް ޤަބޫލުކުރާކަށް ފަސޭހައެއް ވެސް ނުވާނެ، އަތުގައި ހުރި ހެކި ދައްކަން އެބަޖެހޭ، އަރްސަލްއަށް މިހާރު ނޭނގިއެއް ނޯންނާނެ ކައިވެންޏާއި ދެމަފިރިންގެ ދެމެދުގައި ހިނގާނޭ ކަންތައްތަކެއް، އަހަރެންގެ ދަރިފުޅު އަހަރެން ބޭނުން، އޭނާ ދުނިޔޭގައި ނެތްއިރު ވެސް އޭނާގެ ނުފޫޒު އެ ދަރިފުޅުގެ މައްޗަށް ހިނގަމުން މިހާ ދުވަހު އައީ" ބިލާލުގެ މޫނުމަތިން އެ ހިތުގައިވާ ރިހުން ފާޅުވިއެވެ.

"އަހަރެން ވެސް ބޭނުންވަނީ އެކުއްޖާއަށް ހަޤީޤަތް އެނގެން، އެކަމަކު ބައެއްފަހަރު ހިތައް އަރާ ހުރިހާ ކަމެއް އެނގުނީމާ ވެސް އަރްސަލް ޤަބޫލުކުރާނޭބާއޭ... ހުރިހާ ކުދީންނާ އޭނާ ތަފާތު" މުއްޠަލިބު ބުންޏެވެ. އޭނާ ބުނި އެއްޗަކާ މެދު ވިސްނާލަމުން ބިލާލު ތުނބުޅީގައި އަތްހާކާލިއެވެ.

"ދެއަތް އުރާލައިގެން ދެން ހުންނާކަށް ބޭނުމެއްނޫން، އަހަރެންގެ ދުލުގައި މީހަކަށް ހިފެހެއްޓުމުގެ ހައްޤެއް ލިބިގެނެއްނުވޭ، ވަރަށް ގިނަ ދުވަހު ކެތްކޮށްފިން ނުބުނެވޭތޯ، އެކަމަކު ދެނެއް ގަސްދެއްނުކުރަން އެކަން ސިއްރެއްގެ ގޮތުގައި ބާއްވަން، މުއްޠަލިބު ތީ އެދުވަހު އަހަރެންގެ އެންމެ ގާތުގައި ހުރެ ހުރިހާ ކަމެއް ދުށް މީހާ، އަރްސަލް އިތުރު ހެއްކަކަށް ބޭނުންވެއްޖެނަމަ މުއްޠަލިބަށް ފެނުނު ގޮތަށް އެ ހުރިހާ ހަޤީޤަތެއް ކިޔައިދެވޭނެއެއްނު، އަރްސަލްގެ ނިންމުން އަންނާނީ ކިހިނެއްކަމެއް މިވަގުތު ވިސްނާކަށް ބޭނުމެއްނޫން" ބިލާލުގެ ޚިޔާލު ހުރި ގޮތް ޒަމާންވީ އެކުވެރިޔާއަށް ހާމަކުރިއެވެ.

ދެ މީހުން އެކުގައި އައިސް ދުރުގައި ޕާކުކޮށްފައި އޮތް ކާރަށް އެރިއެވެ. އޭރު އެ މީހުންނަށްވުރެ ކުރީން މިސްކިތުން ފައިބައިގެން އައިސް ކާރު ކައިރީ ޑްރައިވަރު މަޑުކޮށްލައިގެން ހުއްޓެވެ.

