ކާނާ

ދޮންކޭލުގެ އެންމެ މުހިންމު ބާވަތް ހުސްވެދާނެ!

ދުނިޔޭގައި މިހާރު ކައި އުޅޭ ތަފާތު ވައްތަރުގެ ދޮންކޭލުގެ މަންމަ ކަމަށް ގަބޫލުކުރާ ކެޔޮ ނިރުގެ ބާވަތެއް ނެތިގެން ހިނގައިދާނެކަމުގެ ބިރާއެކު ދުނިޔެއިން ދޮންކެޔޮ ހުސްވެދާނެ ކަމުގެ އިންޒާރުދީފި އެވެ. ދޮންކޭލުގެ މަންމަ ނިރު މިހާރު ވަނީ މުސްތަގުބަލުގައި ދުނިޔެއިން ނެތިގެން ހިނގައިދާނެކަމަށް ހީވެފައިވާ ތަކެތީގެ ލިސްޓަށް ލާފަ އެވެ.

އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ މަޑަގަސްކަރާއިން ހަމައެކަނި ފެންނަ މި ނިރުގެ މިހާރު ހުރީ އެންމެ ފަސް ގަހެވެ. ސައިންސްވެރިން އިންޒާރުދިން ގޮތުގައި މި ނިރުތައް ހިމާޔަތްކޮށް، ދިރުވާ އާލާ ނުކުރެވިއްޖެނަމަ މުސްތަގުބަލުގައި ކާން ބޭނުންކުރާ ދޮންކެޔޮގެ ބާވަތްތައް ދުނިޔެއިން ނެތިގެން ދިއުމަކީ ދުރުގައިވާކަމެއް ނޫނެވެ.

ދުނިޔޭގައި މިހާރު މީހުން އެންމެ ގިނައިން ކައި އުޅޭ ދޮންކޭލުގެ ބާވަތައް ކިޔަނީ "ކެވެންޑިޝް" ނުވަތަ މަޑަގަސްކަރާ ދޮންކެޔޮ އެވެ. މި ބާވަތަކީ ވަރަށް ފަސޭހައިން ނުރައްކާތެރި ވައިރަސްތަކަށް ހަމަލާދެވޭނެ ބާވަތަކެވެ. އާންމުކޮށް ދޮންކެޔޮ ނިރު މަރުވަނީ ޕަނަމާ ބަލީގެ ސަބަބުންނެވެ. ނަމަވެސް ސައިންސުވެރިން ބުނި ގޮތުގައި މި ގަސްތަށް މަރުވީ އެ ބަލިޖެހިގެނެއް ނޫނެވެ.

މި ގަސްތަށް ނެތިގެންދިއުމަށް މެދުވެރިވާ ސީދާ ސަބަބު އަދި ކަށަވަރު ނުވި ނަމަވެސް ސައިންސުވެރިން ބުނީ ބޮޑަށް ބެލެވެނީ ދުނިޔެ ހޫނު ގަދަވުމުގެ ސަބަބުން މި ގަސްތަކަށް ލިބެންޖެހޭ ވަރަށް ފެން ނުލިބޭތީ ވާގޮތެއް ކަމަށެވެ.

"ކެވެންޑިޝް" ބާވަތުގެ ދޮންކެޔޮލުގެ އެތެރޭގައި އޮށެއް ނުހުންނާނެ އެވެ. މި ބާވަތުގެ ނިރަކީ އޮށް އިންދައިގެން ފަޅުވާ ގަހެއްވެސް ނޫނެވެ. މި ނިރު ހެދޭނީ މި ބާވަތުގެ އެހެން ގަހަކުން ފަޅާ އާ ކުރިއަކުންނެވެ. މީގެ މާނައަކީ މި ބާވަތުގެ އެންމެ ގަހެއްގައިވެސް ވައިރަސްއެއް ހުރިނަމަ ދެން އަލަށް ފަޅާ ނިރުގައިވެސް އެ ބާވަތުގެ ވައިރަސް ހުންނާނެ އެވެ.

މި ވައިރަސް އެންމެ ގިނައިން މިހާރު ފެތުރެމުންދަނީ އޭޝިއާގެ ގައުމުތަކުގައި ކަމަށް ސައިންސުވެރިން ބުނެ އެވެ.