ބޮލީވުޑް

ފުރަތަމަ ފަހަރަށް ރަންބީރުގެ ފިލްމަކަށް 200 ކްރޯޑު

އަހަރުގެ އެންމެ އިންތިޒާރުކުރެވުނު ފިލްމުން ފެށިގެން، ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި މި އަހަރުގެ ފިލްމުގެ ރެކޯޑާއެކު އިތުރު ގިނަ ރެކޯޑުތަކެއް އެންމެ ހަފްތާއެއްގެ ތެރޭގައި ފިލްމު "ސަންޖޫ" މި ވަނީ ހޯދާފަ އެވެ. ރާޖްކުމާރް ހިރާނީ ޑައިރެކްޓުކޮށް، ރަންބީރް ކަޕޫރް ލީޑުން ފެނިގެންދާ މި ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށް ގެނެސްދިން ފިލްމެކެވެ.

މި ފިލްމު ސިނަމާތަކުގައި ދައްކަމުން އަންނަތާ އިއްޔެއަށް ހަފްތާއެއްވީއިރު، ބޮކްސް އޮފީހުގައި ވަނީ 200 ކްރޯޑުގެ އާމްދަނީއެއް ހޯދާފަ އެވެ. މި ފިލްމަކީ ރާޖްކުމާރް ހިރާނީއަށްވެސް ބޮޑު ކާމީޔާބީއަކަށް ވާއިރު، އެންމެ ބޮޑު ކާމިޔާބީއެއް މި ލިބުނީ ރަންބީރް އަށެވެ. ރަންބީރްގެ ފިލްމަކަށް ބޮކްސް އޮފީހުގައި 200 ކްރޯޑު ލިބުނު މިއީ ފުރަތަމަ ފަހަރެވެ. މި ފިލްމާއި އެންމެ ގާތުން ވާދަކުރާ ރަންބީރްގެ ފިލްމަކީ، 188 ކްރޯޑުގެ އާމްދަނީއަކާއެކު ފިލްމު "ޔޭ ޖަވާނީ ހޭ ދިވާނީ" އެވެ.

ސަންޖޭގެ ހަޔާތުން ގިނަ ސަފުހާތަކެއް ގެނެސްދޭ މި ފިލްމުގައި އާންމުކޮށް ބޮލީވުޑްގެ ފިލްމުތަކުގައި ހިމެނޭ ހުރިހާ ރަތަކެއް ހިމެނެ އެވެ. ޑަރްގާއި ރަލުގެ ވަބާގައިޖެހި ސަންޖޭގެ ހަޔާތަށް އައި ލޮޅުންތަކާއި ބޮޑެތި ކުއްތަކުގައި އޭނާ ޝާމިލުވި ގޮތާއި ޖަލުގައި ހޭދަކުރަންޖެހުނު ދުވަސްތަކުގެ އިތުރުން އޭނާގެ ޒާތީ ދިރިއުޅުމާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހުންގެ ވާހަކަތައްވެސް މި ފިލްމުގައި ގެނެސްދީފައިވެ އެވެ.

"ސަންޖޫ" ގެ ލަވަ "ކަރް ހަރް މައިދާން ފަތޭ".

ބޮކްސް އޮފީހުގައި 34.75 ކްރޯޑު ހޯދާއި އަހަރުގެ އެންމެ ބޮޑު އޯޕެނިން މި ފިލްމު ހޯދިއިރު، ފިލްމު އެޅުވި ފުރަތަމަ ހަފްތާ ބަންދުގައި 100 ކްރޯޑު ހޯދި ފިލްމުގެ ރެކޯޑުވެސް ވަނީ މުގުރާލާފަ އެވެ. އެނަލިސްޓުން ލަފާކުރާ ގޮތުން ކުރިއަށް އޮތް ހަފްތާ ނިމެންވާއިރަށް މި ފިލްމަށް 300 ކްރޯޑު ލިބިގެންދާނެ އެވެ.

ފުރަތަމަ ދުވަހުގެ ފިލްމު ރިވިއުތަކަށް ބަލާއިރު ރަންބީރްއަށް ގިނަ ބައެއް ތައުރީފު ވަނީ އޮހިފަ އެވެ. މި ފިލްމަށް ފިލްމުފެއާއިން ވަނީ ފަހަކުން ހަތަރު ތަރީގެ ރޭޓިންއެއްވެސް ދީފަ އެވެ.