* * * * *

އާ ދުވަހަކަށް ދުނިޔެމަތި އަލިވަމުން އައިއިރު ނިމްރާ އުޅެނީ ހޭލައެވެ. އެކަނިމާއެކަނި އެޕާޓްމެންޓުގައި އުޅޭތީވެ ކުރުސޯޓުބުރިއަކާއި ބޮޑު ޓީޝާޓެއްގައި ހުރި ނިމްރާ ބަދިގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔައީ ނާސްތާ ތައްޔާރުކުރުމުގައެވެ. ނިކަން އަވަހަށް ސައިބޮއެގެން އޮފީހަށްދާން ނިމްރާ ތައްޔާރުވިއެވެ. ރީތިވާ މޭޒު ދޮށުގައި އިނދެ ޝިހާނާ ދަސްކޮށްދިން ގޮތަށް ދުވާލުގެ ވަގުތާއި ގުޅޭ ލުއި މޭކަޕެއް ނިމްރާ ކުރިއެވެ. އަދި ހެދުންތަކުގެ ތެރެއިން "ފްލޯރަލް ޕެންސިލް ސްކާޓް"އަކާއި އެއާ ގުޅުވާލީ ހުދުކުލައިގެ ގަޔަށް ދޫކޮށް ހުރި ޝިފޯން ޓޮޕުކޮޅެކެވެ. ބޫޓާއި ފައިވާން އަތުރާފައި ހުރި ހަރު ކައިރިއަށް ނިމްރާ އައިސް "ނޫޑް" ކުލައިގެ "ޓްރާންސްޕޭރެންޓް ޕޮއިންޓެޑް ޓޯސް ޕަމްޕްސް" ނަގައިގެން ކޮޓަރިއަށް ނުކުތެވެ. އެނދުމަތީ އޮތް ފެހި ކުލައިގެ އަތްދަބަސް ނަގައިގެން ނިމްރާ ތިރިއަށް އައެވެ. ވަންނަ ދޮރުކައިރީ ހުރި ބަދިގޭގެ އައިލެންޑްމަތީ އަތްދަބަސް ބަހައްޓާފައި ބޫޓު ދޮރުކައިރީ ބެހެއްޓިއެވެ. އަށްގަޑި ބައިވަންވާއިރަށް ތައްޔާރުވެގެން ހުންނަން އަރްސަލް އޮތީ ބުނެފައެވެ. ނިމްރާ ގަޑި ބަލާލީ ދެނެވެ. ހޮޓެލްގެ މެނޭޖްމަންޓް ސްޓާފުން ދެކޭނޭ ގޮތެއް ނޭނގޭތީވެ ނިމްރާ ހުރީ ހިސާބަކަށް ހާސްވާގޮތްވެފައެވެ. އެހެންނަމަވެސް އޭނާ ހިތްހަމަޖައްސާލީ ހުރިހާ ކަމެއްގައި އަރްސަލްއާއި ރާދިންގެ އެހީތެރިކަން ލިބޭނޭކަން އެނގޭތީއެވެ.

ދޮރުހުޅުވާލިކަން އެނގުމުން ސޯފާގައި އިނދެފައި ނިމްރާ ތެދުވިއެވެ. އޭރު އަރްސަލް އެތެރެއަށް ވަދެއްޖެއެވެ. ނިމްރާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް އަރްސަލް ނަޒަރު ހިންގާލިއެވެ.

"ރެޑީ" ހިނިތުންވެލަމުން އަރްސަލް އަހާލިއެވެ. ނިމްރާ ބޯޖަހާލާފައި އަތްދަބަސް ނަގަމުން ދޮރުކައިރީ ބެހެއްޓި ބޫޓަށް އެރިއެވެ. އެވަގުތު ކޮޅު ތެރޭ ވެސް ނިމްރާއާ ގާތްވެލާ ކަރުދޮށުގައި އަރްސަލް ވަސްގަނެލިއެވެ.

"އަ.ރް.ސަ.ލް" އަޑަށް ބާރުލަމުން ނިމްރާ ގޮވާލިއެވެ. ހިނިގަނޑެއް ޖަހާލަމުން އަރްސަލް އެޕާޓްމެންޓުން ނުކުތެވެ.

އޮފީސްކަންތައްތައް ހިންގާ ބަޔަށް ނިމްރާ ގޮވައިގެން އަރްސަލް އައެވެ. ފުރަތަމަ ވެސް ވަނީ އަރްސަލްއާއި ރާދިން ތިބޭ ކެބިންނަށެވެ. މި ނޫނީ އެ ދެ ޒުވާނުން މަސައްކަތްކުރާ އޮފީސް ހުންނަ ގޮތެއް ނިމްރާ ނުދެކެއެވެ. ރާދިންއަށް ނިމްރާ ފެނުމާއެކު ނިކަން ފުޅާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަދި ނިމްރާ ތައްޔާރުވެލައިގެން ހުރިލެއް ފުރިހަމަކަމުން އެކަމަށް ތާރީފުކޮށްލިއެވެ. ނިމްރާ މަސައްކަތްކުރަން ހަމަޖެހިފައި ހުރި ޑިޕާޓްމެންޓާއި އޭނާގެ ކެބިން ދައްކަން އައީ އަރްސަލްއާއި ރާދިން އެކުގައެވެ. ނިމްރާއަށް ޕާސަނަލް އެސިސްޓެންޓް ހުންނާނޭކަން އަރްސަލް ހާމަކުރީ ނިމްރާގެ ކެބިންއަށް ވަދެފައެވެ. ހުރިހާ އެއްޗަކަށް ނިމްރާއަށް އެކްސެސްދީފައިވާނޭކަން ވެސް ބުންޏެވެ.

ދިހައެއް ޖަހާއިރަށް ހަމަޖެހިފައި އޮތް ބައްދަލުވުމަށް އަރްސަލްއާއި ރާދިންއާއެކު ކޮންފަރެންސް ހޯލަށް ނިމްރާ އައެވެ. އޭރު އެތަނަށް ޑިޕާޓްމެންޓަކުގެ ހެޑުންނާއި ގިނަ އަދަދެއްގެ ސްޓާފުން ޖަމާވެފައިވެއެވެ. ހޮޓެލް ހުޅުވި ރޭ އިސްކޮށް ހަރަކާތްތެރިވި ޖެނެރެލް މެނޭޖަރު ފެނުމުން ނިމްރާއަށް އޭނާ ފާހަގަކުރަން އެނގުނެވެ. އޭނާ ވެސް ނިމްރާ ފެނުމުން ހިނިތުންވެލި ގޮތުން ހީވީ ނިމްރާއަކީ ކާކުކަން އެނގިގެން ބަދަލުކޮށްލި ހިނިތުންވުމެއް ހެންނެވެ. އެންމެން ހަމަޖެހުމާއެކު ބައްދަލުވުން ފެށިގެންދިޔައެވެ. ހޮޓެލްއާއި އަރްސަލްގެ ކުންފުނީގެ ސީއެފްއޯގެ ގޮތުގައި ނިމްރާ ތަޢާރަފުކޮށްދިނީ ރާދިންއެވެ. އަރްސަލް އެއްވެސް ވާހަކައެއް ނުދައްކައެވެ. ބައްދަލުވުން ނިމުމުން ހުރިހާ ސްޓާފުން ކަހަލަ ގޮތަކަށް ނިމްރާއާ ސަލާމްކޮށް މަރުޚަބާކިއެވެ.

"އަދި އެކަކު އެބަހުރި އިނގޭ... އިރުކޮޅަކު އަންނާނެ" ކޮންފަރެންސް ހޯލްއިން ނުކުމެގެން އަރްސަލްއާއި ރާދިންގެ ކެބިންއާ ދިމާއަށް ދަމުން ނިމްރާގެ ގާތުގައި ރާދިން ބުންޏެވެ.

"ހޮޓެލްގެ ސެކިއުރިޓީ ކަންތައްތައް ބަލަހައްޓައިދޭ ފާމްގެ ސީއީއޯ... ޒޭވިއާ" ރާދިން އިތުރަށް އޮޅުން ފިލުވައިދިނެވެ.

"އަރްސަލް ބުނި އެއީ ކްލޯސް ފްރެންޑެކޭ" ނިމްރާއަށް އެނގިފައި އޮތްވަރުން ބުނެލިއެވެ.

ކެބިންގައި ހުރި ސޯފާގައި އަރްސަލްއާއެކު ނިމްރާ އިނެވެ. ރާދިން އިނީ އޭނާގެ މޭޒު ދޮށުގައެވެ. ތިން މީހުން ވާހަކައިގައި ތިއްބާ ބިއްލޫރ ދޮރުގައި ޓަކި ޖަހާލިއަޑުއިވުނެވެ. އަރްސަލް ހިނިތުންވެލަމުން އަތުން އިޝާރާތްކޮށްލިއެވެ. އެއާއެކު ކަޅުކުލައިގެ ކޯޓުފަޓުލޫނުގައި ހުރި ޒުވާނަކު އެތެރެއަށް ވަދެއްޖެއެވެ. އޭނާ ފެނުމާއެކު ނިމްރާއަށް ކޮޅަށް ތެދުވެވިއްޖެއެވެ.

"ހީ އިޒް ޒޭވ..."

"ޒިވަން!" އަރްސަލްއަށް ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ނިމްރާ ބުނެލިއެވެ. އެހިނދު އަރްސަލްއާއި ރާދިން ވެސް ނިމްރާއަށް ބަލާލީ ހައިރާންވެފައި ހުރެއެވެ.

"ހޭއި... ޔޫ ހޭވް ގްރޯން އަޕް ސޯ ބިއުޓިފުލް" ލުއި ހީނލުމަކާއެކު ޒިވަން ބުނެލިއެވެ. އަދި ނިމްރާއާ ސަލާމްކޮށްލުމަށް އަތްދިއްކޮށްލިއެވެ. ނަމަވެސް އަރްސަލްގެ ނިތަށް ގިނަވި ރޫތަކާއެކު ނިމްރާ އުފުލާލި އަތުގައި ހިފައިފިއެވެ. (ނުނިމޭ)